ދިވެހިން ބޮޑުސޭޓާއި ބޮޑުވަޒީރު ދަސްކޮށްފި!
ތުބުން ވެއްޓޭ ބަތްފުށް ކާން ވިލާ ދޮރުބުޑުގައި ސަފު ހެދި ޒަމާން މާޒީވެއްޖެ!
ގާސިމާ މަނިއްގަނޑާއެވެ. ފިކުރެއްގެ ދިރުމަށް ފަންސާހަކަށް ހާސް މީހުން ސޮއިކޮށްފިޔޭ ކިޔައިގެން ބަޔަކު އަޑު އަރުވާތީ ތިޔަހުރީ ވަރެއްވެފާތާއެވެ. އެ ފިކުރަކަށް ފަންސާހަކަށް ހާސް މީހުން ވީނަމަ ވެރިކާމާ ބޫތުކައިގެން ފަޔަށް ހިނިއަރާއިގެން އުޅޭ މީހަކު އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކޮށް ހުންނާނެ ހެއްޔެވެ. ނުހުންނާނެއެވެ. އެވަރު މީހެއްގެ އަވަގައިޖެހި ޅޮސްއުނދޯއްޔަކަށް އެރޭނީ ތިޔަހާކަށް ވަރަށެވެ.
ކަނދުފައްޗެއްގައި މަސްއަޅާހެން ރިޔާސީ އިންތިހާބު ބޯމަތި ވީމާ އަންނަ ނާންނަތަނެއް ނޭނގި ކޮންމެ ފަހަރަކު ޖުމްހޫރީ ޖަގަހަ ފުރާލާނޫން ހެއްޔެވެ. އުކާ އެމަށް ހިލަވަޅުވެ ތިލަވެ ކައިފުރައިގެން ކޮންމެ ފަހަރަކު އައިން ދަނީ އަޑިއަށެވެ. ރޯގިލަކަންފުޅެއް ނުވެއެވެ.
ރަންކޮޅާއެވެ. އަމްދުން މި ފަހަރު ތިޔަ ޖެހެނީ މާ ވަރުގަދަ ދަންތުރައެއްގައެވެ. އިއްޔެ ގޯސްވެގެން އުޅުނު އެންމެންނަށް ހިތް ހަލާލޭ ގޮވަމުން ވަކި މީހަކު ނެތިއްޔާ ވަކިތަނެއް ނޯންނާނެޔޭ ބުންޏަސް ދުނިޔޭގެ ސުންނަތަކީ އެއީ އެއް ނޫނެވެ. ގާސިމް ނެތިއްޔާ ޖުމްހޫރީ ޕާޓީއާއި ވިލާ ގްރޫޕް ނޯވެދާނެއެވެ. ޔާމީނުގެ ވެރިކަމުގައި ޅިސް ގޮވަންދެން ކައިފުރައިގެން ސަލާމަތް ހޯދަން ބަނޑު ދަށަށް ވަދެތިބި އައްޓަމަސްތައް ކައިފުރައިގެން ނިކުމެ އަނެއްކާވެސް އައިތަނަށް ގޮސް އުނބަށް ޖަހަފާނެއެވެ.
ނަޝީދު އަތުން އެމްޑީޕީ ޖަހައިގަންނަން އުޅެ އެކަން ގާސިމަށް ނުވި ނުވުމަކީ ނަޝީދާ ނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ހުކުން ކުރަން އޮތް ހުއްޖަތެއް ނޫނެވެ. މޮޔަފުޅު ނުވާށެވެ. ފިކުރެއްގެ ދިރުމުގެ ޖާދޫއަކީ ގާސިމަށް ވޯޓު ހޯދާދެން ހަދާ ޖާދޫއެއް ނޫނެވެ.
ޑިމާންޑް އުފައްދަން އެކި މީހުން ޖަހަނީ އެކި ސަކަރާތެވެ. ފިކުރެއްގެ ދިރުމުގެ ޖާދޫ ނަޝީދު ހަދަނީއެވެ. ވެރިކަމަކީ ގާސިމަށް ހޭލާހުއްޓާ ފެންނަ ހުވަފެނެކެވެ. ފެން ބޮވާފައި ހުއްޓާ ފެންނަ އަވާމެންދުރެކެވެ.
އަދިވެސް އެއްޗެއް ވިސްނޭކަށް ނުވޭ ހެއްޔެވެ. ވިލާ ފައުންޑޭޝަނުން ސްކޯލަރޝިޕްދީ ބޭސް ފަރުވާކޮށް ދިން ޒަމާނުގައި ގޭނި ހުސްވެގެން ވެސް ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރުގައި ގަދަ ދޭކަށް އެރިފައެއް ނެތެވެ. އޭރު މީހާ ޅަނބާޅައެވެ. ޅަދޮނޅެވެ. ނިކަމެތިން މާގިނައިންވެސް ކަމުކިޔަން ޖެހުނެވެ. މިއަދަކު މީކީ އެހާލަތެއް ނޫނެވެ. އާސަންދައާއި ހިލޭ ޑިގްރީ ތަންމިނަށް އޮތީ ހުޅުވިފައެވެ. ގާސިމުގެ ތުބުން ވެއްޓޭ ބަތްފުށް ކާން ވިލާ ދޮރުބުޑުގައި ސަފު ހެދި ޒަމާން މާޒީވެއްޖެއެވެ. ލަފާނުފުރިގެން ގާސިމަށް ރައްޔިތުން އަޅުދާސްވެގެން ރަށްރަށުގެ ބަނދަރު ފަސްބާޑިޖެހި ހަނދާން މީހުން ނެތިއްޖެއެވެ. ގައިބާރު ދޫވެ ބޮނޑިމައްޗަށް ބުމަ ވެއްޓުނީމާ މޭފުއްޕިޔަސް އޭރުނުވިކަމެއް މިހާރަކު ނުވާނެއެވެ.
ކުރީ ދެފަހަރުހެން ފުރަތަމަ ބުރުގައި ވާދަކޮށް ތިންވަނަ ހޯދައިގެން ގަދަފަޅި ބޮޑުކުރަން ކައްޓާ ތުޅު ޖައްސާލަން ވައްޓާލާ މަދޮށްޓަށް ވާން ނޫޅޭށެވެ. އަބަދަކު ތިޔަ ސަކަރާތެއް ނުޖެހޭނެއެވެ. ގިނަރައްޔިތުން އަދަކު ތިބީކީ ދެވަނަ ބުރަކަށް ގެންގޮސްގެން ބޯކިބާ ބަހާދޭ ގޮތަކަށް ނޫނެވެ. އެއްބުރުން ނިންމާށެވެ. ދިވެހިން ބޮޑުސޭޓާއި ބޮޑުވަޒީރު ދަސްކޮށްފިއެވެ.