މުއިއްޒުގެ ފިސްކަލް ރިފޯމުގައި އޮތީ ޖީބުކެނޑުން
ކުރާނަމޭ ކިޔައިގެން ބައިސާ ނުކަނޑާ ގެއަށް ކަނޑާލާ!
އަންނަ އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ސާޕްލަސް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ސާޕްލަސްވާނެއޭ ބުނުމަކުން އަދި އެކަމެއް ނުވާނެއެވެ. ބަޖެޓްގެ ޕްރައިމަރީ ބައި ސާޕްލަސް ކުރުމަށްޓަކާ ކުރަން ބުނާ ރިފޯމްތަކުން ޕްރައިމަރީ ބަޖެޓް ސާޕްލަސްވާ ވުމުން އާއްމު ރައްޔިތުންނަށް ލުޔެއް ނުލިބޭތާ އިންތިހާއަށް ލިބޭނީ ގެއްލުމާ ތުރާލެވެ. ދައްޗާ އުދަގުލެވެ. ދެކޮޅުނުޖެހުމާއި ފަގީރުކަމެވެ. ގެއްލުމާ ހަލާކެވެ.
އަންނަ އަހަރުގެ ބަޖެޓް ޕްރައިމަރީ ބެލެންސް 300 މިލިޔަން ރުފިޔާއިން ސާޕްލަސް ކުރަން އަޅަން ބުނާ އެއްވެސް ފިޔަވަޅަކީ ރައްޔިތުންގެ ޖީބު ނުކަނޑާ ކުރެވޭނެ ކަމަކަށް ނުވެއެވެ. ހައްތަހާވެސް ދައްކަނީ ކަރަންޓާއި ފެނުގެ ސަބްސިޑީ ކަޑައިގެން ހަރަދު ކުޑަކުރާ ވާހަކައެވެ. ދަތުރު ފަތުރަށް ދޭ ސަބްސިޑީ ކަނޑާލުމުގެ ވާހަކައެވެ. ރައްޔިތު މީހާއަށް ދޭ އާސަންދަ ކަނޑައިގެން ހަރަދު ކުޑަކުރާ ވާހަކައެވެ. ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަށް ރަށްރަށުގައި ފަށާފައިވާ ހުރިހާ މަސައްކަތްތައް ހުއްޓާލައިގެން ހަރަދު ކުޑަކުރާ ވާހަކައެވެ.
އަޖައިބެކެވެ. ސަރުކާރެއް އުފައްދައިގެން ރައްޔިތަކު އުޅެނީ ރައްޔިތުންނަށް ލުއި ފަސޭހަ ހޯދުމަށެވެ. ދައުލަތުގެ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން ނޭނގޭ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ އާއި އަގު ހެޔޮކޮށް ފަސޭހައިން ކަރަންޓާއި ރައްކާތެރި ފެނާއި ނަރުދަމާ ހިދުމަތް ނުދެވޭ ސަރުކާރެއްގެ ބޭނުމެއް ނެތެވެ. ކާޑާއި ތެލާއި ބޯފެނާއި ހިޔާވަހިކަން އަގު ހެޔޮކޮށް ފަސޭހަ ކަމާއެކު ފޯރުވާ ނުދެވެންޏާ މަތި މައްޗަށް ދަރާވިކިގެން ކުރާކަށް ސަރުކާރަކަށް އެހެން ކަމެއް ނުއޮންނާނެއެވެ.
ބުނެވި ދިޔަ ކަންކަން ރައްޔިތުންނަށް ބުރައަކަށް ނުވާ ގޮތަށް ކޮށްނުދެވޭ ސަރުކާރަކަށް 22 ވުޒާރާއާއި ދެހާހަށްވުރެ ގިނަ ސިޔާސީ މަގާމު އުފައްދައިގެން ދައުލަތުން ހަރަދުކުރަން ޖެހޭ ސަބަބެއް ނެތެވެ. ދުނިޔޭގައި ހުރިއްޔާ ހުރި ވައްތަރެއްގެ މުއައްސަސާއެއް ހަދައިގެން އަތްގުޅިނުކާ ވަރަށް އެތަން ތަނަށް ހަރަދުކޮށްގެން ބަޖެޓް ޑެފެސިޓް ކުރުމުގެ މާނައެއް ނެތެވެ. ސަރުކާރެއް އުފައްދައިގެން ދައުލަތް ހިންގަން ރައްޔިތުން ހަވާލުކުރަނީ ދައުލަތުގެ މިލްކިއްޔާތުން ވައްކަންކޮށް ބަޔަކު ބަނޑު ފުރާކަށް ނޫނެވެ. އަޑިނޭނގޭ ޑީލްތައް ހަދައިގެން ވަކިބަޔަކަށް ބައިއަޅައިގެން ދައުލަތް ދަވާލާކަށްވެސް ނޫނެވެ.
ހަގީގީ މާނައިގައި ބަޖެޓް ސާޕްލަސް ކުރަން އުޅޭނަމަ ކަނޑާނީ އާސަންދައެއް ނޫނެވެ. ކަނޑާނީ ބޮޑު މުސާރަ ދީފައި ތިބި ސިޔާސީ މީހުންނެވެ. ރައްޔިތުންނަށްދޭ ސަބްސިޑީ ނުކަނޑާ ކުޑަކުރާނީ ސަރުކާރެވެ. 22 މިނިސްޓްރީގެ ބަދަލުގައި އެތަން ތަނުން ކުރާ މަސައްކަތް ގިނަވެގެން 10 ވަރަކަށް މިނިސްޓްރީއަށް މަދުކޮށްލާ ކުރާހޭދަ ކުޑަ ކޮށްލާނީއެވެ. މަޖިލިސް މެންބަރުން ހޭލާތިބެގެން ވެސް ގާނޫނު އަސާސީއަށް ބަދަލުގެނެސް މަޖިލިސް ކުޑަކޮށް މިނިވަން މުއައްސަސާތައް މާޖުކޮށް ކުޑަކޮށްލައިގެން ދައުލަތުން ކުރާހޭދަ ބޮޑުތަނުން ކުޑަކުރީހެވެ.
ކިރިޔާވެސް އިހުލާސްތެރިކަމެއް ހުރިނަމަ ރައްޔިތުންގެ ޖީބު ނުކަނޑާ އާއްމުކޮށް ރައްޔިތުންނަށް ލިބޭ ލުއިފަސޭހައެއް ނުހުއްޓުވާ ދައުލަތް ހިންގެން ވާނެއެވެ. ދައުލަތުގެ މުދާ ބޭނުންކޮށްގެން ވަކި ބަޔަކު ހޯދާ ނާޖާއިޒު މަންފާ ނުނެގޭ ގޮތަށް ކަންކަން ތަރުތީބުކޮށް ކުރިއަށް ދާން މަސައްކަތް ކުރާނެއެވެ. ކުރިއަށް ދިޔުމަށް މަސައްކަތް ކުރާމީހާއަށް އެހީތެރިވެ އެއްބާރުލުން ދީގެން ދައުލަތަށް ނަފާ ހޯދަން ނޭނގެންޏާ ވާނެއޭ ކުރާނަމޭ ކިޔައިގެން ބައިސާ ނުކަނޑާ ގެއަށް ކަނޑާލާށެވެ.