މުއިއްޒާއި ޔާމީނާ އެއްވެސް ގުޅުމެއްނެތް: ޔާމީނުގެ ވަފާތެރިއެއް
ޔާމީނާގެ ވަފާތެރިން ހަނު ތިބި ތިބުމަކީ ޔާމީނު މުއިއްޒަށް ތާއީދު ކުރުމެއްނޫން
"މުއިއްޒު އެ ޖަހަނީ އަމިއްލަ ފަޔަށް ބަޑި" ކަމަށް ރައީސް ޔާމީނު ވިދާޅުނުވާ ކަމަކަށް ނުހެދޭނެއެވެ. އެ ވާހަކަފުޅަކީ ވަރަށް ސާފުބަހުން ސީދާކޮށް ވިދާޅުވި ވާހަކަފުޅެއް ކަމަށް ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމްގެ އިސް ބޭފުޅަކު ވަނީ މިނޫހަށް ވެސް ކަށަވަރުކޮށް ދެއްވާފައެވެ.
ޕީޕީއެމްގެ އާއްމު މެންބަރުންގެ ތާއީދު ހޯއްދެވުމަށް ކިތަންމެ ބޮޑުކޮށް ރައީސް ޔާމީނުގެ ފޮޓޯފުޅު ބޭނުން ކުރެއްވިޔަސް ޑރ. މުއިއްޒުގެ ކެންޕޭނާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްނެތް ކަމަށް ރައީސް ޔާމީނު އެންމެ އިތުބާރު ކުރައްވާ އިސް ބޭފުޅަކު ހީރަސްނިއުސް އަށް ކަށަވަރު ކޮއްދެއްވައިފިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ އަރިސް އެންމެ އިތުބާރުކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކު ނަން ހާމަ ނުކުރުން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޑރ. މުއިއްޒަށް ވެރިކަން ލިބި ވަޑައިގަތަސް ރައީސް ޔާމީނު ދޫކޮށްލައްވާ ރައީސް ޔާމީނަށް ވެރިކަން ހިންގުމުގެ ބާރު ނުދެއްވާނެކަން މީޑިއާގައި ސާފުކޮށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ފަސްއަހަރުގެ ދައުރެއް މުއިއްޒު ފުރިހަމަ ކުރައްވާނެ ކަމަށާއި މިޑްޓާރމް އިލެކްޝަނަކަށް ފުރުސަތު ނެތްކަމަށް ޑރ. މުއިއްޒު ވިދާޅުވީ ސަމާސާއަކަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތަސް ކުޑަމިނުން ނައިބު ރައީސް އިސްތިއުފާ ދެއްވާ ނައިބު ރައީސްކަން ރައީސް ޔާމީނަށް ދެއްވައިގެން ވެރިކަން ހިންގުމުގައި ރައީސް ޔާމީނު ބައިވެރި ނުކުރައްވާނެކަން ކަށަވަރުކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނު މިނިވަންކޮށް އެ މަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވެސް ކުރެއްވީ ޑރ. މުއިއްޒަށް މަލާމާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބޭފުޅާ ވިދާޅުވީ ޑރ. މުއިއްޒު މިހާރު ރައީސް ޔާމީނުގެ ވާހަކަ ނުދައްކަވާ ކަމަށެވެ. ޑރ. މުއިއްޒަށް ރައީސް ޔާމީނާ ނުލާ ވެރިކަމަށް ވަޑައިގެންނެވޭ މަންޒަރު މިހާރު ސިފަވެ ވަޑައި ގަންނަވާ ކަމަށާއި އެއީ ބިލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން މާލެ ސިޓީ ކައުންސިލްގެ މެންބަރ ޝުޖާއުމެން ރައީސް ޔާމީނުގެ ނަންފުޅު ކިތަންމެ ބޮޑަށް ބޭނުން ކުރައްވައިގެން ކެންޕެއިން ކުރެއްވިޔަސް ޝުޖާއުމެން އެ ކުރައްވާ ކަމަކީ ރެޑްވޭވް ސަލީމު ބާރުވެރި ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއަކީ ސަލީމުގެ ޕަޕެޓެއް ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ރައިސް ޔާމީނަކީ އެއްވެސް ވަރަކަށް ރެޑްވޭވް ސަލީމު ބޭނުންހާ ގޮތަކަށް ކަންތައް ކުރެއްވި ބޭފުޅެއް ނޫންކަމަށެވެ. ރޭޑްވޭވް ސަލީމަކީ އެއްވެސް އިރަކު ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޑރ. މުއިއްޒުގެ ކޮންޓްރޯލު ރެޑްވޭވް ސަލީމު ނަންގަވަން ކުރައްވާ މަސައްކަތުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުމެން ބޭނުން ކުރައްވަނީ ރެޑްވޭވް ސަލީމުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނު ޕީޕީއެމް މެންބަރުން ކިބައިން އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. ރައީސް ޔާމީނުގެ އެދިވަޑައިގަތުމާ ދެކޮޅަށް ޑރ. މުއިއްޒު ނުފޫޒު ފޯރުވައިގެން ޕީޕީއެމް-ޕީއެންސީ ސެނެޓުން ޑރ. މުއިއްޒަށް ތާއީދު ކުރުމަށް ނިންމައިގެން ކުރެވޭ މަސައްކަތަކީ ރައީސް ޔާމީނުގެ ތާއިދު އޮތްގޮތް ނޫންކަން ސާފުވާ ސަބަބުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވެއެވެ.
ރައީސް ސޯލިހުގެ ވެރިކަން ބަދަލު ކުރުމަކީ ޕީޕީއެމް- ޕީއެންސީގެ އެންމެ މުހިންމު އެއް ބޭނުން ކަމުން ރައީސް ޔާމީނާއި އެ މަނިކުފާނުގެ ވަފާތެރިން ހަނު ތިބި ތިބުމަކީ ރައީސް ޔާމީނު މުއިއްޒަށް ތާއީދު ކުރެއްވުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނުގެ އާއިލީ ބޭބެފުޅުންނާއި އެންމެ އަރިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ތަކެއް ޑރ. މުއިއްޒުގެ ކެންޕޭނުގައި ހަރަކާތްތެރި ވާތަން ނުފެނުމަކީ ރައީސް ޔާމީނުގެ ތާއިދު ޑރ. މުއިއްޒަށް ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވެއެވެ.