ވިޓޯލުން އެސްޓީއޯ ފޮރިބުއި މަސްގަނޑަކަށް ހަދާލާނެ!

ވިޓޯލް ވަނީ އެފްސީޕީއޭ އާއި ހިލާފަށް އޮފިޝަލުންތަކަކަށް ރިޝްވަތުދީފާ

ވިޓޯލުން އެސްޓީއޯ ފޮރިބުއި މަސްގަނޑަކަށް ހަދާލާނެ!

އިހަވަންދިއްޕޮޅުގައި ބަންކަރިންގ ހިދުމަތްދޭން ހަވާލުވެގެން އުޅޭ ވިޓޯލް އިންކް އަކީ ކިހާވަރެއްގެ ކޮންބައެއް ހެއްޔެވެ. ބަންކަރިންގެ ހިދުމަތް ދިނުމަށް ގަތަރުގެ ކުންފުންޏަކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފާ އޮއްވާ ވީނުވީއެއްނޭގި ވިޓޯލްއާއި ބަންކަރިންގ ހިދުމަތް ދިނުމަށް ރާއްޖޭން ހަވާލުކުރީ ކީއްވެހެއްޔެވެ. އޭގެ ފަހަތުގައި އޮތީ އަޑިނޭނގޭ ކޮންކަހަލަ ކަންތައްގަޑެއް ހެއްޔެވެ. ރަނގަޅިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. 

ވިޓޯލް އަކީ ޑަޗް މަލްޓިނޭޝަނަލް އެނާޖީ އެންޑް ކޮމޮޑިޓީ ޓްރޭޑިން ކުންފުންޏެކެވެ. ސްވިސްގައި މައި އޮފީސް ހުންނަ ވިޓޯލް އުފެދުނީ ނެދަރލޭންޑްގެ ރޮޓަޑަމްގައި 1966 އަހަރެވެ. މިހާރު ވިޓޯލްއަކީ ދުނިޔޭގެ އެންމެ ބޮޑު ހަކަތަ ވިޔަފާރިކުރާ އެއް ކުންފުންޏެވެ. ހަކަތައިގެ ވިޔަފާރި ކުރާ އެތައް ކުންފުންޏެއް ވިޓޯލްގެ ސަބްސިޑަރީ ކުންފުނިތަކުގެ ގޮތުގައި މަސައްކަތް ކުރެއެވެ. ވިޓޯލް އިންކް (ވިޓޯލް) އަކީ އެތައް ކުންފުންޏެއް ބައިވެރިވެފައިވާ ވިޓޯލް ގްރޫޕް އޮފް ކޮމްޕެނީސް އެވެ. އެނާރޖީއާއި ކޮމޯޑިޓީ ވިޔަފާރީގައި ދުނިޔޭގެ އެތައް ގައުމެއްގައި ވިޓޯލް ހަރަކާތްތެރިވެއެވެ.

ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިންނަށް ރިޝްވަތުދީގެން ވިޔަފާރި ހޯދުމުގައި ވިޓޯލަކީ ދުނިޔެއަށް މަޝްހޫރު ބައެކެވެ. 15 އަހަރުގެ މުއްދަތެއްގެ ތެރޭގައި ވިޓޯލް އިން އެތައް މިލިއަން ޑޮލަރެއްގެ ރިޝްވަތު ގިނަ އަދަދެއްގެ އާންމު އޮފިޝަލުންނަށް އެމެރިކާ ބައްރުގެ ވަކިވަކި ތިން ގައުމެއްގައި ދީފައިވެއެވެ. ރިޝްވަތުން ވިޓޯލްއަށް ބޮޑު ނާޖާއިޒު ފައިދާތަކެއް ލިބުނެވެ. ހުއްދަ ގޮތުގައި ވާދަވެރި ކަމެއްނެތިއެވެ. 

ވިޓޯލް އިން ބްރެޒިލާއި އިކުއެޑޯ އާއު މެކްސިކޯގެ ސަރުކާރުގެ އޮފިޝަލުން ތަކަކަށް ރިޝްވަތު ދީގެން ފައިދާހުރި ވިޔަފާރީގެ ކޮންޓްރެކްޓްތައް ކާމިޔާބުކޮށްގެން އެ މީހުންނަށް އިންސާފުވެރިކަމާއެކު ނުލިބޭނެ ވާދަވެރި ފައިދާތަކެއް ހޯދުމަށް މަސައްކަތް ކޮށްފައިވާކަން ވަނީ ސާބިތުވެފައިވެއެވެ. އެ ކުންފުނިން ޖޫރިމަނާގެ ގޮތުގައި 16.6 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައި ވެސް ވެއެވެ. 2010 އިން 2018 އަށް ރިޝްވަތުގެ ސްކީމްތަކުގައި މުވައްޒަފުން ބައިވެރިވެފައި ވާކަން ހާމަވެ، މި ކޮރަޕްޓް ހަރަކާތްތަކުގެ ތެރެއިން 26.5 މިލިއަން ޑޮލަރު ހޯދާފައިވެއެވެ. 

