އިންޑޯ-ޗައިނާ ވާދައިގެ މެދަށްލާ މުއިއްޒު ރާއްޖެ ފިއްތާލިގޮތް.
ދިވެހިރާއްޖެ މިއޮތީ އިންޑިއާ ކަނޑުގައި އުޅޭ ޕާޓޭއަކަށް ވެފަ!
އެންމެނާ ގުޅޭ އެކުވެރި ސުލްޙަވެރި މެހެމާންދާރީ އަދާ ކުރުމުގައި ދުނިޔެއަށް ނަމޫނާ ދެއްކި ދިވެހިރާއްޖޭގެ ރީތިނަން ކިލަނބުވެ މާޒީގެ ތެރެއަށް ގޮސް އޮބާލަނީއެވެ.
މިހާރުމިއީ ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އަވަށްޓެރި އިންޑިއާ އާއި މާދުރުގައި އޮތް ޗައިނާގެ ވާދައިގެ އަލިފާނަށް ދަރުއަޅައިދޭ ގައުމެވެ.
މިހިނދުން މިހިނދަށް ހިނގާ ކަމަކީ ރާއްޖޭގެ އިރުމައްޗާ ހުޅަނގުގެ އިގްތިޞޯދީ އިިމުގައި ޗައިނާގެ ޖާސޫސީ މަނަވަރު ފަހަރުން އަތްފުނާ އަޅަމުން ކުރާ ކަމެއް ކުރަނީއެވެ. އަނެއްކޮޅުން ރާއްޖޭގެ އުތުރުން ގޮވާލީމާ އަޑު އިވޭ ހިސާބު ކައިރީގައި އޮތް އިންޑިއާގެ ސަރަހައްދު ބަލަހައްޓާ މަނަވަރު ފަހަރުން ހަތިޔާރާއެކު ދިވެހި މަސްދޯނި ފަހަރަށް އަރާ ބަލާފާސް ކުރަނީއެވެ.
އަމިއްލަ ސަރަހައްދު ބެލެހެއްޓޭވަރުގެ ގާބިލްކަން ނެތް ވާހަކަ ރާއްޖޭގެ އަސްކަރިއްޔާގެ ޖެނެރަލުން ތަކުރާރުކޮށް ބުނެބުނެ އޮއްވާ ވެރިކަމުގެ އެދުމުގައި އުޅެގަތް ގޮތުން ދިވެހިރާއްޖެ މިވަނީ ދުނިޔޭގެ ބޮޑު ދެބާރެއްގެ ވާދަވެރި ކަމުގެ ޝިކާރައަކަށްވެ، އެދެމެދުގައި ތާށިވެފައެވެ.
ބެދިފައިހުރި މަޅި ދުވަހެއް ދުވަހަކަށް ބާރުވެ ދިވެހިންނަށް ނޭވާ ނުލެވުނަސް ތިމާމެންނަށް ރާއްޖޭގެ ވެރިކަން ލިބެނިކޮށް ހެޔޮވެފައެވެ.
ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ ސުލްޙައަށް ލޯބި ކުރިގައުމެކެވެ. އެންމެނާ އެކުވެރި އެންމެންގެ ރުހުން ލިބިފައިއޮތް ފަޚްރުވެރި މިނިވަން މުސްތަގިއްލު ގައުމެކެވެ. ނަމަވެސް ވެރިކަމުގެ އެދުމުގައި ނެތް މައްސަލަތައް އުފައްދާ ބޮޑުކޮށް، ފިތުނަވެރި ނަފްރަތުގެ ބަސްތައް ތިމާމެންނާ އަރާ އަރަފޯދިގެންނުވާ ބޮޑެތި ގައުމުތަކާ އެގައުމުތަކުގެ ސަރުކާރަށް އަމާޒުކުރީ ލައްކައެކޭ ހީވެގެން ތިބެއެވެ.
