އިންސުއަރެންސް ކުންފުނިތައްވެސް މުއިއްޒު ސަންދޯކު އަޅަނީ!

އާއްމުންނަށް ޕްރައިވެޓް އިންސުއަރެންސް ހެދުމުގެ ބޭނުން ކަނޑުވާލައިފި

އިންސުއަރެންސް ކުންފުނިތައްވެސް މުއިއްޒު ސަންދޯކު އަޅަނީ!

އެކިއެކި އިންސުއަރެންސް ކުންފުނިތަކަށް އަހަރުން އަހަރަށް ފައިސާ ދައްކައިގެން ހެލްތު އިންސުއަރެންސް އާއްމުކޮށް ދިވެހިން ހަދަނީ ފޯރާފައި ދިގުވެގެންނެއް ނޫނެވެ. އަހަރީ ފީދީގެން ޕްރައިވެޓް ކުންފުނިތަކުން ހެލްތު އިންސުއަރެންސް ހަދަނީ ބަލިހާލެއް ޖެހޭވަގުތު ބޭސްވަރުވާއަށް ބޭނުންވާ ފައިސާ އަތްމަތީގައި ނެތިގެން ބޭސްފަރުވާ ނުކުރެވިފައި ހުންނަން ނުޖެހޭނެކަމުގެ ޔަގީން ކަމުގައެވެ.

ބަލިހާލެއް ޖެހުމުން ޖީބުން ހަރަދުކޮށްފައި ހަރަދުކުރި ބިލްތައް ހުށަހަޅައިގެން ފަހުން އިންސުއަރެންސުން ފައިސާ ހޯދަން ކުރިޔާލާ ގާތުން ހަރަދުކޮށްގެން އިންސުއަރެންސް ހޯދުމުގެ ބޭނުމެއް ގިނަ މީހުންނަކަށް ނެތެވެ. ބޭނުންވާހާ ކަމެއް ބޭނުންވާ ވަރަށް ކުރެވޭހާ ފުދުންތެރިނަމަ އިންސުއަރެންސް ހޯދުމުގެ ބޭނުމެއް ނެތްކަމަށް ގިނަ މީހުން ދެކެއެވެ. ފާޑު ފާޑުގެ ޕެކޭޖުތަކުގައި ބައިވެރިވެގެން ކުރިއާލާ ފައިސާ ދީގެން ހެލްތު އިންސުއަރެންސް ހަދައިގެން ދިވެހިންގެ ގިނަ މީހުން އުޅެނީ އަތްމަތީގައި ބޭނުން ވަރަކަށް ހަރަދުކުރާނެ ފައިސާ ނުހުންނާތީއެވެ. 

އާސަންދަ ރިފޯމް ކުރުމުގެ ނަމުގައި މުއިއްޒު ސަރުކާރުން އެޅި ފިޔަވަޅެއްގެ ސަބަބުން ޕްރައިވެޓް އިންސްއަރެންސް ހަދައިގެން ތިބި އާއްމުންނަށް އެމީހުން ޕްރައިވެޓް އިންސުއަރެންސް ހެދުމުގެ ބޭނުން ކަނޑުވާލައިފިއެވެ. ބަލިހާލެއްޖެހިގެން ބޭސްފަރުވާއަށް އާސަންދަ ލިބެނީ ބައިވެރިވެފައިވާ އަމިއްލަ އިންސުއަރެންސުން ކަވަރުކޮށްފައި ބާކީ އޮންނަ އެއްޗަކަށް ކަމަށް ހެދުމުން ރައްޔިތު މީހާ އުފުލަން ޖެހުނު ތަކުލީފު ދެކޭށެވެ. 

އަމިއްލަ އިންސުއަރެންސް ކުންފުނިތަކުން ހެލްތު އިންސްއަރެންސް ދޭނީ ބޭސްފަރުވާއަށް ހިނގާ ހަރަދު އަމިއްލައަށް ކުރުމަށްފަހު ބިލްތައް ހުށަހެޅުމުން ކަމަށް އެވަނީ ހަދާފައެވެ. އަހަރުން އަހަރަށް ފައިސާ ދައްކައިގެން އިންސުއަރެންސް ޕެކޭޖުތަކުގައި ބައިވެރި ވެގެން މީހުން އުޅެނީ ބޮޑެތި ހަރަދުތައް ވަގުތުން ވަގުތަށް ކުރެވޭ ވަރުގެ ގާބިލުކަން ނުހުންނާތީއެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް ބޭސްފަރުވާއަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ވަގުތުން އަމިއްލަ ޖީބުން ކޮށްލެވޭވަރު ތިރީހަކަށް މީހުންވެސް ރާއްޖޭގައި ތިބިކަމެއް ނޭގެއެވެ. 

މުއިއްޒުގެ ދޯހަޅި ކަންޖޫސް ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ޖެހޭ ތަކުލީފްވަނީ ބޮޑެވެ. ވަނީ ދައްޗެވެ. މުއިއްޒު އަޅާ ކޮންމެ ފިޔަވަޅަކުން ތަރުތީބުން ހިނގަމުންދާ އެތައް ކަމެއް ބޮލާއަޅާ ނެތި ދިޔުމުގެ ބިރު ކުރިމަތި ކުރެއެވެ. މިފަހަރު އެދިމާކުރީ އާސަންދަ ރިފޯމްގެ ނަމުގައި އިންސުއަރެންސް ކުންފުނިތައް ނުހިންގޭ ވަރުކޮށްލުމަށެވެ. މުއިއްޒު އެޅި ފިޔަވަޅުން އަމިއްލަ ހެލްތު އިންސުއަރެންސް ތަކުގައި މީހުން ބައިވެރިވުން ހުއްޓާލާ، ބައިވެރިވެފައި ތިބި މީހުން އިންސްއަރެންސް ދޫކޮށްލުން ވާނީ އިތުރެވެ. ނަތީޖާއެއްގެ ގޮތުން އިންސުއަރެންސް ކުންފުނިތައްވެސް ޖެހޭނީ ރާއްޖޭގައި ނުހިންގާ ހުއްޓާލާ ސަންދޯކު އަޅާށެވެ.