ސައިފް ފާތިހަށް: ފިތުނަ އުފައްދައިގެން ތާއީދެއް ނުހޯދޭނެ!

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އަނަސް އަބްދުއްސައްތާރު ބަލިކޮށް މާލެ ސިޓީ މޭޔަރުކަމަށް ޑރ. މުއިއްޒު ގެނައުމުގައި އެމްޑީޕީގައި ތިބެގެން ސައިފް ފާތިހުމެން ކުޅުނު ދައުރު ބޮޑެވެ. މުއިއްޒު ސިޓީ ކައުންސިލްގައި ކުރިހާ ކަމެއްކުރީ ސައިފް ފާތިހުގެ ތާއީދާއި އެއްބާރުލުމާއި އެކުގައެވެ.
ޑރ. މުއިއްޒު މޭޔަރުކަމުގައި މާލެސިޓީ ކައުންސިލްގެ އިހުތިސާސް ހިނގާ ބިންތައް ބަހާލީވެސް ސައިފް ފާތިހު ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރަކަށް ސިޓީ ކައުންސިލްގައި ހުރެގެންނެވެ. ދޮންކަޅު ނޭނގޭ ގޮތްގޮތަށް ކަޓް ނަގައިގެން މާލޭގެ ބިންތައް ބަހާލީ ސައިފް ފާތިހުގެ އެއްބާރުލުމާއެކު މޭޔަރ މުއިއްޒުކަން ނޭނގޭ މީހަކު މާލެއަކު ނޫޅެއެވެ. ކަޓް ނަގައިގެން މާލޭގެ ބިންތައް ބަހާލީ މޭޔަރ އާދަމް އަާޒިމެއް ނޫނެވެ.
މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހުރި ބިންތަކަކީ ކޮބައިކަމާއި އެބިންތައް ބޭނުން ކުރެވެމުންދާ ގޮތުގެ ސައްހަ މައުލޫމާތު ހިމެނޭ ދަފްތަރަކީ މާ ކުރިއްސުރެ ހެދިފައި އޮންނަންޖެހޭ އެއްޗެކެވެ. ކާކަށް ދީފައިވަނީ ކޮން ބިމެއް، ކީއްކުރަން، ކިހާ ދުވަހަކަށް، ކިހާވަރަކަށްކަން ހޯދަން ނޫޅެ މުއިއްޒު އެޅިހާ ބަތަކަށް ރިހަވެގެން ހުންނެވި ސައިފް ފާތިހު މިހާރު މިދައްކަނީ ކޮންވާހަކައެއް ހެއްޔެވެ.
މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހުރި ބިންތަކަކީ ކޮބައިކަމާއި އެބިންތަކާ މެދު އަމަލުކުރެވޭ ގޮތުގެ ސައްހަ މައުލޫމާތު ހިމެނޭ ބިންތަކުގެ ރަޖިސްޓްރީއެއް އެކުލަވާލާ އާއްމު ކުރެވިފައި އޮންނަން ޖެހޭނީ މިއަދަކު ނޫނެވެ. 15 އަހަރުވަންދެން ނުކޮށް އޮތްކަމެއް ސައްހަ ގޮތުގައި ކުރުމަށްޓަކައި އެކަމާ ގުޅިގެން ހިންގާފައިވާ ކިތަންމެ ކުޑަވިޔަސް މުއާމަލާތެއް ވަކިވަކީން ބަލާ ސާފުނުކޮށެއް ސައްހަަ ދަފުތަރެއް އެކުލަވައެއް ނުލެވޭނެއެވެ. އެކަމަށް ވަގުތު ނަގާނެއެވެ.
އަމްދުން މޭޔަރ އާޒިމާއި ސިޔާސީ ފިކުރު ދިމާނުވާ ކައުންސިލެއް އޮވެގެން މުއިއްޒު ހިންގާފައިވާ ޖަރީމާތައް ނުފޮރުވޭ ގޮތަކަށް ސިޓީ ކައުންސިލުން ކަމެއް ކުރަން ފަސޭހައެއް ނުވާނެއެވެ. އެކަން ޑެޕިއުޓީ މޭޔަރ ކަމުގައި ނަރީޝް ހުރި ދުވަސްވަރު ކަންކަން ހިނގާ ދިޔަ ގޮތުން އެކަނިވެސް ސާފުވާނެއެވެ.
ސައިފް ފާތިހުމެން ކައުންސިލަރުންގެ ގޮތުގައި ތިބެ 15 އަހަރު ވަންދެން އެކަން ނުކޮށް ތިބެފައި މޭޔަރުކަމުގައި 2 އަހަރު ނުވާ އާދަމް އާޒިމްގެ ބޮލަށް އެކަން ކަނޑާލަައިގެން ފަތުރަން އުޅޭ ފިތުނައިގެ ހަގީގަތް ވަރަށް ސާފެވެ. މާލެ ސިޓީ ކައުންސިލަރެއްގެ ގޮތުގައި މޭޔަރ މުއިއްޒާ ގުޅިގެން މަސައްކަތް ކުރިއިރު ބިންތަކުގެ ދަފްތަރެއް ހަދަން ނޫޅެ ސައިފްވެސް އުޅުނީ އެހެން ކަމެއްގައެވެ. މިހާރު ބައިހަދާފައި މޭޔަރ އާޒިމާ ދެކޮޅަށް ފަތުރާ ހަގީގަތާއި ހިލާފު ވާހަކަތަކާއި ދޮގު ތުހުމަތުތަކުގެ އަސަރު ކުރާވަރަށްވުރެ މޭޔަރ އާޒިމުގެ ހިދުމަތް މާލެ ސިޓީއަށް ލިބޭލެއް ބޮޑެވެ. ރެޔާދުވާލު އާޒިމް މާލެސިޓީގެ ހެވާލާބަޔަށް ކުރާ މަސައްކަތް ބަލައިގަނެ މީހުން އާޒިމަށް ކުރާ އިތުބާރު ބޮޑެވެ.
މާލެ ސިޓީ މޭޔަރުކަމަށް އާދަމް އާޒިމާ ވާދަކޮށް ބަލިވެފައިވާ ކައުންސިލަރ ސައިފް ފާތިހު އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރުކަމަށް ވާދަކުރަން ދޮންކުރިޔަސް ހަގީގަތެއްނެތް ތުހުމަތުތަކުގައި އެމްޑީޕީގެ ސިޓިންގ މޭޔަރ ގުރުބާން ކުރާކަށް ނުޖެހެއެވެ. ޓްރާންސްޕޭރޭންސީގެ ނަމުގައި ތިމާ ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނާ ދެކޮޅަށް ފަތުރާ ނަފްރަތުގެ ގެއްލުންވަނީ އެމްޑީޕީއަށެވެ. އާއްމު ރައްޔިތުންގެ ހިތުގައި ޝައްކާވަހުމް އުފެދެނީ އެމްޑީޕީއާއި ދޭތެރޭގައެވެ. ފިތުނަ އުފައްދައިގެން ލޯތްބެއް ނުހޯދޭނެއެވެ.