ގޯތި ދެނީ ނުހިއްކާ އޮތް ބިމަކުން ނޫން
އެންމެ ފުރަތަމަ ދިނީ 1200 އަކަފޫޓުގެ 13 ގޯތި ހުޅުމާލޭން
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުވާ ރަޖިސްޓްރީ ހަވާލު ކުރަނީ ބިން ކަނޑައި ގޯތީގެ ބިން ވަކިކޮށް ފާހަގަ ކޮށްފައެވެ. ގޯތި ދެނީ ނުހިއްކާ އޮތް ބިމަކުން ނޫނެވެ. ރަޖިސްޓްރީ ލިބުމާއެކު އެ މީހަކަށް ގޯތި ފެންނަން އޮންނާނެއެވެ.
އެންމެ ފުރަތަމަ ގޯތިތައް ދީފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކުގެ ބިތްދޮށުގައި އޮންނަ ހުސް ބިމުންނެވެ. އެއީ 1،200 އަކަފޫޓުގެ 13 ގޯއްޗެވެ.
ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ސިންތަޓިކް ޕާކްގައެވެ. ގޯތި ލިބިފައިވާ އެންމެންނަށް ގޯތި ދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެއެވެ.
ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ކެންޑެމުން ރަޖިސްޓްރީ ހަވާލު ކުރެވެމުން ގެންދެވޭނީ ހިއްކަފައިވާ ބިމުންނެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެކެވެ. އިތުރު ސުވާލެއް ނުއުފެއްދޭނެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ރަޖިސްޓްރީއެކެވެ. ގޯތިތައް ރަޖިސްޓްރީ ކޮށްދެމުން ދަނީ އެގްރިމެންޓާ އެެއްގޮތަށެވެ. ރަޖިސްޓްރީތައް މޮޓޮރައިޒްކޮށް ދެއްވަނީ ގާނޫނީ ވަކީލުންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހާ ނޫން އެހެން މީހަކު ފޮނުވާ ނަމަ "ގެދޮރުވެރިން ޕޯޓަލް"ގައި އެޓޭޗްކޮށްފައިވާ "ޕަވާ އޮފް އެޓާނީ" ފުރިހަމަކުރުމަށް ފަހު ސޮއިކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހަކާ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރެވޭ ގޮތަށް ކަންކަންވަނީ ރަނގަޅަށް އިންތިޒާމު ކުރެވިފައެވެ. ގޯތި ހަވާލު ކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަރ އޮފް އެޓާނީ "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެއެވެ.
މާލޭ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ދޭން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނަގައި ވަނީ ނިންމާފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވެއެވެ. އެ މީހުނަށް ދޫކުރަނީ 9،003 ގޯއްޗެވެ.