ރައްޔިތުން ހޭލާކަށް ނުވޭތަ!

ބަދަލު ނުގެނެވުނު ނަމައޭ ކިޔަން ޖެހިދާނެ

ރައްޔިތުން ހޭލާކަށް ނުވޭތަ!
ކެންދޫ: ގޮނޑުދޮށް ހިމާޔަތްކޮށްފާ

ލިޔުނީ: ޝާމް

" ބޮޑު ވަޒީރު ހަޖަމްބެ އަކީ އަޅުގަނޑު ވަރަށް ލޯބިވާ ސިޔާސީ ލީޑަރެކެވެ. އަޅުގަނޑު މާލާއި ޖާނާ އަނބިދަރިން ޤުރުބާން ކުރާ ވަރަށްވެސް ބޮޑުވަޒީރު ހަޖަމްބެއަށް ތާއީދު ކޮށް ލޯބިވަމެވެ. މިކަމާ ހެދި ބައެއް މީހުން އަޅުގަނޑަށް މަލާމަތްވެސް ކޮށް އުޅެއެވެ.

އެއްދުވަހަކު އަޅުގަނޑު ދަރިފުޅު ބަލިވެގެން ޑޮކްޓަރަށް ދިޔައީމެވެ. އެއީ ސަރުކާރުން ހިންގާ ހޮސްޕިޓަލެކެވެ. ޑޮކްޓަރު ބޭސް ލިޔެދީ ބޭސް ބޯންވީގޮތުގެ މަޢުލޫމާތުދީ ގެއަށް ފޮނުވާލިއެވެ.

ގެއަށް ދިޔައިރު ކެމްޕޭނަށް ބޮޑުވަޒީރު ހަޖަމްބެ ގެއަށް ވަޑައިގެން އިންނެވިއެވެ. ބޮޑުވަޒީރު ވިދާޅުވިއެވެ. ސަރުކާރު ހޮސްޕިޓަލުން ދޭ ބޭސް ބޯކަށް ނުވާނެއެވެ. ތިޔަށް ވުރެ މިދޭ ފުޅިވެސް މާރަނގަޅު ވާނެއެވެ. އެހެން ވިދާޅުވެ ދިއްކޮށްލެއްވީ ބްލީޗު ފުޅިއެކެވެ. އަހަރެން އެފުޅީގައި ހިފާ ޑޮކްޓަރު ދިން ބޭސްތައް އުކާލައިފީމެވެ. 

ބްލީޗަކީ ވިހައެއްކަށް އެނގުނު ނަމަވެސް އަޅުގަނޑު ލޯބިވާ ތާއީދު ކުރާ ލީޑަރަށް ވީމާ އޭނަ ބުނާ ކޮންމެ ކަމަކީ ރަނގަޅު ކަމަކަށް ވާނެތީ ވިހައެއްކަން އެނގިހުރެ ދަރިފުޅަށް އެ ފުޅި ބޯންދިނީމެވެ. ....  ދެން ކަންހިގާނެ ގޮތް ތިބާއަށް ވެސް އެނގިލައްވާނެއެވެ. "

މިއީ މިއަދުގެ ގިނަ ދިވެހި ރައްޔިތުންގެ ހާލަތެވެ. ކިތައްމެ ބޮޑު ގެއްލުމެއް ތިމާޔާ ތިމާގެ ރަށަށް ލިބުނަސް ހެވެވެ. ތަރައްގީގެ ޕްރޮޖެކްޓްތައް ގެއްލުނަސް ހެވެވެ. ތިމާ ތާއީދު ކުރާ ލީޑަރު ބުނެފިއްޔާ ލަހެއް ފަހެއް ނުވެއެވެ. އެލީޑަރު ބުނި ގޮތަކަށް ކަން ކޮށް ނިންމާލަނީއެވެ. ތިމާގެ ލޯބިވާ ލީޑަރު އުޅުއްވަނީ އަމިއްލަ އެދުމަށްތޯ ތިމާޔާ ތިމާގެ ރަށަށް ފައިދާއަށް ތޯ ބެލުމެއް ނެތެވެ. 

ދިވެހި ލޮބުވެތި ރައްޔިތުުންނެވެ. ވެރިޔަކު ހޮަވަނީ ރީތިތޯ ބަލައިގެންނެއް ނޫނެވެ. ވެރިންނަށް މަތިކޮށްފައިވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދި ހަމަހަމަކަން މަތީ ކުޑައެއް ބޮޑެއް ބެލުމެއްނެތި ކޮންމެ ރަށެއްވެސް ތަރައްޤީ ކޮށް ދިނުމަށެވެ. އިރެއްގައި ކިތައްމެ ރަނގަޅު ކަމެއް ކޮށްދީފައިވާ މީހަކު ނަމަވެސް މިއަދު އެމީހަކު ކުރަން އުޅެނީ ކޮންކަމެއްތޯ ބަލަން ޖެހޭނެއެވެ. އެއްއިރެއްގައި ރަނގަޅު މީހާ މިއަދު އެންމެ ނުބައި ނުލަފާ މީހާއަށްވެސް ވެދާނެއެވެ.

މާތްﷲ ދެއްވި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރާށެވެ. އެހެން ނޫނީ މި ބަދަލު ނުގެނެވުނު ނަމައޭ ކިޔަން ޖެހިދާނެއެވެ. އެއިރުން އެކަން އޮންނާނީ މާޒީވެ ގޮސްފައެވެ. އަނބުރާ ނުލިބޭ ހިސާބަށެވެ. މާތްﷲ އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވާށިއެވެ.