ވެރިކަމުގެ ހަޔާތުން ދައުރެއް ވާނުވާގައި
އިގްތިސޯދީ ދަތިކަމުގެ ވާހަކަ މިހާރު ނުދައްކާ!
މުއްތޮލިބެއް ކަމަކު އިގްތިސޯދީ ދަތިކަމުގެ ވާހަކަ މިހާރު ނުދައްކާށެވެ. އިގުތިސޯދީ ހާލަތު ހުރިގޮތުން ކަންކަން ކުރަން ދަތިކަމަށް މިހާރު މުއްތޮލިބު ބުންޏަޔަސް ރައީސް މުއިއްޒުގެ ބަހާ އަމަލު ހުންނަނީ އިގްތިސޯދި ދަތިކަމެއް އޮތް ބީދައަކުން ނޫނެވެ. ދައުރު ދެބައިވެ ކެތި ބޯދަށަށް ޖެހީމާ އިގްތިސޯދީ ދަތިކަމާހުރެ ކަންކަން ނުވަނީއޭ ބުނެ މުއްތަލިބުވެސް ބަހަނާ ދައްކަނީ ކަމުން ރެކޭށެވެ.
އަޖައިބެއް ނުވާނެހެއްޔެވެ. ތިޔަ ވެރިކަމަކީ ކުރިން ތިޔަކަން ކުރި ބަޔަކު ނުވާނެޔޭ ކިޔައިގެން ރޮއި އާދޭސްކޮށްގެން މުއިއްޒު ބޮލުގައި އެޅުވި ކަމެއްނޫނެވެ. އެ މީހުންނަށް ވުރެ މާ ރަނގަޅަށް މާ މޮޅަށް ކޮށްދޭނަމޭ ކިޔައިގެން ފަހަތުން ހިނގާ އާދޭސްކޮށް ވެއްޓި ފުރޮޅިގެން ހޯދި ކަމެއް ނޫންހެއްޔެވެ.
އެމްޑީޕީ ކޮންމެވެސް އެއްގޮތަކަށް ވާހަކަދައްކާށޭ މުއްތަލިބު ބުނާއިރު ގައުމުގެ ހާލަތާމެދު ކަންބޮޑުވަންޏާ އެމްޑީޕީގެ ޗެއަރޕާސަން ނޫނަސް އެހެން މީހުންނަށް ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުން މެދުކަނޑާލަން ގޮވާ ލެވޭނެއެވެ. އޭގެ މާނައަކީ ބޮޑެތި ހަރަދުކޮށްގެން ކުރިއަށް ގެންދަން ފަށާފައިވާ މަސައްކަތްތައް ހުއްޓާލާށޭ ބުނުމެއްނޫނެވެ. ފަށަން ބުނެ ނުފަށާހުރި ކަންކަމާއި އަލަށް ބޮޑެތި މަޝްރޫއުތައް އިގްތިސޯދު ހަމަމަގަށް އެޅެންދެން ފެށުން މަޑު ޖައްސާލާ ވާހަކައެވެ.
ވެރިކަމާ ހަވާލުވީއިރު މާލެ ސަރަހައްދުން ގޯތި ދޭން ނުހިއްކި އޮތް 600 ގޯތި ހިއްކާ އެސަރަހައްދުގައި މީހުން އާބާދުކުރަން ކުރަން ހުރި ކަންކަން ނުކޮށް ބަހައްޓާފާ ފެށީ ފުށި ދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ހަދާށެވެ. ބުނި ގޮތަށް އެކަމެއްވެސް ވީއެއްނޫނެވެ. ރަސްމާލެ ތަރައްގީ ކުރުން މިއަދު އެއޮތީ ރާއްޖޭގެ އިގްތިސޯދަށް ޖެހުނު އެއިޑްސްއަށް ވެފައެވެ.
އިގްތިސޯދީ ގޮތުން ގޯސްކޮށް އޮތްކަމަށް ބުނާ ސަރުކާރަކާ ހަވާލުވެ ފެނާ ނަރުދަމާއާއި ކަރަންޓް ފަދަ އަސާސީ މަޝްރޫއުތައް ރަށްރަށުގައި ފަށާފައި ހުއްޓާ އެކަންކަން ނިންމަން ނޫޅެ މުއިއްޒު ދިމާކުރީ އެހެން ކަންކަން ކުރާށެވެ. އެކަންކަން ނިންމަން ނޫޅެ ދިމާކުރީ އަލަށް ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގާށެވެ. ނަތީޖާއަކަށްވީ ދެ ކަމުންކުރެ އެއް ކަމެއްނުވެ ރިހޭފައި މައްޗަށް ފޮއިވެއްޓުމެވެ.
ކުރިމަތީގައި ބިލިޔަނުން ދައްކަން ބޮޑު ދަރަނިތައް ހުއްޓާ އެކަން ނުކޮށް އެތައް ސަތޭކަ މިލިޔަން ޑޮލަރު ހޭދަކޮށްލައިގެން ޑްރޯނާއި އަސްކަރީ ހަތިޔާރު ގަތުން މުއިއްޒަށް މާ މުހިންމު ކަމަކަށްވީއެވެ. އެމްބަސީތަކަށް މީހުން އަޅާފުރައިގެން އެމީހުނަށް ޑޮލަރުން މުސާރާއާއި އިނާޔަތްދިނުމުގެ މުހިންމުކަން މުއިއްޒަށް ބޮޑުވިއެވެ. ބޮޑެތި ފައުޖުތައް ހަދައިގެން ދުނިޔެ ބަލައިލަން ދުއްވާ އެތައް މިލިޔަން ޑޮލަރެއް ތަޅާލުން މުއިއްޒަށް ވަރަށް ފަސޭހަ ކަމަކަށްވިއެވެ.
އެތައް ހާސް ސިޔާސީ މީހުން ލައިގެން އަތްގުޅި ނުކާވަރުގެ މުސާރަ ދިނުން ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަށްވުރެ އިސްކަމަކަށް މުއިއްޒަށް ވިއެވެ. ފަންސަވީހަކަށް ވުޒާރާ ހަދައިގެން ހިންގުމުގެ ހަރަދު ބޮޑުކޮށް ޅެމުން ފަރުވާދިނުން ވެސް އާސަންދަ ފަހިކޮށް ދިނުމަށްވުރެ މުއިއްޒަށް ބޭނުންތެރިވިއެވެ.
ދައުލަތް ހިންގުމުގައި އެލްބޯޑު އަޅުވައިގެން އުނބަށް ޖަހަމުން ބައިސާ ކަނޑަމުން މުއިއްޒު ދާއިރު އިގްތިސޯދީ ދަތިކަމެއް އޮތްހެންވެސް ހީނުވެއެވެ. ހަމަތެދެކެވެ. ވެރިކަމުގެ ހަޔާތުގެ ދައުރެއް ދިވެހިންނަށް ހުސްވެ މިދަނީ ވާނުވާގައެވެ.


