ޔާމީނަށް އެންމެ 11 އަހަރު - ޒިޔަތަށް އަނެއްކާ 12 އަހަރު
ޒިޔަތުގެ ހުކުމް ހަލާލު - ޔާމީންގެ ހުކުމް ހަރާން
އެމްއެމްޕީއާރު ގެ ބޮޑު ހިޔާނަތުގެ މައްސަލައިގައި ރައީސް ޔާމީނަށް ޝަރީއަތް ހިންގޭތީ ބަޔަކު މީހުނަށް އެކަން ހަޖަމެއް ނުކުރެވެއެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި ހަމައެކަނި ޝަރީއަތް ހިންގަނީ ޔާމީނު މައްޗަށް ކަމަށްބުނެ ޔާމީނަށް ކުރި ހުކުމަކީ ހަރާން ހުކުމެއް ކަމަށް ބުނެ ބަޔަކު ކޮށި އަރައިގެން އެބައުޅެއެވެ.
ރައީސް ޔާމީނަށް ތުހުމަތުކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލެމުން ދާހެން އެކަމުގައި ހިމެނޭ ކިތަންމެ ބައެއްގެ މައްޗަށް ޝަރީއަތް އެބަ ހިގައެވެ. އެންމެ ދިމާލަކަށް ލޯތައް ހުއްޓި އެހެން ކަމެއް ހިނގާކަން ނުބަލާ ބަޔަކަށް ކަމެއް ހިނގިޔަސް ނޭގޭނެއެވެ. އެނގުނަސް އެނގޭކަށް ބޭނުމެއް ނުވާނެއެވެ. ތިމާމެން ގަބޫލު ނުކުރާ ކޮންމެ ކަމަކީ ނެތް ކަމަކަށް އަދި ނުހިނގާ ކަމަކަށް ނުހެދޭނެއެވެ. ތިމާމެން ކިތަންމެ ބޭނުންވިޔަސް ވިޔާފާރިކުރާ މީހަކު ބޭރުން މުދާގަތުމަށް ލިބެން ހުރި ތާކުން ޑޮލަރު ގަތުމާ ގަސްދުގައި ދައުލަތުގެ މުދަލާ ފައިސާއަށް ހިޔަނާތްތެރިވުމާއި އެއްގޮތެއް ނުވާނެއެވެ.
ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ބަލަނީ ޔާމީނުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވެއެވެ. 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައެވެ. ސާބިތުވި ކަންކަމަށް ޝަރީއަތުން ވަނީ ހުކުމްކޮށްފައެވެ. ޔާމީނު މައްޗަށް ކުރި ހުކުން ނޫން ހުރިހާ ހުކުމެއްވެސް ހަލާލެވެ. ހަރާންވަނީ ޔާމީނުގެ މައްޗަށް ކުރި ހުކުން އެކަންޏެވެ.
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް މިމަހުވެސް ޝަރީއަތުން ކޮށްފިއެވެ. އެކަން ދެނެ ހުރި މީހަކު ހުރިކަމަކަށް ނުވެއެވެ. އެއްވެސް މީހަކަށް އެކަން އެނގޭކަމަކަށް ނުހަދައެވެ. އެހުކުމުގައި އިންސާފު ވެރިކަން އެކުލެވެނީ ކިހާވަރަކަށްތޯ ބަލާ މީހަކު ނޫޅެއެވެ. ޒިޔަތު ވީމާ ހުކުން ހަލާލެވެ. ޒިޔަތުމެން ލައްވާ އެބޮޑު ވައްކަން ހިންގާ ގެއަށް ދަބަސްދަބަހުގައި ފައިސާ ވެއްދުވި ޔާމީންއަކީ މައުސޫމު މީހެކެވެ.
އަނެއްކޮޅުން އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީ އިން މިހާރުވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ. ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގައި 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށް އެބަ ދެއެވެ. އެހެނެއް ކަމަކު ތަހުގީގަށް ސާބިތުވެ ޝަރީއަތަށް ސާބިތު ވިޔަސް ޔާމީނަށް ކުރާ ހުކުން ވަނީ ހަރާމެވެ. ވާނީ އެހެންތާއެވެ ޔާމީނުގެ ބަތާކައިގެން އެމްއެމްޕީއާރުސީން ހިޔާނަތުން އެކިވަރުގެ މަންފާ ލިބިފައިތިބި ބޮޑެތި ވަގުން މަތިފަޑީގައި ތިބި ޕާޓީއަކުން ޔާމީނަކީ ވަގެއް ކަމަށް ބަލައިފިއްޔާ އޭގެން އެކަކުވެސް ސަލާމަތް ނުވާނެކަން އެ މީހުނަށް އެނގެއެވެ. އެ މީހުނަށް ސަލާމަތް އޮތީ ޔާމީނު ނޫން އެހެން އެންމެންނަކީ ވަގުން ކަމަށް ހަދައިގެންނެވެ.