ދައުލަތް ވީދާ ނޮޅާ ކެއުމުގެ ކުޑަ މިސާލެއް ސެންޓްރަލް ޕާކުން

ބައިނާޅާ މިވަރުގެ ކަމެއް އެހާ ގިނަ ދުވަހު ނުކުރެވޭނެ

ދައުލަތް ވީދާ ނޮޅާ ކެއުމުގެ ކުޑަ މިސާލެއް ސެންޓްރަލް ޕާކުން

ދައުލަތް ވީދާ ނޮޅާކެއުމުގެ ކުޑަކުޑަ މިސާލެއް ހުޅުމާލޭ ސެންޓްރަލް ޕާކުން އެ ހުންނަނީ އަބަދުމެ ފެނިފެނިއެވެ. ސަރުކާރުން އިންތިޒާމްކޮށްގެން ކޮންމެވެސް ނަމެއްގައި ކޮންމެވެސް އެކްސްޕޯއެއް ނުވަތަ ފެސްޓިވަލެއް ނުބާއްވާ އިރެއް މުއިއްޒު ވެރިކަމަށް އެރީއްސުރެ ނުދެއެވެ. 

މާސިންގާ ބޮޑެތި ޓެންޓްތައް ޖަހައިގެން ޒާތްޒާތުގެ އެކްސްޕޯ ތަކާއި ފެސްޓިވަލްތައް ބާއްވަން އެޗްޑީސީ ޖާމިނުވެ މައިގަނޑު ގޮތެއްގައި ބައިވެރި ކުރުވަނީ ސަރުކާރުގެ ކުންފުނިތަކެވެ. ސަރުކާރުން އިންތިޒާމުކުރާ އެ ހަރަކާތްތަކުގައި ސަރުކާރު ކުންފުނިތައް ބައިވެރި ނުވެއެއް ފަރަކުނުޖެހެއެވެ. ކުންފުނި ކިތަންމެ އަޑިއަޅާފައި އޮތަސް އެކްސްޕޯތަކާއި ފެސްޓިވަލުތަކުގައި ބައިވެރިވުން މަޖުބޫރެވެ. ޕްރަމޯޓްކުރާނެ މުދަލެއް ހިދުމަތެއް ނެތަސް ވަރިހަމައެވެ. ދިރާގާއި އުރީދޫއާއި ހުރިއްޔާ ހުރި ބޭންކެއްވެސް އޭގެތެރެއަށް މަހާނުލާ ދުލެއް ނުކުރެއެވެ.

އަނެއްކޮޅުން ބޮޑެތި އަމިއްލަ ކުންފުނިތަކުންވެސް އެކަންކަމުގައި ބައިވެރިވެ ނެތްވަރު ދެއްކުން އޮންނަނީ މަޖުބޫރުވެފައެވެ. ސަރުކާރުން ރާވާ އެޒާތުގެ ކަންކަމުގައި ބައިވެރި ނުވުމަކީ ކުންފުނި ބްލެކްލިސްޓްވެ ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއްކަމަށް އޮންނަނީ ގަބޫލުކުރުވާފައެވެ. ފުލުފުލުގައި މި ސަކަރާތެއް ސަރުކާރުން މި ޖަހާ ބޭނުމާ މެދު ވިސްނާ މީހުން ދެކޭ ގޮތެއް އޮވެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ބިލާދަރު ފޭލިގެތައް ޖަހައިގެން ހުއްޓާނުލާ ހަގީގަތުގައި ކުރާކަމަކީ އެޗްޑީސީއަށް ފައިސާ ހޯދާ ދިނުމެއް ނޫނެވެ. ބާރަށު ސުޖާގެ އިވެންޓްމެނޭޖު ކުންފުންޏަށް މެދުނުކެނޑި ފައިސާ އޮހޭގޮތް ހަދާދީފައި ބޭއްވުންކަމަށް މީހުން ބުނެއުޅެއެވެ. އަބަދާ އަބަދުހެން ސެންޓްރަލް ޕާކުގައި ޖަހާފައި އެ ހުންނަ ބިޔަ ފޭލިގެ ތަކަކީ ސުޖާގެ އިވެންޓްމެނޭޖު ކުންފުނިން ކުއްޔަށް ހިފައިގެން މިލިޔަނުން ސަރުކާރުން ކުލިދައްކާ އެއްޗެހިކަމަށް ބުނާތީ އިވެއެވެ. 

އެވަރަކުން ނުނިމެއެވެ. އެކްސްޕޯތަކާއި ފެސްޓިވަލްތަކުގެ އަޑުގަދަ ކުރާ ނިޒާމާއި ދިއްލުންތަކުގެ ހުރިހާކަމަކީވެސް ސުޖާގެ އިވެންޓްމެނޭޖް ކުންފުނިން ބޮޑުއަގު ނަގައިގެން ކުރާ ކަންކަން ކަމަށް މަސްދަރުތަކުން މައުލޫމާތުދެއެވެ. މެދުނުކެނޑި ސުޖާއަށް މިލިޔަނުން ފައިސާ ވަންނަ ގޮތަށް ތަރުތީބުވެގެން ހިންގާ ދައުލަތް ދަވާލުމުގެ ހަރަކާތުގެ މުގުލުގައި ހުންނަނީ މުއިއްޒުކަމަށް ވެސް ކިޔަތެވެ. މުއިއްޒަށް ބައިނާޅާ މިވަރުގެ ކަމެއް އެހާ ގިނަ ދުވަހު ނުކުރެވޭނެކަމަށް މުހައްލިލުން ބުނެއެވެ. 

ފާޅުކަން ބޮޑުކޮށް މިވަރުގެ ބޮޑެތި ޖަރީމާ ހިންގާއިރު އޭސީސީ އުޅެނީ ދެލޯ މަރާ ތަގުޅި ކޮށްގެންނެވެ. އަޅާ ކަހާވެސް ނުލައެވެ. މާކަންވާ ބަޔަކަށް ހެދެންވެގެން އެމްއޯއައި ހަދައިގެން އުޅެނީ މުއައްސަސާތަކާއެކު ސޮއިކުރުމުގައެވެ. ފަސްއަހަރު ވަންދެން ދައުލަތް ދަވާލާނެގޮތަކަށް ދަވާލަން ހަވާލުކޮށްފައި އެއްބަޔަކު ތިބީ ކޮނޑުހުޅުން ނެއްޓެއްދެން އަތްޖަހާށެވެ. އަނެއް ބަޔަކު ތިބީ ބޮޑު ވަރިހަމައިގައެވެ.