ހަގީގީ ހާދިސާ: ބެރިންމަދޫ މީހުން ކޯމަހަށް ފަނިދިނުން. ކުރީޒަމާނުގެ ހިކުމަތްތެރި ޑްރޯން އޮޕަރޭޝަނެއް

37 މިލިއަން ޑޮލަރުން ގިރޭނީ ކިތައް ފަނިރުނބާ

ހަގީގީ ހާދިސާ: ބެރިންމަދޫ މީހުން ކޯމަހަށް ފަނިދިނުން.  ކުރީޒަމާނުގެ ހިކުމަތްތެރި ޑްރޯން އޮޕަރޭޝަނެއް

އެއީ މީގެ އަހަރުތަކެއް ކުރިން ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގެ ވެސް ކުރީކޮޅު ހއ ބެރިންމަދޫގައި މީހުން ދިރިއުޅުނު ޒަމާނެވެ. ހުޅަނގު މޫސުމެއްގެ ގަދަ ދުވަހެއްގެ އަސުރުން ދަށްވި ފަހުން ބެރިންމަދޫ ކަތީބު އަތިރިމައްޗަށް ނުކުންނެވި އިރު ކަމަކު ދާކަށް ނެތެވެ. ބަޔަކު ކަނޑުވެގެން ސަލާމަތަށް އެދި ގޮވާ ކަނޑުގައި ބަކަތަޅަނީއެވެ. 

ކަތީބު އަވަސް ފިޔަވަޅުގައި އޮފީހަށް ދުރުވެ އަލިފާން ސަންގުފުމެ ރައްޔިތުން އެއްކޮށް ކަނޑުވި މީހުން ސަލާމަތް ކުރަން ރައްޔިތުންނަށް އެންގެވިއެވެ.

ލަސްތަކެއްނުވެ ފަނިގިރައިގެން ކަނޑުވި މީހުން ސަލާމަތް ކުރުމަށް ގައިގައި ވަރުހުރި ޒުވާނުން ޖަހާ ދޯނީގައި ފަނިރުނބާ ހިފައިގެން ކަނޑުވި މީހުންނާ ދިމާއަށް  ނައްޓާލިއެވެ. 

ކަތީބު ހުންނެވީ އަމިއްލަ ލޮލުން "ޑްރޯން" އަރުވައިގެން ވާނުވާ ބަލަން އަތިރިމަތީގެ އުސް ގަނޑެއްގެ މަތީގައެވެ. މައްޗަށް އެރުނަކަސް ކަނޑުމައްޗަށް އެރުމަކީ ކަތީބުގެ ރޭންްޖެއް ނޫނެވެ. ވީމާ ދެލޯ ދެ ޑްރޯނަށް ހަދައިގެން ކަތީބަށް ޖެހުނީ ރަށު އަތިރީގައި ކަނޑުމަތި ބައްލަވަން ހުންނަވާށެވެ.

ކަނޑުވި މީހުންނަށް ފަހުންވީގޮތުގެ ވާހަަކަ އެބަ ލިޔަމެވެ. އޭގެ ކުރިން މިފަދަ ހާދިސާތަކާ މިހާރު އެންމެ ގުޅޭ އެއްވާހަަކަ ދައްކާލާނަމެވެ.

އިންޑިއާއިން ހިލޭ ދީފައިވާ ޑޯނިއާ މަތިންދާ ބޯޓާ 2 ހެލިކޮޕްޓަރުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އަމިއްލަ ވަންތަކަން ގެއްލޭތީ ތުރުކީ ވިލާތުން ހިލޭދިން ޑްރޯން މަތިންދާ ބޯޓު ތަކެެއް ރިމޯރޓުން ދުއްވަން ފެށީމާ ކުއްލިއަކަށް މިނިވަންކަން ލިބި ސިޔާދަތު ސާފުވެ ސަރަހައްދު ބޮޑުވިކަމަށް ހަދައިގެން ވާހަކަ ދެއްކިޔަސް ނަތީޖާ ސުމެކެވެ. އެކިޔާ ގޮތަށް އެއް ކަމެއްވެސް ބަދަލުވެ ރަނގަޅެއް ނުވެއެވެ. ވާނުވާ އެނގޭނީ ދެކޮޅު ހޯދާ ވިސްނާ ބެލީމައެވެ.

ބުނަމެވެ އިންޑިއާއިން ވެސް ދިން އެއްޗެއް ދީގެން ދުއްވި ބަޔަކު އެ ދުއްވަނީ މުޅިން ހިލެއެވެ. ހިލޭދިން ތުރުކީ ޑްރޯން ދުއްވަން ފެށުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އިންޑިއާއިން ދުއްވާ އެއްޗެއް ދާނީ ކުރިންވެސް ދުއްވި ގޮތަކަށް ދުއްވަމުންނެވެ. އޭރުން މިޖެހުނީ ކޮންތާކު ހެއްޔެވެ؟ 

ތަފާތަކީ ކުރިން ދުއްވަން ތިބި އިންޑިއާ މީހުންގެ ޑިއުޓީ ބަދަލުކޮށް އާބަޔަކު އިންޑިއާއިން އައޭ ކިޔާތީ އިވޭ އަޑެވެ.  އަދިވެސް، ދެންވެސް، ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާ ކުރަމުންއައި ކަމެއް ދާނީ ހިނގަމުންނެވެ. އެކަމަށް އެއްވެސް ހުއްޓުމެއް ހުރަހެއް ނެތެވެ. އިންޑިއާ އައުޓް ފިސާރި އެބަވޭތާއެވެ.

