ނަޝީދު އުޅުއްވީ ވާވަރު މީހުނާ ހިއްސާވެގެން ނުދަރާ ތަރައްގީކުރަން

ވެރިކަން ވައްޓާލުމުން ހެޔޮވެރިކަމުގެ ފޮނިމީރުކަން ނުލިބުމަކީ އެމްޑީޕީގެ މައްސަލައެއް ނޫން

ނަޝީދު އުޅުއްވީ ވާވަރު މީހުނާ ހިއްސާވެގެން ނުދަރާ ތަރައްގީކުރަން

އެމްޑީޕީއަށް 21 އަހަރު ފުރުމާ ގުޅުވާ ތަނަވަސްކަން ހޯދުމަށް އެމްޑީޕީން އަމާޒު ހިފުމަކީ ވާދަވެރިންނަށް ހަޖަމުކުރެވޭ ކަމަކަށް ނުވިއެވެ. ގައުމު ދަރުވާލުމުގެ އިލްޒާމު އަޅުވާ ގައުމުގެ ހަރުމުދާ ވިއްކުމުގެ ބަދުނާމު އެޅުވުމުގައި އަނެއްކާވެސް އަވަދިނެތި ވާދަވެރިން އުޅެން ފެށީތާއެވެ. ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލައިފިނަ ކުރާ ތުހުމަތުތަކާއި އަޅުވާ އިލްޒާމްތަކުގައި އޮތް ހަގީގަތް ސާފުވާނެއެވެ. 

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހަގީގަތުގައިވެސް ހަރުމުދާ ވިއްކިހެއްޔެވެ. 25 އަހަރަށް ހުޅުލޭ އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ކުއްޔަށް ދިނުމަކީ މައިދޮރާށި ވިއްކާލުން ހެއްޔެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކާލުމަކީ ހެދި ގޯހެއް ހެއްޔެވެ. އެމްޑަބްލިޔުއެސްސީގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލުމަކީ ލިބުނު ގެއްލުމެއް ހެއްޔެވެ. އައިޖީއެމްއެޗް އެޕޯލޯ ގްރޫޕާ ހަވާލު ކުރެވުނުނަމަ އައިޖީއެމްއެޗްގެ ހާލަތު އޮތީހީ މިހާރު އެ އޮތް ހާލަތުގައި ހެއްޔެވެ. 

ޖީއެމްއާރާ 25 އަހަރަށް އެއަރޕޯޓު ހިންގުން ހަވާލު ނުކުރިނަމަ މިއަދު އެ އޮތް ހާލަތަށް އެއަރޕޯޓް ތަރައްގީ ނުވީހެވެ. ޖީއެމްއާރު އަތުން ގަދަކަމުން އެއަރޕޯޓް އަތުލުމަކީ ދައުލަތުން އެތައްސަތޭކަ މިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމެކެވެ. ވަރުގަދަ ބިޔަ މަޝްރޫއެއް އެކުލަވާލައިގެން އެއަރޕޯޓް ތަރައްގީކުރުމުގެ މަސައަކްތް ކުރަން މަޖުބޫރުވި ޖީއެމްއާރު ބޭރުކޮށްލުމުންނެވެ. އެހެން ނޫންނަމަ އަދި އަދަށްވެސް ބޮޑު ބިޔަ ތަސައްވަރެއް އޮވެގެން އެކަމެއް ނުކުރެވުނީހެވެ. 

އަނެއްކޮޅުން ސަރުކާރުން އެއަރޕޯޓް ހިންގަން އުޅުނީމާ ވާގޮތް އެބަފެނޭ ނޫން ހެއްޔެވެ. އެއިރަކު ގައުމު ހިންގާ މީހުން ބޭނުންކުރަން އޮތް ސިޔާސީ ހަތިޔާރަކަށް އެއަރޕޯޓް ހިންގާ ކުންފުނިވެއެވެ. އިސްރާފާ ކޮރަޕްޝަނުގެ ހާއްޔަކަށް ބަދަލުވެއެވެ. ކުންފުނިން ކުންފުނި ވިއްސައިގެން އިހުތިސޯސުން ބޭރު މަސައްކަތް ކުރުވާ ނުކަތާ ވަރަށް މީހުނަށް ވަޒީފާދީގެން ބަނގުރޫޓްވާ ދަރަޖައަށް ކަންކަން ގޯސްވެފައި އެއޮތީ ސަރުކާރުން ވިޔަފާރި ކުރަން އުޅޭތީއެވެ. 

ސަރުކާރުން އެކަންނުކޮށް ފެންވަރުހުރި ބަޔަކު ލައްވާ އެއަރޕޯޓްތައް ހިންގުވާނަމަ ތަރައްގީއަށް ދައުލަތުން ހަރަދުނުކޮށް ކަނޑައެޅިފާ އޮންނަ މިންވަރަކަށް ފައިސާ ހުރީހީ ލިބިލިބިއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރަން އުޅުނީ އެކަމެވެ. ދައުލަތް ދަރަނިވެރިނުވެ ތަރައްގީ ވެވޭނެ އެއްގޮތަކީ އެއީއެވެ. 

ދިރާގާއި އެމްޑަބުލިޔުއެސްސީގެ ހިއްސާ ބޭރަށް ވިއްކާލިކަމުން އެތަންތަންވެސް ބަނގުރޫޓްނުވެ ފެންވަރު ރަގަޅު ހިދުމަތް ރައްޔިތުންނަށް ލިބި ކަނޑައެޅިފައިވާ ގޮތަށް ދައުލަތަށް އެ ހުރީ ފައިސާ ލިބިލިބިއެވެ. އެ ހިދުމަތްތައް ދޭކަށް އަދި އިތުރަށް ތަރައްގީ ކުރާކަށް ސަރުކާރުން މިހާރު ވިސްނާކަށް ނުޖެހެއެވެ. އަމިއްލަ ޒާތުގައި އެތަންތަން އެހެރަ ހިނގަނީއެވެ. ލިބެންޖެހޭ އެއްޗެއް ބަރާބަރަށް އެހުރީ އެތަންތަނުން ލިބިލިބިއެވެ. ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އެތަންތަނުން ހިދުމަތްދިނުމުގައި ވަކި ބަޔަކު ވެރިކަމުގައި ތިބުމަކާ ނުތިބުމަކުން ތަފާތެއް ނޯވެއެވެ. 

ނުދަރާ ތަރައްގީވެވޭނީ އެހެން މީހުން ބައިވެރިކޮށްގެންނެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރެވޭތޯ އުޅުނީ އެކަމެވެ. ދައުލަތް ދަވާލުމުގެ ވިސްނުން ހުރި ބަޔަކު ނިކުމެ އެކަން ނުވެގެން ވެރިކަން ވައްޓާލުމުން އެމްޑީޕީން ހޯދާދޭން އުޅުނު ހެޔޮވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ނުލިބުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. އަދި ރައީސް ނަޝީދުގެ މައްސަލަ އެއްވެސް ނޫނެވެ.