ގެއްލުނު ކަނޑު ހޯދުމުގެ ނަމުގައި ދައުލަތް ދަވާލަނީ!
މުއިއްޒާއި ޒަމީރާއި އުޝާމަށް ދައުލަތް ދަވާލަން ލިބިފައިއޮތް ރަނުގެ ފުރުސަތެއް.
ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނު އަސާސީ ބުނަނީ ގާނޫނުގައި ބަޔާންކުރާ އާޕިލަޖިކަލް ބޭސް ލައިނުން ފެށިގެން 12 ނޯޓިކަލް މޭލު އެތެރެއަކީ ރާއްޖޭގެ ސިޔާސީ ސަރަހައްދު ކަމަށެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދަށް އަންނަ ކޮންމެ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނުގައި ވާގޮތުން ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ދަމާލެވިފައި ވަނީ ރާއްޖޭގެ ގުދުރަތީ އަތޮޅު ތަކުގެ އެންމެ ބޭރު ދުނިން ވަށާޖެހޭ ގޮތަށެވެ. ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ކަމަށް ގާނޫނުގައި ބުނާ ރޮނގު ދަމާލެވިފައި އޮންނަނީ ތިލަދުންމަތީގެ އެންމެ އުތުރު ކޮޅުން ފޮއްތެލުގެ އެންމެ އިރުން އައްޑޫގެ އެންމެ ދެކުނުން މަކުނުދޫގެ އެންމެ ހުޅަގުން ތިލަދުންމަތީގެ އެންމެ އުތުރަށް ނިމޭގޮތަށެވެ. އެހެން ކަމުން ރާއްޖޭގެ ސިޔާސީ ސަރަހައްދަކީ މިދެންނެވި ބޭސް ލައިނުން ފެށިގެން 12 ނޯޓިކަލް މޭލުގެ އެތެރެއެވެ. މަލިކެއް ފޯޅަވައްސެއް އެ ބޭސް ލައިނުގެ ތެރެއަކު ނުހިމެނެއެވެ.
ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ އެހެން ގައުމަކާ ފުށުނާރާ ނަަމަ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ އެތެރޭގައިވާ ކަނޑުގެ ސަރަހައްދެވެ. 200 ނޯޓިކަލް މޭލުގެ އެތެރޭގައި ހިމެނޭ ސަރަހައްދުން ބައެއް އެއްވެސް އެހެން ގައުމަކާ ފުށުއަރާ ނަމަ ފުށުއަރާ ގައުމަކާއި އެއްބަސްވެވޭ ގޮތެއްގެ މައްޗަށް ފުށުއަރާ ސަރަަހައްދު ބައި ކުރެވިދާނެ ކަމަށް ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނެއެވެ.
ރާއްޖޭގެ އެންމެ އުތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ މި ތިން ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމަކާއި އެއްގޮތަށް ސަރަހައްދު ބައިކޮށްގެން ތިބޭތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ރާއްޖޭގެ ދެކުނުން މޮރިޝަސްއާއި ރާއްޖެއާ ދެމެދު އިގްތިސާދީ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ދުނިޔޭގެ ކަނޑުތަކުގެ އިމުގެ މައްސަލަތައް ހަމަޖައްސާ ބައިނަލް އަގުވާމީ ކޯޓް ( އިޓްލޮސް) ގައި މޮރިޝަސްއިން އުފުލި ދައުވާ ފައިސަލާ ކުރެވުނީ އުތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއެރުން ހައްލުކުރި އަސާސްގެ މަތީގައި ބައިނަލް އަގުވާމީ ގާނޫނު ތަކާއެއް ގޮތަށެވެ. ރާއްޖެއަށް ފުށުއަރާ ތަނުން ބޮޑުބައި ލިބޭ ގޮތަށެވެ،
މޮރިޝަސްއާއި ރާއްޖެއާއި އިގްތިސާދީ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް އިޓްލޮސްގައި މޮރިޝަސްއިން ދައުވާކުރުމުން މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ފުށު އެރުމެއް ނެތްކަމަށް ބުނެ ރައީސް ސޯލިހު ސަރުކާރުން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ހުއްޓުވިއެވެ. އެހެން ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ދުނިޔޭގެ ކޯޓް (އައިސީޖޭ)ން ނެރުނު އިސްތިރާޝީ ލަފައާއި އދ ގެ ޖެނެރަލް އެސެމްބުލީން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ފާސްކުރި ފާސްކުރުމުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިޓްލޮސްއަށް ހުށަހަޅަފައިވާ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ފުށުއެރުމުގެ މައްސަލަ ބެލޭނެކަމަށް އެ ޓްރައިބިއުނަލުން ނިންމާ އެކަން ބަލާ ފައިސަލާކޮށް ނިންމީއެވެ.
