ނިތްކުރީގައި ފޮތި ބަނދެގެން ވައްޓާލަން ނިކުންނާނެ ބަޔަކު ނެތީތަ1
އަމީނު ދީދީގެ ވެރިކަމާ ނުރުހިގެން އެކަން ނިންމާލީ ގުޅެކުޅޭ ފަސްގަނޑުންނެވެ. ޑިމޮކްރަސީ އައިސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން މުލުން ލުހެލިއެވެ. ނަޝީދުގެ ވެރިކަމާ ހިތާނުވެގެން ބަޔަކު ނިއްކުރީގައި ފޮތި ބަދެގެން ނިކުމެ މޫދުން ވުލޫކޮށްގެން ނަޝީދުގެ ވެރިކަން ވައްޓާލިއެވެ.
ބަދަލުކުރި ވެރިކަންތަކާއި ވައްޓާލި ވެރިކަންތަކަށްވުރެ ހާސްގުނަ މުއިއްޒުގެ ވެރިކަން ނުބައެވެ. ހަމައެއް ލަމައެއް ނެތެވެ. ގޮތެއް ފޮތެއް ނެތެވެ. ދުސްތޫރީ އާދާލަތު ހޯދަން ކޯޓަށް ދިޔުމުން އުކާލީ ފަނޑިޔާރުންނެވެ. ރައްޔިތުންގެ މަންދޫބުން ތިބެނީ ވަލުކުއްތާ ތަކެއްހެން ކޮއްޓަށް ލާފައެވެ. މިނިވަން މުއައްސަސާ ތަކަކީ ސާހިބުގެ ބުމަރު ތަކެކެވެ. ދުލާ ގަލަމުގެ މިނިވަންކަން އޮތީ ތައުރީފާއި ހުޝާމަދަށް ނޫނީ ނުހުޅުވޭ ގޮތަށް ތަޅުލާފައެވެ. ކުލީ ގަލަން ތަކުން ހިންޏަށް ހަކުރު އޮޅުވާލާ ހިޔާލީ ފޮލާ ކައްކާދީގެންނާއި ނަނާ ހުވަފެނުގައި ރައްޔިތުން ބައިތިއްބާފާ ތިބީ ވާނުވާގައެވެ.
ސަރުކާރު ކުންފުނިތަކަށް އޮތީ އެ މީހުންގެ މޭންޑޭޓް އޮޅުވާލާފައެވެ. އެސްޓީއޯއިން ކުނި އުކާލާ ވެމްކޯއިން ބޭސް އުފައްދާ ހިސާބަށް ކަންކަން ހިނގައްޖެއެވެ. އެމްޓީސީސީން މަސް ކައްކާ ހިއްކާ ހިސާބަށް ގޮސް ގައުމު މިވަނީ ފާލުންނައްޓާ ހީރަސް ކެނޑިފައެވެ. އެއަރޕޯޓް ކޮންޕެނީން ޖިމް ހިންގުމާއި ސްޓެލްކޯއިން ކުކުޅު ގެންގުޅުމާއި މިފްކޯއިން ހޮސްޕިޓަލް އަޅާ ހިސާބަށް ގައުމު ލާހޫރެން ފެށީމާ ނުވެ ނުދާނެ ހުރިހާ ގޮތެއް ގައުމަށް އެބަވެއެވެ.
މަނިޓަރީ އޮތޯރިޓީ ބިން ގަނެ ބިން ވިއްކާ ކޮޓަރި ކުއްޔަށް ދޭ ހިސާބަށް ގައުމުގެ ހާލަތު ވެއްޓިއްޖެއެވެ. ޕެންޝަން ފަންޑަކީ ސަރުކާރުން ދައްކަންޖެހޭ ބިލްތައް ދަައްކަން އޮތް ތަނަކަށް ވެއްޖެއެވެ. ވާރުތަވީ ދަރަނީގެ ވާހަކަ ދައްކަމުން ދަރަނި ނުދައްކާ ދަރަނި މައްޗަށް ދަރަނި ނަގަމުންގޮސް ދަރަންޏަށް އެއްޗެއް ދިއްކޮށްލާނެ ބަޔަކުވެސް ނެތިއްޖެއެވެ. އަނގަޔާ އަތާ ދިމާނުވިޔަސް ދަރަނިން ބޯހިކެން ނެތަސް އެތަކެއް މިލިޔަނުން ޑޮލަރު ހޭދަކޮށްގެން ޑްރޯނާއި މަނަވަރު ހޯދައިގެން އެތަކެތި ބަލަހައްޓާ ހިންގުމަށް ދާއިމީ ބޮޑެތި ހަރަދުތައް ކުރަންޖެހޭ ގޮތަށް ޖައްވީ އުޅަދު ހޯދާ ހިސާބަށް ހިތް މޮޅުވީމާ ބޮލާއަޅާ ވެއްޓުން އަވަސް ވާނެކަމެއް އެނގެނީއެއް ނޫނެވެ.
ވެރިންނާއި ވެރިންގެ ރައްޓެހީނާއި ވަންހަދިލަކޮޅަށް ސަރުކާރުން މުސާރަދޭން ހިންގާ ސަރުކާރެއްގެ ދާމޫގަނޑުގައި އޮންނާނީ ކޮންވަރެއް ހެއްޔެވެ. ނުފުއްދޭ ހޮޅި ވައުދުވަމުން ހުއްޓަނުލާ ރަށްރަށަށް ދަތުރު ދިއުމާއި ދުނިޔެ ބަަލައިލަން އުދުހުން އާދަކޮށް ކުރާ އިސްރާފުން ހުދުފުށް ވަނީއެވެ. ރަސްމާލެއާއި ޑްރޯނާއި ބިޔަ ޕްރޮޖެކްޓްތައް ހިންގުމަށް ބީއެމްއެލްއާއި ސަރުކާރު ކުންފުނިތަކުގެ ލޭކޮށާލައިގެން ފައިސާ ނެރެ އެ ފައިސާތައް ލޫޓުވާލައިގެން ފިލަން އުޅޭ ކަހަލައެވެ.
ރައްޔިތުންނަށް ފަސޭހައިން އަތްނުފޯރިޔަސް ކަރަންޓާއި ފެނާއި ބޭހާއި ކާޑާ އަދި ލިބޭކަމީ ގައިނަސީބެވެ. މިދާވަރުން ދަންޏާ ދުވާލުގެ ބޮޑުބައިގާ ކަރަންޓާއި ފެން ލިބުމަށްވުރެ ގާތީ ނުލިބުމެވެ. ބޭސް ފަރުވާކޮށްގެން ގަދަވާ މީހުނަށްވުރެ ފަރުވާ ނުލިބިގެން މަރުވާ މީހުންނާއި ބަނޑަށް މަރުވާ މީހުން ގިނަ ނުވެއެއް ނުދާނެއެވެ. ގައުމު އެހާލަތަށް ވައްޓާލާފައި ގޮޓަބަޔާ އާއި ހަސީނާ ދިޔަމަގުން ފިލާ ރައްކާވުމުގެ ކުރިން ވައްޓާލަން ލޮނުން ވުލޫކޮށް ނިއްކުރީގައި ފޮތިބަންނާނެ ބަޔަކު މިހާރު ހަމަ ނެތީހެއްޔެވެ.