ރައީސް ސޯލިހު ރިޔަސީ އިންތިހާބަށް ކުރިމަތި ލައްވައިފި
ރައީސް ސޯލިހްގެ ރަނިންމޭޓަކީ ޕާލަމެންޓްރީ ލީޑަރު މުހައްމަދު އަސްލަމް
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ. މިއަދު ހެނދުނު އީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ފޯމު ހަވާލުކޮށްދެއްވެވީ އިންތިހާބީ އެޖެންޓް މުހައްމަދު ނާޝިޒްއެވެ. އީސީން ފޯމާއި ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދް ތައުފީގެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
އެމްޑީޕީގެ ޓިކެޓު ރައީސް ސޯލިހް ކަށަވަރު ކުރެއްވީ އެ ޕާޓީން ބައިވެރިވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ. އެ ޕްރައިމަރީގައި ރައީސް ސޯލިހް ވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ބޮޑުތަނުން ބަލިކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ 2 ޖަހާއިރު ހަމަވާ އިރު އެންމެ ފުރަތަމަ، ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އެކަންޏެވެ. އެ މަނިކުފާނުގެ ކެންޑިޑެސީ މިހާރުވަނީ ސުޕްރީމް ކޯޓުން ބާތިލިކޮށްފައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ފޯމް ވެސް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. އުމަރު ނަސީރާއި ފާރިސް މައުމޫނު ފޯމް ހުށަހެޅުއްވުމަށް ތައްޔާރުވެ ވަޑައިގެންފައިވާ ކަމަށާއި ގާސިމް އިބްރާހީމް ވެސް ވަގުތު ހަމަވުމުގެ ކުރިން ފޯމް ހުށަހަޅުއްވާނެ ކަމަށް ވެއެވެ. ޑރ. މުނައްވަރު ގެންދަވަނީ ސޮއި ހަމަކުރައްވަމުން ކަމަށް މައުލޫމާތު ލިބެއެވެ.