އިގުތިސޯދަށް ގެއްލުންދީގެން ފުރަތަމަ ހައްޔަރު ކުރަންޖެހެނީ މުއިއްޒު

އަމިއްލަ އަނދަވަޅު އަމިއްލައަތުން ކޮނުން ލަސްނުކުރޭ

އިގުތިސޯދަށް ގެއްލުންދީގެން ފުރަތަމަ ހައްޔަރު ކުރަންޖެހެނީ މުއިއްޒު

ފާޑުފާޑުގެ ގާނޫނު ހަދައިގެން ރައްޔިތުންނަށް ބިރުދައްކަން މުއިއްޒެއް ކަމަކު އުޅޭނެކަމެއް ނެތެވެ. މުއިއްޒު އަމިއްލައަށް ތިޔަ ކޮންނަނީ އަމިއްލަ އަނދަވަޅެވެ. މަޖިލީހުގެ ސްޕަރ މެޖޯރިޓީ އޮތަތީ ހިތުހުރި ގޮތަކަށް ގާނޫނުތައް ހަދައިގެން ވާދަވެރިންގެ އަޑު ކަނޑުވާލާ ހިޔާލުތަފާތު އެންމެން ޖަލުގައި ބައިތިއްބައިގެން ވެރިކަން ކުރެވިދާނެ ކަމަށް ހީވާހީވުމަކީ ކުށްހީއެކެވެ. އަމިއްލަ އަނދަވަޅު އަމިއްލަ އަތުން ކޮނުން ލަސްނުކުރާށެވެ.

ރާއްޖޭގެ ތާރީހުގައި އިގްތިސޯދަށް އެންމެ ބޮޑު ގެއްލުމެއް ދިނީވެސް ދެމުން ދަނީވެސް މުއިއްޒާއި މުއިއްޒުގެ އައުވާނުންނެވެ. ވެރިކަމަށް އެރިގޮތަށް އަރާ އަވައްޓެރި އިންޑިއާ އަށް ވަށިވަށިންދީ ރާއްޖޭގެ ޓޫރިޒަމަށް އެތައްސަތޭކަ މިލިޔަނުގެ ބޮޑު ގެއްލުމެއް މުއިއްޒާއި މުއިއްޒު ސަރުކާރުން ވަނީ ދީފައެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުން އަދިވެސް ފޫނުބެދެއެވެ. މުއިއްޒު ހަދާ ގާނޫނުގެ ދަށުން އިގްތިސޯދަށް އެންމެ ބޮޑު ގެއްލުމެއް ދީގެން ހައްޔަރު ކުރަންޖެހޭ ފުރަތަމަ މީހަކީ މުއިއްޒެވެ. މަލްޝާއާއި ޝިއުނާވެސް އެއަކުން ނުނެއްޓެއެވެ. 

މުއިއްޒު ވެރިކަމަށް އައިރު ރާއްޖޭގެ ކަންކޮޅުތަކުގައި ފަށާފައިވާ އެތައް ސަތޭކަ ޕްރޮޖެކްޓެއް ހުއްޓެވެ. ކަރަންޓާއި ފެނާ ނަރުދަމާއާއި ބަނދަރާއި މަގާއި ސްކޫލާއި އެއަރޕޯޓް ފަދަ އެތައް ޕްރޮޖެކްޓެކެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކީ ދައުލަތުން އެތައް މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ޕްރޮޖެކްޓްތަކެވެ. ސަބަބެއްނެތި އެއިގެތެރޭގައި ހިމެނޭ ގިނަ ޕްރޮޖެކްޓްތަކެއް މުއިއްޒު ވަނީ ހުއްޓާލާފައެވެ. އެތައް ޕްރޮޖެކްޓެއް ވަނީ ލަސްކޮށް ފަސްކޮށްފައެވެ. 

ކުރީ ސަރުކާރުން ފަށާފައިވާ އަސާސީ ހިދުމަތުގެ ޕްރޮޖެކްޓްތަކާއި ތަރައްގީގެ އެތައް ޕްރޮޖެކްޓްތައް ހުއްޓާލުމާއި ލަސްކޮށް ފަސްކުރުމުން ޕްރޮޖެކްޓް ހިންގުމަށް ކުރެވުނު މަސައްކަތްތައް ބޭކާރުވެ މުދާތައް ހަލާކުވެ އަލުން އެމަސައްކަތް ކުރުމަށް އިތުރު ހަރަދުތައް ކުރަންޖެހި ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުން ދައުލަތަށް މުއިއްޒުވަނީ ދީފައެވެ. މުއިއްޒު ހަދާ ގާނޫނުގެ ދަށުން އަސާސީ ހިދުމަތް ދިނުމަށް ހުރަސް އެޅުމުގެކުށުގައި އެންމެ ފުރަތަމަ ހައްޔަރު ކުރަންޖެހެނީ ވެސް މުއިއްޒެވެ. 

މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދައުލަތަށާއި އިގުތިސޯދަށް އެންމެ ބޮޑެތި ގެއްލުން މިހާރުވެސް ދެމުންދަނީ މުއިއްޒެވެ. ސަރުކާރު ހިންގަން ބޭނުންވާ ވަރަށްވުރެ މާގިނައިން ސިޔާސީ މަގާމު އުފައްދައިގެން ރައްޔިތުންގެ ފައިސާއިން މަހު މުސާރަދޭ އެތައް ހާސް ބަޔަކު މިހާރުވެސް އެބަތިއްބެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ނާޖާއިޒު ފައިދާ ނަގައިގެން ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާއެއް ބޭކާރު ބޯތަކަކަށް ހަރަދުކޮށް އިސްރާފުކުރާ ކުރުމަކީ އިގުތިސާދަށްދޭ ކުޑަ ގެއްލުމެއް ނޫނެވެ. އެސަބަބަށްޓަކާ އެކަނިވެސް މުއިއްޒު ހަދާ ގާނޫނުގެ ދަށުން މުއިއްޒު ހައްޔަރުނުކޮށް ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.