އިޒްރޭލް ޕާސްޕޯޓް މަނާކުރާނީ ނަތަންޔާހޫއަށް ވެސް އާދެވޭގޮތަށް!

މުއިއްޒާއި މުއިއްޒު ސަރުކާރު އޮތީ އިޒްރޭލް ފަޅީގަ

އިޒްރޭލް ޕާސްޕޯޓް މަނާކުރާނީ ނަތަންޔާހޫއަށް ވެސް އާދެވޭގޮތަށް!

މުއިއްޒުގެ ހުރި މުނާފިގުކަން ދެކެބަލާށެވެ. ތިމާގެ އަމިއްލަ ބާރުގައި އޮތް ކަމެއް ނުކޮށް ބައިނަލްއަގްވާމީ ގޮތުން އިޒްރޭލާ ދެކޮޅަށް ކަންކުރަންވީ ގޮތް ގައުމުތަކަށް އެބަކިޔާދެއެވެ. އިޒްރޭލާ ދެކޮޅަށް މުޅިދުނިޔެ އެކަތި ގަނޑަކަށް ވާންވީ ޔޯލައެވެ. ދުނިޔެއަށް ގޮތްކިޔަން މީދެން ކާކު ހެއްޔެވެ. ކުކުޅަށް ވުރެ ބިސްދޮށިވެގެން އެހެން ގައުމުތަކުން ކަންތައް ކުރަންވީ ގޮތް ކިޔާދޭން ލަދެއް ނުގަނެއެވެ. 

ފަލަސްތީނު ރައްޔިތުންނާ އެކުގައި މުއިއްޒު ސަރުކާރު އޮތްކަން ދެއްކުމަށް އަނގަފުޅާކޮށް ވާހަކަ ދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. ފަލަސްތީނުގައި އެންމެފަހުން އިޒްރޭލުން ފެށި ނަސްލު ނައްތާލުމުގެ ނުބައި ނުލަފާ ޖަރީމާއަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީއެވެ. ދިވެހި މުސްލިމު އާއްމު ރައްޔިތުން ތިބީ ފަލަސްތީނު ފަޅީގައި ފަލަސްތީނާ އެކުގައެވެ. މުއިއްޒާއި މުއިއްޒު ސަރުކާރު އޮތީ އިޒްރޭލް  ފަޅީގައެވެ.

ފުރަތަމަ ދުވަހުއްސުރެ ދިވެހި އާއްމު ރައްޔިތުން ބޭނުންވީ ޝަރުތެއްނެތި ބަހަނާއެއް ނެތި އިޒްރޭލް ޕާސްޕޯޓް އޮތް އެކަކުވެސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށެވެ. ނަތަންޔާހޫއާއި އިޒްރޭލްގެ ވެރިންނާއި އިޒްރޭލް ސިފައިން ރާއްޖެ އެތެރެވިޔަ ނުދޭކަށް ނޫނެވެ. ސަހުޔޫނީ އިޒްރޭލް ދައުލަތުގެ ޕާސްޕޯޓަކީ ދިވެހިން ގަބޫލުކުރާ އެއްޗެއް ނޫންކަން އިޒްރޭލާއި އިޒްރޭލަށް ވާގިދޭ އެންމެންނަށް އެންގުމަކީ ދިވެހި މުސްލިމު ރައްޔިތުން ބޭނުންވި ގޮތެވެ. އިޒްރޭލް ޕާސްޕޯޓް މަނާކޮށްގެން ބޯންޖެހޭ ހިތި ބޭހެއް ބޯން ދިވެހިން ތިބެނީ އަބަދުވެސް ރުހިގެންނެވެ. 