މޯހަން އައުޓްވީ ބޯޓުން މުތާ އެހުރީ އިން ވެފައެވެ. ރޯހިތު ދިޔަ ދުވަހު، ހޭހިތު ކުމާރު ބަޖްވާ ރާއްޖެ އައިސް އިންޑިއާ "އިން" ވާއިރު ކަން ހިނގާ ގޮތުގެ ހަގީގަތް އޮޅުވާލާ ދޮގުމައްޗަށް ބުހުތާނު ދޮގުހެދުން ނޫން ކަމެއް ނުހިނގައެވެ.

އެންމެ ކުޑަކުދިންވެސް ރިމޯރޓުން ޑްރޯން ދުއްވާތާ ކިތަންމެ އަހަރެކެވެ. ތުރުކީ ވިލާތުން ހިލޭދިން ސައިޒުން ބޮޑު އެއްޗެއް ދިވެހި ސިފައިން ދުއްވަން ފެށީމާ ގައުމު މިނިވަންވެ ސިޔާދަތު ހިފެއްޓި ގައުމުގެ ސަރަހައްދު ބޮޑުވާ ކަމަކަށް ވެގެން ރެއެއްގެ ރޭއަޅުކަމަށްވާ ވަރަށް ބަޔަކު ހޭދެބައި ވިޔަކަސް އެއީ ކަން އޮތް ގޮތެއް ނޫނެވެ. 

އިންޑިއާ ހެލިކޮޕްޓަރު ތަކާ ޑޯނިއާ މަތިންދާ ބޯޓްގައި ދިވެހި ސިފައިން އަރާ ތިބެ ކަންކަން ލޮލުން ދެކި އަތުންހިފި ގޮތަކަށް ތުރުކީ ހިލޭ ޑްރޯނުން އެކަމެއް ނުވާނެއެވެ. ކަނޑުވި މީހުން ހޯދުމަށް ބެރިންމަދޫ ކަތީބު ބޭނުން ކުރީ ޑްރޯނެއްގައި ހުރި ކެމެރާއެެއް ނޫނެވެ. ސީދާ ހަމަލޮލެވެ. 

ކަނޑުވި މީހުންނަށް ދެންވީގޮތް ވިދާޅުވާށެވެ.

ބެރިންމަދޫ އަތިރިމަތީ އުސްގަނޑުގައި "ޑްރޯން" އަރުވައިގެން ކަތީބު ހުންނަވަނިކޮށް ޖަހާދޯނީގައި ކަނޑުވި މީހުންނަށް ގިރި ފަނިރުނބާ ހިފައިގެން ނުކުތް ބެރިންމަދޫ ޒުވާނުން، ކަނޑުވި މީހުން ސަލާމަތް ނުކޮށް ފަނިރުނބާ ހިފައިގެން ރަށާ ދިމާއަށް އެނބުރި އަންނަތަން "ޑްރޯނުން" ދެއްކިއެވެ.

ޖަހާ ދޯނިގާތްކޮށް ފަނިރުނބާ ބާލާ ރައްޔިތުން އެބޮއެފިއެވެ. 

ޑްރޯނުން ދެއްކި ގޮތާ ހިފާފަށް "ޑޯނިއާ މީހުން" ޖަހާދޯނީގައި ސީދާ ޕޮއިންޓަށް ދިއުމުން އެނގުނީ މިއުޅެނީ ބަޔަކު ކަނޑުވެގެން ނޫންކަމެވެ. ކަނޑުވެފައިވާ އިންސާނުން ތަކެއްގެ ސިފައިގަ މާދުރުން ޑްރޯނަށް އެރި މަންޒަރަކީ ކަނޑުމަތީގައި ބުރުޖަހަޖަހާ ފުމެ އެނބުރި ބަޑިތަޅަމުން އެނބުރެމުންދާ ވަރުގަދަ ކޯމަސް އައިނެކެވެ. 

ނޯޓް: ބައެއް މީހުން ބުނާ ގޮތުން ބެރިންމަދޫ ކަތީބު އެގޮތަށް ކަންކުރެއްވީ ހަގީގަތް ދެނެހުރެ ގަސްތުގައެވެ. ދަތި ޒަމާނުގައި ކާޑުގޭގައި ހުރި ހަކުރުން ހުރިހާ ރައްޔިތުންނަށް އެއްޗެއް ދެއްވުމަށް ޓަކައެވެ. މިވަގުތު އުފެދޭ ސުވާލަކީ ތުރުކީއިން ޑްރޯން ދިނީ ހިލޭ ކަމަށްވާނަމަ، ގައުމުގެ ކަތީބު އަވަސް އަރުވާލައިގެން ޑްރޯން ގަންނަން ކަމަށް ވިދާޅުވެ މާލިއްޔާއިން ނެންގެވި ކަމަށް ބުނާ 37 މިލިއަން ޑޮލަރުން ގިރޭނީ ކިތައް ފަނިރުނބާތޯ އުފެދޭ ސުވާލެވެ.