އެއްބަޔަކަށް ވިކި ހުސްވެގެން އަނެއް ބަޔަކާ ދިމާކުރީމާ އެއީ ކޮން ގައުމިއްޔަތަކާ، ކޮން މިނިވަންކަމަކާ އިސްތިގުލާލަކާ ސިޔާދަތެއް ހެއްޔެވެ؟
ދީނާ ގައުމުދެކެ ލޯބިވާކަން ދައްކަނީ ވެރިކަމުގެ އެދުމުގައި، ހަމައެކަނި ބޭރު ފުށަށެވެ. މިހެން ކިޔައިގެން ނުކުމެ އުޅެނީ އެހެން ދިވެހިންގެ ނެތް ލޯތްބަކާ ހުރުމަތެއް ދީނާ ގައުމަށް ހުރެގެން ކަމެއް ދެނަހުރި މީހަކު ނެތެވެ. ރާއްޖެ ކުޑަވީމާ މިއުޅޭ އެންމެންނަކީ ދެންތިބި މީހުންވެސް ދެކެފަރިތަ ދަންނަ، އެމީހުންގެ މާޒީއާ އުޅުމާ ގުޅުންތައް އެނގޭ މީހުންނެވެ.
ފައިސާ ފޮއްޗެއް އަތުޖެހެން އޮތިއްޔާ އެދިރުވާ ނުލާ ލޮލުފިޔަ ނުޖެހުނު މީހުން ވެރިކަން ބޭނުންވީމާ ގައުމުދެކެ ލޯބިން ދެފައިގާތް ނުވާ އަމާނާތްތެރިން ކަމުގައި ހެދިގަނެއެވެ. ލާާހެއްދެވިހާ ގޮތަކަށް އުޅެމުން، ދޮގެއް ހެދެން އޮއްވާ ތެދެއް ނުބުނެ، އަނބުރައިގަނެގެން ވެސް ހުޅަނގަށް ބޯއޮންނަ ގޮތަށް ނުވެއްޓި އުމުރުހުސް ކުރާ އިރު، ވެރިކަމާ ޖެހުމުން އިސްލާމް ދީން ދެކެ އެހެރަވާ ކަމަށް ދައްކާ ގިރިޓީ ލޯތްބެކެވެ.
ބުނަން ހެއްޔެވެ؟ މާދީނީ އަދި ގައުމީ ވެގެން ތިޔަ އުޅޭ އެކަކީ ވެސް އެތެރޭގައި އޭގެ ކަންފުޅެއްވެސް ނެތި ކުއްލިއަކަށް ދެހަން ދޭތެރެއަށް ގައުމިއްޔަތު ވަދެގެން ތުރުތުރު އަޅާ މީހުންނެވެ. ތިޔައީ ހަމަ އެހެންވެސް މިއުޅޭ ދިވެހިން ފަދަ މީހުންނެވެ. ގައުމިއްޔަތުގައި ޖެހިގެން އަނގައިން ފޮނުއަރުވާ އަތްފައި ބަޅާބުޅި އަރުވަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ވެރިކަން ހޯދައިގެން ޖީބު ބޮޑުކުރުމުގެ ބޭނުމުގައި އެކަންޏެވެ.
ހައްދުފަހަނަ އެޅި ގައުމިއްޔަތު އަމިއްލަ އެދުމަށްޓަކާ ކުރިއަށް ނެރެގެން ވަޖިދުވުމުން ގައުމަށް ވަމުންދާ ގެއްލުން ދެކޭށެވެ. ދުނިޔޭގެ ކުރިމަތީގައި އޮތް ސުލްހަވެރި އެކުވެރި ދިވެހިރާއްޖެ މިއޮތީ ތަޅާފޮޅާ ޒުވާބު ކުރަން މަގުމަތީގައި އުޅޭހެން އިންޑިއާ ކަނޑުގައި އުޅޭ ޕާޓޭ އަކަށް ވެފައެވެ.
ހުރިހާ ގެއްލުމެއް އޮތީ ރައްޔިތުންނަށެވެ. ގައުމުގެ އިރާ ހުޅަނގުގެ އިގްތިޞޯދީ އިމުގައި ޗައިނާގެ މަނަވަރުތައް ޖާސޫސް ކުރަނީއެވެ. އުތުރުން މަހަށް ނުކުންނަ ދޯނި ފަހަރަށް އިންޑިއާގެ ބޯޑަރު ސިފައިން ހަތިޔާރާ އެކު އަރާ ފާސްކުރަނީއެވެ.
ދިވެހިންގެ ރާއްޖެއޭ ކިޔަމުން ވެރިކަމަށް އަރާ ގައުމު މިއޮތީ ކާޅަށްދީފައެވެ. މިއަށްވުރެ ބޮޑު އަނިޔާއެއް، ޚިޔާނާތެއް ދިވެހިންގެ ބަޔަކު މިގައުމަކާ ކުރިމައްޗެއް ނުކުރެއެވެ.