އެމްޑީޕީއަށް ޖުޑިޝަރީ އިސްލާހު ނުކުރެވުނީ ކީއްވެ!

އެމްޑީޕީއަށް ޖުޑިޝަރީ އިސްލާހު ނުކުރެވުނީ ކީއްވެ!

ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ޖުޑިޝަރީ އިސްލާހުކުރަން އެމްޑީޕީއަށް ފުރުސަތު ލިބި ނުކުރި ވާހަކައަކީ އާއްމުކޮށް ދައްކާ ވާހަކައެކެވެ. އެ ވާހަކައަކީ ބުރަދަނެއް ހުރި ވާހަކައެކެވެ. އެމްޑީޕީ އާރާ ބާރުގައި އޮވެ ނުކުރިކަމެއް މިހާރު ކުރާވާހަކަ އެމްޑީޕީން ދެއްކީމާ އެކަން ބައެއް މީހުން ސިފަކުރަނީ ޖޯކެއްގެ ގޮތުގައެވެ.

އެހެން އެކަން އޮތުމުން ގާނޫނުއަސާސީ އިސްލާހުކުރެވޭ ވަރަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބި ޖުޑީޝަރީ އިސްލާހު ނުކުރީތޯ ނުވަތަ ނުކުރެވުނީތޯ ބަލާލުމަކީ މުހިންމު ކަމެކެވެ. ތެދެކެވެ. 2019 އިން 2023 އަށް އެމްޑީޕީ އިސްވެއޮވެ ކުރި ވެރިކަމުގައި ސާފު ސްޕަރމެޖޯރިޓީ އެމްޑީޕީއަށް މަޖިލީހުގައި އޮތެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭ ކޮންމެ އިސްލާހެއް އެމްޑީޕީން ގެންނަން ބޭނުން ގޮތަކަށް ގާނޫނު އަސާސިއަށް ގެނެވެން އޮތެވެ.

މަޖިލީހުގެ ސްޕަރ މެޖޯރިޓީ އޮވެ އަކުރުން އަކުރަން އެމްޑީޕީގެ "އެޖެންޑާ19" ތަސްދީގުކުރަން އޭރު އުޅުނުނަމަ ފަސޭހަކަމާއެކު އެކަންވީހެވެ. އޭރުން އިސްލާހުވީހީކީ ހަމަ އެކަނި ޖުޑީޝަރީއެއް ނޫނެވެ. ޝަރުއީ ނިޒާމުގެ އިތުރަށް މާލީ އިގްތިސޯދީ އިޖްތިމާއި ކަންކަމަށް ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނެވުނީހެވެ. ޖަވާބު ދާރީ ކުރުވުމާއި ޗެކް އެންޑް ބެލެންސް ބާރުވެރި ކުރެވުނީހެވެ. ހެޔޮވެރިކަމުގެ ރަނގަޅު ތަރުތީބުތަކެއް ގައުމަށް ގެނެވުނީހެވެ. 

އެހެނެއް ކަމަކު ހުރިހާ އާރަކާ ބާރެއް އޮވެމެ އެމްޑީޕީއަށް އެކަން ނުކުރެވުނީ އޭރުއޮތް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ސަބަބުންނެވެ. މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ހިސާބުން މަޖިލީހުގެ ރިޔާސަތުގައި ތިބި މީހުން ބޭނުންވީ އެޖެންޑާ19 ތަންފީޒު ކުރާކަށް ނޫނެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރާށެވެ.

މަޖިލީހުގެ ރިޔާސަތުގައި އޭރު ތިބި މީހުން ބޭނުންވި ގޮތަށް ބަރުލަމާނީ ނިޒާމަން ވެރިކަން ހިންގުން ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ އިންކާރު ކުރެއްވި ހިސާބުން ހަތަރެސްކަން ހަމަވީއެވެ. ފަސް އަހަރު ދުއްވާލީ ގާނޫނީ ނިޒާމް ރަގަޅުކުރުމަށް މަޖިލީހުގެ ރިޔާސަތުގެ އެއްބާރުލުން ނުލިބިއެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ކްރެޑިޓެއް ލިބޭނެ އެއްވެސް ކަމެއް އެޖެންޑާނުކޮށް މުޅި ދައުރު ނިންމާލީ މަޖިލީހަކީ އިދިކޮޅުގެ މައިހަރުގޭގެ ގޮތުގައި ބާއްވައިގެންނެވެ.

އެންޑާ19 ތަންފީޒުކޮށް ޖުޑީޝަރީ އިސްލާހުކުރުމުގެ ކްރެޑިޓް ސަރުކާރަށް ދޭކަން އޭރުގެ މަޖިލީހުގެ ރިޔާސަތުން ބޭނުމެއްނުވިއެވެ. އެހެންވެ އެކަން ނުވެ އޮތީއެވެ. ހަގީގަތް ކިތަންމެ ހިއްޗަށް ހަގީގަތަކީ މިއެވެ.