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ގަރާރަކުން ސަރުކާރަށް އަންގާފައެވެ. އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރުމަށް ރައީސް މުއިއްޒުގެ މުނާފިގުކަމުން ފުރަތަމަ ދުވަހުއްސުރެ އެކަން ނުކުރަން އެކިކަހަލަ ބަހަނާ އައި ދައްކަމުންނެވެ. ފުރަތަމަ ބުނީ ގާނޫނީ ހުރަސްތަކެއް ހުރި ވާހަކައެވެ. އެ ބަހަނާގައި އެތައް މަހެއް ދުއްވާލިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެ ޕްރެޝަރ ބޮޑުވެގެން ފަލަސްތީނައިގެން އެންމެ ބޮޑަށް އުޅޭ މީހަކީ މުއިއްޒު ކަން ދެއްކުމަށް ބަހުން މެޓާ ވާހަކަތައް ދުނިޔޭގެ ވެރިންގެ ކުރިމަތީގައި ދައްކަންފެށިއެވެ. ތިމާމެންގެ ސައިޒެއް ފެންވަރެއް ފިތޭނެ ވަރެއް މުއިއްޒު ހިތަކަށް ނާރައެވެ. ރައީސް ޔާމީނު ވިދާޅުވާހެން އދ އަށާއި ދުނިޔޭގެ ވެރިންނަށް ގޮތް ކިޔާދީ އިލްމީ ތަގުރީރުދޭން މުއިއްޒަކީ ފަހެ ކާކުހެއްޔެވެ. 

ރައްޔިތުންނަށް ގޮތްދައްކާ މާކެރޭ މީހެއްކަން ދައްކަން ނެތްހާ މޮޅު ގަދަބަސްތައް ބުނެފާ ކެބިނެޓުން ފާސްކޮށްގެން އިޒްރޭލް ޕާސްޕޯޓް މަނާ ކުރިކަމުގެ ހަބަރު މުޅި ދުނިޔެއަށް ފަތުރާލިއެވެ. މުޅި ދުނިޔޭގެ ފަލަ ސުރުހީއަށް ރާއްޖޭން އިޒްރޭލް ޕާސްޕޯޓް ބޭންކުރި ކަމުގެ ހަބަރު އަރައިގެން ދިޔައެވެ. ހަގީގަތުގައި އިޒްރޭލް ޕާސްޕޯޓް މަނާނުކޮށް އޮވެ މަނާކުރި ކަމުގެ ނަން ލިބި އިޒްރޭލް ޕާސްޕޯޓް މަނާ ކޮށްގެން ރާއްޖެއަށް ލިބެން އޮތް ގެއްލުމެއް އޮތީ މުއިއްޒު ރާއްޖެއަށް ދީފައެވެ. 

ރައްޔިތުންނަށް އޮޅުވާލާ ކަމުގެ މުހިންމުކަން ކަޑުވާލާ މީހުންގެ ސިކުނޑިތަކަށް ވަސްވާސް ވެއްދުމަށް އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގައި ހުރި ގާނޫނީ މައްސަލަތައް ނައްތާލުމުގެ ނަމުގައި މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހަށް ފޮނުވައިގެން އެ ހުންނަނީ އެއްވެސް ގޮތެއް ނުނިންމައެވެ. ފަސް ހަމަސްވާއިރު މަޖިލީހުގެ ކޮމެޓީއެއްގައި ބިލް ޕާކްކޮށްފައި ބާއްވައިގެން ގޮތްގޮތަށް ގޭސް އަނބުރާ އިޒްރޭލް ޕާސްޕޯޓް މަނާ ނުކޮށް ވާންއޮތް ހުރިހާ ގޮތެއް އެ ދަނީ ހަދަމުންނެވެ. މަސްލަހަތު ހުރި މީހުންގެ ބޯ ދޮއްވައިގެން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ މުހިންމު ކަމެއް ނޫންކަމަށް ވަކާލާތު ކުރާނެ މީހުން އުފައްދައިގެން ނަތަންޔާހޫގެ އަޅަކަށް މުއިއްޒުވެ ނިމިއްޖެއެވެ. 

އިޒްރޭލް ޕާސްޕޯޓް އޮތް ކޮންމެ މީހަކީ މުޖުރިމެއް ނޫންކަމަށް ވަކާލާތުކޮށް އިޒްރޭލް ސިފައިންނާއި އެ ސަރުކާރުގެ ވެރިން ނޫން ބައެއްގެ ޕާސްޕޯޓް މަނާ ނުކުރުމުގެ ވިސްނުން މިހާރުވަނީ ވަނީ އަށަގަންނަވާފައެވެ. މުނާފިގު މުއިއްޒު ބޭނުންވާ ގޮތަށް ކަން ނިމޭއިރު އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރާނީ ނަތަންޔާހޫއަށް ވެސް ރާއްޖެ އެތެރެ ވެވޭގޮތަށެވެ.