ކުރެންދޫ ޑިމޮކްރަސީއަށް ފައްކާވެފާ

އެއް ވަގުތެއްގައި ބޮޑު ދެ ޕާޓީގެ ކެންޑިޑޭޓުން ކުރެންދޫގައި

ކުރެންދޫ ޑިމޮކްރަސީއަށް ފައްކާވެފާ

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް ސޯލިހާއި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެއް ވަގުތެއްގައި ޅ. ކުރެންދު އަށް މިއަދު ވަޑައިގަތުމުން ކުރެންދޫން ދެއްކީ އެރަށު ރައްޔިތުން ޑިމޮކްރަސީއަށް ތަސައްރަފު ފުދިފައި ތިބިވަރެވެ. 

ޅ. އަތޮޅުގެ ރައީސާއި މުއިއްޒު ވެސް ފެއްޓެވީ މިއަދު ހެނދުނެވެ.ކުރެންދު އަށް ފުރަތަމަ ވަޑައިގެންނެވީ ރައީސް ސޯލިހެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔަން ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދިގު ސަފެއް ހެދި އެވެ.

މުއިއްޒު ކުރެންދު އަށް ވަޑައިގަތީ އެ ރަށުގެ ޔޫތު ސެންޓަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާއި ބައްދަލު ކުރައްވަމުން ގެންދަވަނިކޮށެވެ. މުއިއްޒަށް މަރުހަބާ ކިޔަން ވެސް ކުރެންދޫން ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.

ޕީޕީއެމްގެ ކުރެންދޫ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު މުއިއްޒު ވަޑައިގަތީ މެންދުރުގެ ކެއުން ހަމަޖައްސާފައި އޮތް އެ ރަށު ޕްރީ ސްކޫލަށެވެ.

އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ކުރެންދޫގެ އާ އިންޖީނުގެ އާއި ފެނަކައިގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

ރައީސް އެ ދެ ރަސްމިއްޔާތަށް ފަހު، ވަޑައިގަތީ، ޕީޕީއެމް ކެންޑިޑޭޓް ވަޑައިގެން ހުންނެވި ޕްރީ ސްކޫލާ 100 ވަރަކަށް ފޫޓު ކައިރީގައި ހުންނަ ފެނަކައިގެ ކުރީގެ އޮފީހަށެވެ. އެ މަނިކުފާނުގެ ފަރިއްކޮޅު އޮތީ އެ ތަނުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނުގައި ބައެއް ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް، ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގިޔަސް އެފަދަ މަންޒަރެއް ކުރެންދޫއަކުން ނުފެނެއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓާއި ސަޕޯޓަރުން މެންދުރު ފަރިއްކުޅުވުމަށް ޖަމާވެ ތިއްބެވި ޕްރީ ސްކޫލްގެ ކުރިމަތިން، އެމްޑީޕީގެ ސަޕޯޓަރުން ހިނގާފައި ފެނަކައިގެ ކުރީގެ އޮފީހަށް މެންދުރު ފަރިއްކޮޅަށް ޖަމާވަމުން ދިޔަ އިރު ވެސް އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެއެވެ.