ހީނާއަށް: ކެންސަރާ އަންހެން ކާޑުން ވައްކަން ހަލާލެއް ނުކުރެވޭނެ!
ހީނާ ވަލީދަކީ ބަލިވުމުގެ ފައިދާ ނަގައިގެން ފާޅުގައި ބޮޑެތި ދޮގުހަދަމުންދާ ދޮގުވެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަންހެނަކަށް ވީތީ މީހަކު ހީނާއަކަށް ފާޑެއް ނުކިޔައެވެ. ކެންސަރުގެ ބަލިމީހަކަށް ވިޔަތީވެސް މީހަކު ފާޑެއް ނުކިޔައެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ދައުލަތުގެ ޒިންމާދާރު ދެމަގާމް އަދާކުރާ މީހަކީ އަންހެނެއްތޯ ފިރިހެނެއްތޯ ފާޑުކިޔާކަށް ނުބަލާނެއެވެ. ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ދައުލަތުގެ ޒިންމާދާރު މަގާމްތައް އަދާކުރާ މީހަކަށް ފާރަވެރިވާނެއެވެ. ފާޑުކިޔާނެއެވެ.
ބަލިހާލުގައި އުޅޭ ބަލި މީހުނަށް އާސަންދައިން ނުލިބޭ އެހީތެރިކަން ދިނުމަށާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުން އުފައްދާފައި ހުންނަ މުއައްސަސާއަކީ އެންސްޕާއެވެ. އެންސްޕާއިން ދިނުމަށް ކަނޑައަޅާ މަދު ފައިސާކޮޅު ބަލިމީހާއާއި ހަމައަށް ފޯރަން މަސް، ދެމަސް ނަގާ ދިގު ކިޔުއެއް އޮވެއެވެ. ރައްޔިތުންނަށް ބޭސްފަރުވާ ނުކުރެވިގެން ސަލާން ޖަހަމުން ދުވާކަން އެންސްޕާ ހިންގަންހުންނަ ހީނާއަކަށް ނޭނގެއެވެ.
އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުން އުފައްދާފައި ހުންނަ މުއައްސަސާ އެންސްޕާގެ ވެރިއަކަށް ހުރެ މުއިއްޒުގެ އެމްއެމްޓީވީއަށް އެހީތެރިވުމަށް 34 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގުމަށް ހީނާ މަގުފަހިކޮށްދިނެވެ. އާރާއި ބާރުގައި ތިބީތީ މަތިމައްޗަށް އެކަން ދޮގުކުރެވިދާނެއެވެ. ދެފުށް ފެންނަ ރަނގަޅު ތަހުގީގެއް ހިންގައިފިނަމަ ޔަގީނުންވެސް ހީނާއަށް އެކަމުން ބޯދަމައި ނުގަނެވޭނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.
އަނެއްކޮޅުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަންގެ ގޮތުގައި ހުރެގެންވެސް ގިނައިން ހަދަނީ ރޯމަރު ދޮގެވެ. ރައްޔިތުންނަށް ކަންކަން އޮޅުވާލުމާއި ސަބަބުވެރި އިންސާނާގެ ސިކުޑިއަށް ގަބޫލު ނުކުރެވޭ އެތައް ވާހަކައެއް މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ހީނާ ވަލީދު ވަނީ ދައްކާފައެވެ.
ބޮޑު މަގާމާ ޖެހުމުން ހީނާއަކީ ބަލިހާލުގައި ގޮތް ހުސްވެފައި އޮތްއިރު ބޮޑެތި ފައިސާގެ އަދަދުން އެހީތެރިވީ މީހުން މަތިން ހަދާން ނައްތާލައިގެން އުޅޭ ހިތުގައި އިހުސާންތެރިކަމުގެ ކަންފުޅެއްވެސް ހުރި އަންހެނެއް ނޫންކަމަށް އެމީހުން ބުނެއެވެ. އެވަރު މީހަކު މީހުން އެއްކޮށްގެން އެހެން މީހުންގެ އިންސާނިއްޔަތުކަން ނުހުންނަ ވާހަކަ ދައްކަން ލަދު ނުގަންނަކަމެވެ.
އެވަރު މީހަކު ގިސްލަ ގިސްލާފައި މީހުން އެއްކޮށްގެން ތަހައްމަލު ކުރި ކެންސަރ ބައްއޔާއި އަންހެން ކާޑް ކުޅެގެން ހަމްދަރު ހޯދަން އުޅޭނެ ކަމެއްނެތެވެ. ހީނާއަށް ފާރަވެރިވެ ފާޑު ކިޔަނީ ބައްޔެއް ޖެހިފައި ހުރި އަންހެނަކަށް ވެގެނެއް ނޫނެވެ. ދައުލަތުގެ ޒިންމަދާރު ދެ މަގާމެއްގައި ހުރެ ހިޔާނާތާއި ފަސާދައާއި ކޮރަޕްޝަން ހިންގާކަމަށް އެތައް ބަޔަކަށް ގަބޫލު ކުރެވޭތީއެވެ. ކެންސަރު ޖެހުމާއި އަންހެނަކަށް ވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ހަމްދަރުދީ ހޯދަން ހީނާއެއް ކަމަކު އުޅޭނެކަމެއް ނެތެވެ.

