ސިއްޕެ ކަނޑާލީތަ!
މެންބަރުންނަށް ވަޒީފާގެ ބިރު ދެއްކެވުމަކީ ރައީސް ސާލިހު ކުރައްވާނެ ކަމެއް ނޫން
ދައުލަތް ހިންގުމަށް ސިޔާސީ މަގާމް ތަކަށް މީހުން އައްޔަނު ކުރުމާ ވަކި ކުރުމުގެ ބާރު ރައީސަށް ގާނޫނު އަސާސީ ލިބިދީފައި އޮވެއެވެ. އެހެނެކޭ ކިޔާ ރައީސް ސާލިހުގެ ވާދަވެރިއަކަށް ތާއީދުކޮށްގެން އެކަކުވެސް މަގާމުން ވަކި ކުރައްވާފައެއް އަދި ނެތެވެ. ދެލޯ ރަނގަޅަށް ފުހެލައިގެން ހަމަލޮލުން ރަނގަޅަށް ބަލައިލަ ބަލާށެވެ.
ރައީސް ނަޝީދުވިދާޅު ވިޔަސް އެއްޔަކީ ހަގީގަތެއް ނޫނެވެ. އެކަން ރައީސް ނަޝީދަށް ވެސް ރަނގަޅަށް އެނގި ވަޑައި ގަންނަވާނެއެވެ. މީހަކު މަގާމަކުން ވަކި ކުރައްވާނެ ނަމަ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އެ އުޅުއްވާ ގޮތުން އެ މަނިކުފާނު އެ މަގާމުން ވަކި ކުރައްވާނެތާ ކިތަންމެ ދުވަހެކެވެ. ދެ އަނގަ ޖަމީލުމެން ވެސް ލޮލަށް ފުސް ބުރާފައި ތިބީމާ ވާނުވާ ނޭނގި އެހެން ކިޔާ ކޯތަޅުވަނީތާއެވެ.
ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ހެއްދެވުނު އެއްޗެއް ހައްދަވައިގެން ރިޔާސީ ޓިކެޓް ހޯއްދަވާކަށް ރައީސް ސާލިހު ނޫޅުއްވައެވެ. ބާރެއް އޮތަތީ ބާރުގެ ބޭނުން ކުރައްވައިގެން ޕްރައިމަރީ ޓިކެޓް ހޯއްދެވުމަކަށް ރައީސް ސާލިހު ނޫޅުއްވައެވެ. ކޮންމެ މީހަކަށްމެ އެ މީހަކު އެދޭ މީހަކަށް މިނިވަން ކަމައެކު ވޯޓު ދީ ބަސް ބުނުމުގެ ހައްގު ހޯއްދަވާ ދެއްވުމަށް ވުރެން ރައީސް އެދި ވަޑައި ގަންނަވާ ކަމެއް ނެތެވެ.
ރިޔާސީ ޕްރައިމަރީއަކީ ޓިކެޓްލިބި ވަޑައި ގަންނަވާ ބޭފުޅަކަށް ޓިކެޓް ލިބި ވަޑައި ގަތުމުން އެންމެން އެކުގާ އެކަތިގަނޑަކަށްވެ ރިޔާސީ އިންތިހާބު ޕާޓީއަށް ކަމިޔާބު ކުރުމަށް މަސައްކަތް ނުކުރެވޭ ވަރު ބޮޑުހުޅަކަށް ވާކަށް ރައީސް ސާލިހު ބޭނުން ފުޅެއް ނުވެއެވެ. މެންބަރަކު ތާއީދު ކުރާ ގޮތަކަށް ބައްލަވައިގެން މެންބަރުންނަށް ވަޒީފާގެ ބިރު ދެއްކެވުމަކީ ރައީސް ސާލިހު ކުރައްވާނެ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ އިހުތިޔާރުގައި އެމީހަކު ތާއީދު ކުރާނެ މީހަކަށް ތާއީދުކޮށް ވޯޓު ދިނުމަކީ ކޮންމެ މީހަކަށް އޮތް އަމިއްލަ ހައްގެއްކަން ރައީސަށް އޮޅިވަޑައެއް ނުގަންނަވައެވެ.
ރައީސް ސާލިހު ސިޔާސީ މަގާމު ތަކަށް އައްޔަނު ކުރައްވަފައި ތިއްބެވި ސިޔާސީ އެތައް ވެރިންނެއް އެ މަނިކުފާނާ ޒާތީ ގޮތުން ދިމާ ކުރައްވާ ފާޅުގައި ދެކޮޅަށް ކެންޕޭން ކުރައްވަމުން އެތިބަ ގެންދަވަނީއެވެ. އެ ބޭފުޅުން ކުރެން "ތަށަށް ކިޔަނީ މަރިޔަނބުތޯ" ވެސް ރައީސް އައްސަވާ ނުލައްވައެވެ. ވަގުތުން ވަގުތައް ކަނޑާލާފައި ފޮނުއްވާލެއްވެން ތިބި ސިޔާސީ އެތައް ބަޔަކު ސިޔާސީ ގޮތުން ރައީސްއަށް ގޯނާ ކުރާއިރު މަގާމުން ވަކި ނުކޮށް ބޭތިއްބުމުގެ ކެތްތެރިކަމާއި ހިތްވަރު ރައީސް ސާލިހުގެ ކިބައިގައި އެބަހުއްޓެވެ. އެވަރުގެ ކެތްތެރި ބޭފުޅަކު ކުންފުނި ތަކުގައި އުޅޭ އާދައިގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ނުދައްކަވާނެކަން އެންމެ ތުއްތު ކުއްޖާއަށް ވެސް ގަބުލު ކުރެވޭނެއެވެ.