ދަވާލަނީ މުއިއްޒު - ހިތިބޭސް ބޯންވީ ރައްޔިތުން
ދަރަންޏޭ ދެކޮޅު ނުޖެހުމޭ ކިޔައިގެން ކުރަންއުޅޭ ކަމަކީ ރައްޔިތުންގެ ޖީބުކެނޑުން
ވިހި ބާވީސް ވުޒާރާ ހަދައިގެން ކޮންމެތާކަށް ސިޔާސީ މީހުންގެ ގޮތުގައި މީހުން ވައްދާފައި އެތިބީ ފުރިގެން ބަންޑުންވާ ވަރަށެވެ. ސިވިލް ސާވިސް މުއައްޒަފުންނަށް ވުރެ ސިޔާސީ ވެރިން ގިނައެވެ. އަތްގުޅި ނުކާވަރުގެ ބޮޑެތި މުސާރަދީފައި ސިޔާސީ މަގާމްތައް ފަތުއަޑުކިޔަފާ އަދިވެސް މީހުންނަށް ދޭގޮތަށް ދެނީއެވެ. ފަސްޓް ކުލާހުގައި ވަޒީރުންނާ އިސްވެރިން ދުނިޔެ ބަލައިލަނީއެވެ. އާމްދަނީއެއް ނުލިބޭހެން މިލިޔަން މިލިޔަނުން ހަރަދުކުރުމުގައި އަތުފަތު ނޭޅެއެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރަން 400 ސިޔާސީ މުއައްޒަފުން މަދުކުރާނެކަމަށް ސަރުކާރުން ބުނީމާ ވައްދަފާ ތިބި ސިޔާސީ މީހުންގެ ގިނަކަން ވަޒަން ކޮށްލެވޭނެއެވެ. 400 މީހުން މަދުކުރާ ވާހަކަ ބުނާނީ ގައިމު ބައިވަރެއް އޮވެގެންތާއެވެ. ސިޔާސީ 400 މީހުން ކަނޑާލާ ވާހަކަ ދެއްކި ފަހުން އެއްވެސް މީހަކު ނުކަނޑައެވެ. އެކަމަކު ވައްދާ ގޮތަށް އެބަ ވައްދައެވެ.
މުއިއްޒު ވަކި ގޮތަކަށް ކަމެއް ކުރާނެކަމަށް ބުނެފިނަމަ ބަލާނެ ކަމެއް ނެތެވެ. އެކަމެއް އެގޮތަކަށް ނުކުރާނެއެވެ. ބާލަން ބުނި އިންޑިޔާ ސިފައިންގެ ބޭލީ ޔުނީފޯމެވެ. ހަމަކުރަން ބުނި އެގްރިމަންޓްތައް ތުޖޫރީއަށްލާ ތަޅުލީއެވެ. އަތުލަން ބުނި ކަނޑު ވީ ހުދު ކާފޫރަށެވެ. ރަށްރަށުން ނުކަނޑަން ބުނި މުއައްޒަފުން ކަޑާ ކޮށްލީ މަގުމައްޗެވެ. މަތިބަރު ނުކުރާން ބުނި ސަރުކާރެކޭ ތެލާޕިޔާ އައިނެކޭ ތަފާތެއް ނެތެވެ. ބޮޑު ނުކުރާން ބުނި ޓެކްސް ބޮޑުނުކޮށް ވާން އޮތް ކަމަކަށް ނުވެއެވެ. ހެޔޮކުރަން ބުނި ޑޮލަރު ގަންނަން ނުވެސް ލިބެނީއެވެ. ކަމުނުދިޔަ ކޮތަޅު ޓެކްސް ވަރަށް ކަމު ހިނގައްޖެއެވެ. ބެންކޮކާ ދުބާއީން ދޭންބުނި އާސަންދަ ރާއްޖޭންވެސް ނުލިބެނީއެވެ. ކަރަންޓްބިލު ކުޑަކުރަން ބުނެފާ ސަބްސިޑީ ދިނުން ހުއްޓާލަނީއެވެ.
މުއިއްޒު ސަރުކާރަށް ނިސްބަތްވާ މުއިއްޒުގެ އައުވާނުންނާއި އަދުރޭގެ މިނިމިންޔަށް ސަރުކާރުން ބޮޑު މުސާރަދެއެވެ. ފިރިއެއް އަނތްބެއް ދަރިއެއް ޅިޔަން ފަހަރިއެއް ކިޔާނެކަމެއް ނެތެވެ. ސިޔާސީ މަގާމު ދީގެން ކުރާނެ ކަމެއް ކުރަން ދައުލަތުގެ ފައިސާ އޮއްސަނީއެވެ. މުއިއްޒުގެ މޮޅު ވާހަކަ ދައްކަން ބޮޓުން ހަޔަރކޮށް މީޑިއާގައި ހޭކަޑާލާފައި މަސައްކަތް ކުރަން އެތައް ބަޔަކަށް ފައިސާ އޮއްސަނީއެވެ. ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓް ފުނޑާލި ތިން ނައިބުނަށް މަސައްކަތެއް ނުކުރުވާ ލައްކަ ލައްކައިން މުސާރަދެނީއެވެ.
ދަރަންޏޭ ދެކޮޅު ނުޖެހުމޭ ކިޔައިގެން މުއިއްޒު ކުރަން މިއުޅޭ ކަމަކީ ރައްޔިތުންގެ ޖީބުކެނޑުމެވެ. ޓެކުމެވެ. ފޭރުމެވެ. ހަމަ ތެދެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި މުޅި ދައުލަތް އިރާކުދިކޮށް މުއިއްޒު ކައިހުސްކުރަމުންދާން ބަހައްޓައިގެން ހިތިބޭސް ބޯން މިޖެހެނީ އާއްމު ރައްޔިތުންނަށެވެ.