ކަނޑުތަކުގެ އިމާ ގުޅޭން މައްސަލަތައް ހަމަޖައްސާ އދގެ ޓްރައިބިއުނަލުން ބައިނަލް އަގުވާމީ ގާނޫނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނާ އެއްގޮތަށް ހަމަޖައްސާ ނިންމާފައިވާ މައްސަލައެއް ފުށުން ޖަހާލުމަކީ ކުރެވޭނެ ކަންކަމެއް ނޫނެވެ. ގާނޫނީ މާހިރުންގެ ބަޔަކު ހަޔަރކޮށްގެން އެތައް މިލިޔަން ރުފިޔާއެއް މައްސަލަ ދިރާސާ ކޮށްލަން ވެސް ރާއްޖޭން ހަރަދު ކުރަން ޖެހޭނެއެވެ. މައްސަލަ އިސްތިއުނާފް ކުރެވެން އޮތް ނެތް ކަނޑައެޅުމަށާއި އިސްތުއުނާފް ކުރެވޭ ގޮތްވެއްޖެ ނަމަ ކާމިޔާބު ވުމުގެ ފުރުސަތު ނެތް ކަމަކަށް ދިވެހި ދައުލަތުން އެތައް މިލިޔަން ޑޮލަރެއް އިސްރާފުކޮށްލަން މުއިއްޒު އެއުޅެނީ ވެރިކަމަށް އައުމަށްޓަކާ ދެއްކި ބުހުތާނު ދޮގެއް ތެދުކުރުމަށްޓަކައެވެ.
ކަނޑުގެ އިމުގެ ފުށު އެރުން ހަމަޖެއްސުމުގައި ގޯހެއް ހަދާފައި އޮތްތޯ ބެލުމަށާއި ކަމާގުޅޭ ދިރާސީ ރިޕޯޓް ހަދަން ހަރަދުވަނީ ކިހާ ފައިސާއެއް ކަމެއް މަސައްކަތް ހަވާލުކުރީ ބައިނަލްއަގުވާމީ ކޮން އެކްސްޕާޓަކާ ކަމެއް ނުވަތަ ކޮން ލޯފާމަކާކަން ހާމަކުރުމަކީ ވަރަށް ހައްސާސް ކަމަކަށް ސަރުކާރަށް ވެއްޖެއެވެ. ގަޔަށް ބާރެއް ނުކޮށް ދައުލަތް ދަވާލަށް ބަޔަކަށް ލިބޭނީ މިހާކަށް ވަރުގެ ފުރުސަތެކެވެ.
ގެއްލުނު ކަނޑު ހޯދުމުގެ ނަމުގައި މިއޮތީ ދަނޑިމަތި އަނބުރާއިގެން މުއިއްޒާއި ޒަމީރާއި އުޝާމަށް ދައުލަތް ދަވާލަން ލިބިފައިއޮތް ރަނުގެ ފުރުސަތެކެވެ. ފަސް އަހަރު ވަންދެން މުއިއްޒުމެން ކިރުފެލަން އޮތް ގެރިއަކަށް ގެއްލުނު ކަނޑު ހޯދުން ހަދަފައި ބާއްވާނެއެވެ.