އީއީޒެޑްއަކީ އަތޮޅުތަކުގެ އެތެރެވަރީގެ ފަޅުތަކެއް ނޫން

ލިބޭނެ މުއްސަދިކަމުގެ ހުވަފެން ދައްކައިގެން ސަމޯއާ އެގްރިމަންޓް ތަންފީޒުކުރަންނޫޅޭ

އީއީޒެޑްއަކީ އަތޮޅުތަކުގެ އެތެރެވަރީގެ ފަޅުތަކެއް ނޫން

ކުރިއެރުމަށްޓަކައި ހުޅުވާލެވިފައިވާ އިގްތިސާދެއް ވަރަށް މުހިންމެވެ. ކުރިއެރުމަށްޓަކާ އިގުތިސާދު ހުޅުވާލުމުން ކުރެވޭ އިންވެސްޓްމަންޓްތަކުގެ ފައިދާ ގައުމަށާއި ރައްޔިތުންނަށް ހަމަހަމަކަމާއެކު ސީދާ ލިބޭނެކަން ކަށަވަރު ކުރަންޖެހެއެވެ.

އިގްތިޞާދު ހުޅުވާލާއިރު ހާމަކަން ބޮޑު ދެފުށް ފެންނަ ސާފު ސިޔާސަތުތަކާއި، ބައުހެދިފައިނެތް ހުރިހާ ފަރާތެއްގެ ހައްގުތައް ރައްކާތެރިކޮށްދޭ ވަށާޖެހޭ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހެއެވެ. ހަރުދަނާ ބެލެހެއްޓުމުގެ ނިޒާމެއް އޮންނަންޖެހެއެވެ.

އެކަށީގެންވާ ކޮންޓްރޯލްތަކެއް ނެތި ބޭރުގެ އިންވެސްޓްމަންޓްތަކެއް ގެނައުމަކީ ނުރައްކާތެރިކަމެކެވެ. ދެކޮޅު ނުޖެހިގެން ފައިސާ ހޯދަން ކަމަށްވިޔަސް ނުވަތަ ވަގުތީ އެހެން ފައިދާއަކަށްޓަކާ ކަމަށްވިޔަސް ހަމައެއް ލަމައެއްނެތި އިގުތިސޯދު ހުޅުވާލުމަކީ ލިގަންނަ އަނިޔާއެކެވެ. ރީތިނަމަކާއި ހުވަފެނީ އަދަދުތަކަކުން ދައްކާލާ ތަސައްވަރަށް ހެއްލި ގެއްލުމަކީ ވެވޭ ބޮޑު ހިޔާނާތެކެވެ. 

މުއިއްޒު ވެރިކަމަށް އެރިފަހުން ރާއްޖެއަށް ގެނައިކަމަށް އަޑުއެރުވި އިންވެސްޓްމެންޓްގެ އަދަދެއް ނޭގެއެވެ. ގައުމެއް ސަރުކާރަކުން ނުވަތަ ދުނިޔޭގެ މާލީ އިދާރާއަކުން ކޮށްދޭ ކަމެއްނޫނީ ފެންހިފޭ އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. އެމްއޯޔޫތަކާއި އެގްރިމަންޓްތައް ހެދި ކަރުދާހު ކުންފުނިތަކާއި ސްކޭމަރުންގެ އަވާގައިޖެހި މަނީ ލޯންޑަރކޮށްގެން ގައުމުގައި ފައިސާ އަނބުރަން ކުރެވުނު ކަމަކުން އިނދަޖެހުން ނޫން ކަމެއް ވެފައެއް ނެތެވެ. 

ފާޑުފާޑުގެ ފިނޭންޝަލް ސެންޓަރުތަކާއި ހަބްތަކާއި މޯލުތަކާއި އިންވެސްޓް ބެންކްތަކާއި ޑިވްލޮޕްމެންޓް ބޭންކްތަކާއި އެކޯސިޓީއާއި ފްލޯޓިން ޓާމިނަލާއި މޮނޯ ރޭލާއި އަންޑަވޯޓަރ ޓަނަލް ވީތަނެއްވެސް ނޭނގެއެވެ. ގެނައި ބަންކަރިންއެއްގެ ދަށުވެ އެސްޓީއޯ ހުލިވެ އަވަދިވަނީއެވެ. 

މާތް ކަލާކޯއެވެ. ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)އަކީ ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިނުގެ ބާރަ މޭލު ބޭރަށް 200 މޭލަށް ފުޅާކޮށް އެއޮތް ބޭރުކަޑެވެ. އަތޮޅުތަކުގެ އެތެރެވަރީގެ ފަޅުތަކެއް ނޫނެވެ. އީއީޒެޑްގެ ގާނޫނުގެ ހިޔަނީގައި ރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ޓައުންޝިޕް ހަދައިގެން ރާއްޖޭގެ ސިޔާދަތަށް ހަރާންކޯރުވަން މުއިއްޒެއް ކަމަކު ނޫޅޭށެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދުން ބޭރުގައި އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)ގައި ހަދާނެ ވަރަކަށް ޓައުންޝިޕް ހަދައިގެން ފައިސާ އެތެރެކޮށް ބަލާށެވެ.

އަތޮޅުތަކުގެ ފަޅުތަކުގައި ޓައުން ޝީޕް ހަދައިގެން ބޭރުމީހުންނަށް ރަށްވެހިކަން ދީގެން ރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމް ވަންތަކަމާއި ދިވެހިންގެ ދިވެހި ވަންތަކަން ދުއްވާލަން ނޫޅޭށެވެ. ރައްޔިތުންނަށް ލިބޭނެ މުއްސަދިކަމާއި ފައިސާގެ ހުވަފެން ދައްކައިގެން ސަމޯއާ އެގްރިމަންޓް ތަންފީޒުކުރަން ނޫޅޭށެވެ.