ރައީސް ނަޝީދު ގަންޖާބޯ ކަމަށް އެއްބަސްވެ ވަޑައިގަތުން

މަޖިލީހުގެ ރިޔާސަތު ރޭޕްކުރެއްވުމަކީ ރައީސް ނަޝީދު ހައްދަވާ އެންމެ ބޮޑުގޯސް.

ރައީސް ނަޝީދު ގަންޖާބޯ ކަމަށް އެއްބަސްވެ ވަޑައިގަތުން

ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް ވަނަމުން ކިޔާ އެ ބޭފުޅުންގެ އޮފު ކެނޑުވުމަކީ ދިވެހިންގެ ތެރޭގައި ކަށީގައި ހިފާފައި ހުރި ނުބައި އާދައެކެވެ. އެހެނެއް ކަމަކު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ނޫން ބޭފުޅަކު މިސާލެއްގެ ގޮތުންވެސް އެފަދަ ނަމެއް އެހެން ބޭފުޅަކަށް ނިސްބަތް ކުރައްވާ ވިދާޅުވެފައެއް ނުވެއެވެ. އެ ނުބައި އާދަ އަށަގަންނުވަން އެހެން ބޭފުޅަކު މަސައްކަތް ކުރައްވާފައި ވެސް ނުވެއެވެ. އެ ހުތުރު ދަށު ދަރަޖައިގެ އަމަލު ހިންގުމަށް ރައީސް ނަޝީދު ނޫން ބޭފުޅަކު ހިއްވަރު ދެއްވާފައެއް ވެސް ނުވެއެވެ. 

ވަކި ބޭފުޅަކަށް އެންމެ ގިނައިން ވަނަމުން ރައްދު ކުރެވުނު ރައީސްއަކީ ރައީސް މައުމޫނެވެ. ރައީސް މައުމޫނަށް ނިސްބަތް ކޮށް " ގޮޅާބޯ"ގެ ނަމުން މުހާތަބު ކުރީ އެއްތާކު ދެތާކު އެކަކު ދެމީހަކު ނޫނެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. އެހެނަސް ޖަޒުބާތުގައި ޖެހިވަޑައިގެން ވެސް ރައީސް މައުމޫނު އެހެން ބޭފުޅަކަށް ހުތުރު ބޭއަދަބީ ބަހަކުން ރައްދެއް ދެއްވާ މިސާލެއް ޖައްސަވާފައެއް ނެތެވެ. 

ރައީސް ވަހީދު ވެސް އެ މަނިކުފާނަށް ރައްދުކޮށް މީހުން ކީހާ ކުނި ފުޅައަށް ރައްދެއް ނުދެއްވައެވެ. މިސާލެއް ނުޖައްސަވައެވެ. ރައީސް ޔާމީނު ވެސް އެ މަނިކުފާނަށް ނިސްބަތްކޮށް ރައްދު ކުރިހާ ނޭއްގާނި ބަސްތަކަށް ރައްދު ދެއްވާ ކުރީގެ ރައީސަކަށް ވެސް އަދި މިހާރުގެ ރައީސްއަކަށް ވެސް ވަނަމަކުން ވިދާޅެއް ނުވެއެވެ. ރައީސް ސޯލިހު ވެސް އެއްވެސް ވާދަވެރިއަކަށް ވެސް އަދި އެހެން މީހަކަށް ވެސް ނޭއްގާނި އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. 

އެހެން ނަމަވެސް ރައީސް ނަޝީދު ކަން ކުރައްވަނީ އެއާ މުޅިން ހިލާފަށެވެ. އެކިއެކި ބޭފުޅުންގެ އަބުރު ކަތިލެއްވުމުގައި ރައީސް ނަޝީދަކީ އަރާ ހުންނެވި ބޭފުޅެކެވެ. ރައީސުން ފެށިގެން އެންމެ އާދައިގެ މީހާއާއިވެސް ރައީސް ނަޝީދު ދިމާ ކުރެއްވުމުގައި އިޖުތިމާއީ އަދަބެއް ސަދަބަކަށް ނުބައްލަވައެވެ. އެ ވަގުތަށް ހިތްޕުޅަށް އަރާ ވަޑައިގެން މޭރުމަކުން މީހުންގެ އަބުރު ނަގާލެއްވުމަކީ ރައީސް ނަޝީދުގެ ތޮބީއަތެވެ. 

ބޭނުންފުޅުވެ ވަޑައިގަތުމުން ނުކުރައްވާނެ ވަކިކަމެއް ރައީސް ނަޝީދުގެ ނޯވެއެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ކަރާމާތް ވެސް ނަގާލެއްވީއެވެ. ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ނިސްބަތްކޮށް އެކި ހާލަތުގައި އެކި މީހުން އެކި ތަންތާ ގޮވިހާ ކުނި ފުޅައަކީ ބަލައިގަނެވޭ ކުރަންޖެހޭ ކަމެއް ކަމުގައި ރައްޔިތުންނަށް ސިފަކޮށް ދެއްވީއެވެ. 

ރައީސް ނާސިރަކީ ކަރުކުރު ބައިސާ ކަމާއި ރައީސް މައުމޫނަކީ ގޮޅާބޯ ކަމަށް މަޖިލީހުގެ ފަތްފުށް ތަކުގައި ލިޔުއްވީއެވެ. ރައީސް ވަހީދަކީ ބާގީ ވަހީދު ކަމަށާއި ރައީސް ޔާމީނަކީ ރާގޮނޑި ރާޖާކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމީއެވެ. ރައީސް ސޯލިހަކީ ޗޯރު އިބްރޭ ކަމަށް ވިދާޅުވެ ބަސް އިއްވެވީއެވެ. އަނެއްކާ ހޮދު ރައީސް ނަޝީދު އަމިއްލަފުޅަށް ރައީސް ނަޝީދު ގަންޖާބޯ ކަމަށް އެއްބަސްވެ ވަޑައިގެން އިއުލާން ކުރެއްވީއެވެ. 

ގައުމެއްގެ އިޖުތިމާއީ ފޭރާން ވީދި ހަސް ނެތޭނީ މިހާކަށް ވަރަށެވެ. ކިތަންމެ ޑިމޮކްރެޓިކް ވިޔަސް މީހުންގެ އިއްޒަތުއްނަފްސާއި ގައުމީ ކަރަމާތް ނަގާލުމުގެ އެއްވެސް ހައްގެއް އެކަކަށް ވެސް ނުއޮންނާނެއެވެ. އަމްދުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އިއްވޭ ކޮންމެ އަޑަކީ އެގައުމެއްގެ އަޑެވެ. އެ ގޮނޑީގައި އިންނަވާ ބޭފުޅެއްގެ ދޫފުޅުން އެވަގުތު ނިކުންނާނީ ގައުމުގެ ރައްޔިތުންގެ އަޑެވެ. ބަހެވެ. އެ ގޮނޑިއަކީ އަމިއްލަފުޅު އެޖެންޑާ ހިންގަވަން ރައްޔިތުން ދޭ ފުރުސަތެއް ނޫނެވެ. ދައުލަތުގެ ރައްކާތެރިކަމާއި އިނާޔަތް ހޯއްދަވައިގެން ހުންނަވާ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރިޔާސަތު ރޭޕް ކުރެއްވުމަކީ ރައީސް ނަޝީދު ހައްދަވާ އެންމެ ބޮޑުގޯހެވެ.