ޑިސެމްބަރު 2020 ގައި ވިޓޯލް ވަނީ އެފްސީޕީއޭގެ ރިޝްވަތާ ދެކޮޅު މާއްދާތަކާ ހިލާފަށް އިކުއެޑޯއާއި މެކްސިކޯ އަދި ބްރެޒިލްގެ އޮފިޝަލުންތަކަކަށް ރިޝްވަތު ދިން ކަމަށް އެއްބަސްވެފައެވެ. ވިޓޯލް ވަނީ ޔޫއެސް ކްރިމިނަލް ޑިވިޝަންގެ ފްރޯޑް ސެކްޝަނާއި ނިއުޔޯކުގެ އިރުމަތީ ޑިސްޓްރިކްޓްގެ އެމެރިކާގެ އެޓާރނީ އޮފީހާ އެކު ޑިފެއާޑް ޕްރޮސެކިއުޝަން އެގްރީމަންޓެއް ވެސް ހަދާފައެވެ.

ވިޓޯލް ގްރޫޕްގެ ކުންފުނިތަކާ ގުޅިފައިވާ ވިޓޯލް އިންކް (ވިޓޯލް) އިން ފޮރިން ކޮރަޕްޓް ޕްރެކްޓިސް އެކްޓް (އެފްސީޕީއޭ)އާ ހިލާފުވެގެން ޔޫއެސް ޖަސްޓިސް ޑިޕާރޓްމަންޓުން ކުރަމުންދިޔަ ތަހުގީގެއް ލަސްކުރުމަށާއި ބްރެޒިލްގައި ހިނގަމުންދިޔަ އެއްވައްތަރުގެ ތަހުގީގެއް ލަސްކުރުމުގެ މުގާބިލުގައި 135 މިލިއަން ޑޮލަރު ވިޓޯލުން ވަނީ ދައްކާފައިވެއެވެ. 

ބްރެޒިލާއި އިކުއެޑޯ އަދި މެކްސިކޯގެ އޮފިޝަލުންނަށް ރިޝްވަތު ދިން ވިޓޯލް ސްކީމްތަކުގެ ސަބަބުން އެމެރިކާގެ ޖަސްޓިސް ޑީޕަރޓްމަންޓް ގަރާރެއް ނެރެން ޖެހުނެވެ. އެގަރާރުގެ ދަށުން ވިޓޯލް ރިޝްވަތު ސްކީމަކާާ ގުޅިގެން ކޮމޮޑިޓީ ފިއުޗާސް ޓްރޭޑިން ކޮމިޝަން (ސީއެފްޓީސީ) އަށް 12.7 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހުނެވެ.

ޖަސްޓިސް ޑިޕާޓްމަންޓާ އެކުވެވުނު ޑިފެއާޑް ޕްރޮސެކިއުޝަން އެގްރީމަންޓުގައި ނުހިމެނޭ ވިޔަފާރީގެ ހަރަކާތާ ގުޅޭ 16 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ސީއެފްޓީސީއަށް ދެއްކުމަށް ވެސް ވިޓޯލްއަށް ޖެހުނެވެ. 

ރިޝްވަތު ދީގެން ހައްގު ނޫން ފައިދާ ހޯދުމުގައި ދެވަނައެއްނެތް ވިޓޯލުން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދިނުމަށް ހަވާލުމިވީ ސަރުކާރުގެ ވެރިންގެ ބަޔަކަށް ރިޝްވަތުގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ދީގެން ކަމަށް ގަބޫލު ކުރެވެއެވެ.

ދުނިޔޭގައި ރިޝްވަތު ދީގެން ވިޔަފާރި ހޯދުމަށް އަރާހުރި ކުންފުންޏަކުން ރާއްޖެ ފަދަ ގައުމެއްގައި ރިޝްވަތާ ނުލާ އެއްވެސް ކަމެއް ކުރާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ވިޓޯލް ފަދަ ބިޔަބޮޑު ކުންފުންޏަކުން ތަޖުރިބާ ކުރުމުގެ ގޮތުން ކަމެއް ކުރުމަކީ އެކަށީގެންވާ ކަމެއްނޫނެވެ.

ވިޓޯލުން އޮފްޝޯ ބަންކަރިންގ ރާއްޖޭގައި ތަޖުރިބާކޮށް ނިމޭއިރު އެސްޓީއޯ ފޮރިބުއި މަސް ގަނޑަކަށް ހަދާނުލާ އޮތިއްޔާ ނަސީބެވެ.