ދުންޔާއަށް: އާއިލާގައި 4 މަހުޖަނުން ތިބީ ދައުލަތް ދަވާލީމަ!

ގެއަށް ވަންނަ މަހު އެއްޗެތިކޮޅު މިހާރުވެސް ވަންނާނެ

ދުންޔާއަށް: އާއިލާގައި 4 މަހުޖަނުން ތިބީ ދައުލަތް ދަވާލީމަ!

ދައުލަތުގެ ހަޒާނާއޭ މީހަކު ބުނާއިރަށް ދުންޔާ މައުމޫނަށް މިހުރެ ވާގޮތެކެވެ. ދައުލަތުގެ ހަޒާނާއަކީ ބައްޕަގެ ބަންގާޅު ބޮޑުފޮށިކަމަށް ހަދައިގެން އުޅުނު ކުދީން އެ ވާހަކަ އެހެން ބަޔަކު ދައްކާލީމާ ވަރަށް ދެރަވާނެއެވެ. އުޅެބޮޑުވީ ދައުލަތުގެ ފައިސާގައި ލަވަކިޔާލާފައެވެ. އެހެން ވީމާ އެހެން ވާނެތާއެވެ. 

އަމިއްލަ އައިލާއަށް ނިސްބަތްވާ އެންމެންނަކީ ރާއްޖޭގައި ތިބި އެންމެ ބޮޑެތި މަހުޖަނުންނަށްވީ ގައިމު ކަމެއް ވެގެންތާއެވެ. ބަންގާޅު ފިރިމީހާ ނޫނަސް ރާއްޖޭގައި ލޯޔަރުން އެބަތިއްބެވެ. ރިސޯޓް ހިއްސާ އޮންނަ މީހުން ވެސް އެބަތިއްބެވެ. އެކަމަކު ބަންގާޅު ފިރިމީހާއަކީ ރާއްޖޭގެ އެންމެ މުއްސަދި ދިހަ މީހުންގެ ތެރޭގައި ގުނާ ލެވެނީ ގައިމު ވަރެއް ކޮށްލާފާ ހުރީމާތާއެވެ. 

ބައްޕާފުޅުގެ ވާހަކަ ދެއްކުމެއް ނެތެވެ. ރާއްޖޭގެ އެންމެ މުއްސަދި އެއް މަހުޖަނެވެ. ފޯރބްސް ބުނަނީ ސާދާގަރުންގެ ހަތަރެއް ނުވަތަ ފަހެއް ކަމަށެވެ. ތިރީސް އަހަރު އެއްކުރި ފައިސާ އޮތް ގޮތަށް އޮއްވާ ކުރީގެ ރައީސަށް ވީތީ ކޮންމެ މަހަކު ލައްކަ ލައްކައިން އެކައުންޓަށް ފުނިޖެހެއެވެ. ބޯވަ ހަރުގައި އިނދެ އޭގެ ފައިތަށް އެކިހަރަށް ބާނާހެން އަދިވެސް ކުރާ މަސައްކަތަކީ ގެއްލުނު ހަޒާނާއަށް އަތްދެރުމެވެ. 

މައިފުށު ބޮޑު ބޭބޭފުޅަކީ ވެސް ލިބުނު ގޮތަކަށް ބިމާ މުދަލާ ފައިސާ ލިބުމުގައި ދެވަނައެއް ނެތް ބޮޑު ސާދާގަރެވެ. ބިލިޔަން ބިލިޔަނުން ފައިސާ އޮހޭ ހުސްނުވާ ހަޒާނާއެކެވެ. ރާއްޖެ ދުށް އެންމެ ބޮޑު އެއް މަހުޖަނެވެ. 

ފަހުގެ ތާރީހުގައި ރާއްޖެ ދަވާލި އެންމެ ބޮޑު ވަގަކީ ބައްޕާފުޅާ އެއްބަފާ ބޮޑު ބޭބޭފުޅެވެ. މަނީ ލޯންޑަރިންގެ ރަސްގެފާނެވެ. ޖަލުގެ ތޭރި ތަކުގެ ފަހަތުގައި އޮވެގެންވެސް ގޮވާލަ ގޮވާލާ އެ އޮންނަވަނީ އެފައިސާ މިފައިސާއެވެ. އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރީ ސަފުން އެ އޮންނެވީ ޖާގަ ހޯއްދަވައިގެނެވެ. 

މިބުނެވި ދިޔަ ހުރިހާ އެންމެންނަކީ ރާއްޖޭގެ އެންމެ މުއްސަދި ދިހަމީހުންގެ ލިސްޓްގެ އެކި ހިސާބުން ޖާގަ ހޯދައިގެން ތިބި ލާރި ހިތި ބައެކެވެ. އެއް ކޮއްކޯފުޅު އެއިންނެވީ މަޖިލީހުގައި ގޮނޑި ހޫނުކޮށްގެން މުސާރަ ނަގަނަގައެވެ. އަނެއް ކޮޅުން ނިބޫ އުހުތު އެ ހުރީ މި ސަރުކާރުގެ ވަޒީރަކަށެވެ. މި ސަރުކާރުން މީހަކަށް ވާނެ ހުރިހާ މޮޅެއް ކެނޑިނޭޅި ލިބިލިބިއެވެ. މަށަކު އެ ވާހަކަ ދައްކާކަށް ނެތީމެވެ.

ފޮރިން މިނިސްޓަރު ކަމުގެ ފޮނިމީރުކަން ފެނި އެ މީރުކަން ގެއްލުމުން މުށުން ދޫވި ގުމުރީ ހޯދަން އެމްއެންޕީގެ ނައިބުކަން ހޯދައިގެން ހުރެ ސަރުކާރުގައި ހުރި ލާރިކޮޅު ބަހަނީ ސަރުކާރުގެ ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނަށޭ ކިޔަން ދުންޔާ މައުމޫން ލަދުނުގަންނަ ކަމެވެ. 

ބިރު ނުގަންނާށެވެ. ޑޮލަރު ލިބުން ކިތަންމެ ދަތިވެ ރާއްޖޭގެ އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ދިނުން ކިތަންމެ ލަސްވިޔަސް ތިޔަ ގެއަށް ވަންނަ މަހު އެއްޗެތިކޮޅު ވަންނާނެއެވެ. މިވީހާ ތަނަށް ދައުލަތް ކަހާލައިގެން ތިޔަ އެންމެންވެގެން ބައްކުރި ފައިސާއަކުން އެމްބަސީތަކުގެ މުއައްޒަފުންނަށް މުސާރައާއި އިނާޔަތް ދޭކަށް ނުޖައްސާނެއެވެ.

އާނއެކެވެ. ލިބޭމިންވަރު ނިކަން ދަނެގެން ވިބޭނުންތައް މުޅި އާއިލާއަށް ބަހާލައިގެން، ތިބީތީ، ތިޔަ ތިބީ ބޭޒާރެއް ނުވެއެވެ. ދައުލަތުގެ ލޯލާރިއެއްގައިވެސް ނުޖެހި އަނގަޔާ އަތާ ދިމާނުވެއެވެ.