ކިޔަވާދޭން ނިލަންދޫ ބެލެނިވެރިންތަކެއް ދެކޮޅު!
ކާމިޔާބު ސްކޫލުތަކުގެ ތައުލީމާއި ތަރުބިއްޔަތު ފުނޑުފުނޑު ކޮށްލުމަށް ނިކުންނާނީ ގައްދާރުން
ކުރާނެ އެހެން ކަމެއް ނުފެނިގެން ޕީޕީއެމުން ފ. ނިލަންދޫ ސްކޫލުގެ ބެލެނިވެރިން ލައްވާ ހަޅުތާލެއް ފެއްޓުވުމުން ސަރުކާރާއި އެޑިޔުކޭޝަން މިނިސްޓްރީ އެ އޮތީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ޕީޕީއެމް ޔާމީނު ވެރިކަމަށް ގެނައުމަށް ފަސާދަ ނުއުފައްދާ ވަކި ކަމެއް ނެތެވެ. ރަނގަޅަށް ހިނގަހިނގާ ހުންނަ ކާމިޔާބު ސްކޫލުތައް ވެސް ހަލާކޮށް ކުދިންގެ ތައުލީމާއި ތަރުބިއްޔަތު ފުނޑުފުނޑު ކޮށްލުމަށް ވެސް ގައްދާރުން އެތިބީ ފެންބޮވާފައެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ފ. ނިލަންދޫ ސްކޫލު ކުދިންނޫނީ ހެނދުނު 6.50 އަށް ސްކޫލަށް ކުދިންގެންދަން ޖެހޭ އެއްވެސް ސްކޫލެއް ރާއްޖޭގައި ނެތް ކަހަލައެވެ. ފ. ނިލަންދޫ ބެލެނި ވެރިން ނޫނީ ކުދިން ސްކޫލަށް ލާފައި ހެނދުނު ވަޒީފާއަށް ދާ އެހެން ބަޔަކުވެސް ނޫޅެނީތާއެވެ. ހަވީރު ހަތަރެއްގެ ފަހުން އިތުރު ގަޑީގެ ކްލާސްތައް ނުބާއްވައިގެން ކަންބޮޑުވާ ބަޔަކު މި ނޫނީ ރާއްޖެއަކު ނޫޅެއެވެ.
ހަރުދަނާ ރަނގަޅު ނިޒާމަކުން ނިލަންދޫ ސްކޫލު ހިނގަމުން ދާތީ ޕީޕީއެމް ގޮނޑިކޮއްކޮއިންގެ ބަޔަކު ލައްވާ އެތަން ފާލުން ނައްޓާލަން ޕީޕީއެމެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ހެނދުނު ދަރިން މަދަރުސާއަށް ގެން ދިޔުން ބުރަވެގެން ބެލެނިވެރިންނެއް ނޫޅޭނެއެވެ. ގަދަ ދިހަޔަކުން އެތައް ދަރިވަރުންނަށް ޖާގަ ލިބެނީ ރަނގަޅު ތަރުތީބެއްގައި ސްކޫލުން ކުދިންނަށް ތައުލީމު ދެވޭތީއެވެ. އެކަމާ ބެލެނިވެރިން ކަންބޮޑުވެގެން ދަރިންގެ ތައުލީމަށް ހުރަސް އަޅަން ނިކުންނާނީ ހާދަ ގޮތެއް ފޮތެއް ނެތިގެންނެވެ.
މުޒާހަރާ ކުރަން ނިކުމެ ކުރާ ޑިމާންޑަކީ ދެއުޅި އެއްނުވާ ޑިމާންޑެކެވެ. ހެދުނު ކުދިން ސްކޫލަށް ގެންދަން ޖެހުމާއި ހަވީރު ކިޔަވާދޭ ކްލާސްތައް ނުބޭއް ވުމަކީ ބެލެނިވެރިން ނިކުމެ މުޒާހަރާ ކުރަންޖެހޭ ކަމެއް ކަމަކަށް ބުއްދި ގަބޫލެއް ނުކުރެވެއެ.
ވީހާ ވެސް ހެނދުނަކާ ސްކޫލު ފަށައިގަނެ މެންދުރުން އަނބުރަން ވާއިރަށް ކުދިންގެ ސްކޫލުގަޑި އެއް ދަންފަޅިން ނިންމާލުމަށް މުޅި ރާއްޖެ ބާރު އަޅަމުން ދާއިރު ފ. ނިލަންދޫ ބަޔަކު އެ ނޫން ގޮތަކަށް އުޅެން ދިމާ ކުރުމުން އެ މީހުންގެ އިހުލާސްތެރިކަމާއި ނިޔަތުގެ ތެދުކަމާ މެދު ސުވާލު އުފެދެއެވެ. ފ. ނިލަންދޫ ސްކޫލު ދޮށަށް އެއްވެ ކުދިންގެ ތައުލީމަށް ހުރަސް އަޅަން އެ އުޅެނީ ހަގީގަތުގައި ވެސް ބެލެނިވެރިން ބާވައެވެ. ނުނީ ސިޔާސީ ފަސާދައިގައި ޖެހި ހަފުސްވެފައިވާ ޕީޕީއެމްގެ ގޮނޑި ކޮއްކޮއިން ކޮޅެއް ނޫންބާވައެވެ.