މުއިއްޒު ކިބައިން ފާޅުވަނީ ފިރުއައުނީ ސިފަ!

މުއިއްޒު އެބުނާ ވައްތަރުގެ އަޅުންތަކެއް މަޖިލީހަށް ވައްދަން އުޅެނީ މުއިއްޒު

މުއިއްޒު ކިބައިން ފާޅުވަނީ ފިރުއައުނީ ސިފަ!

ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒު މަސައްކަތް ކުރަނީ ގޮނޑިކޮއްކޮ ރައްޔިތުންގެ މަޖިލީހެއް ހޯދުމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައީސަކަށް ހުންނަ މީހާ އެޅިހާ ބަތަކަށް ރިހައަޅާދޭން ތިބޭ ބައެއް ނޫނެވެ. މަޖިލީހަކީ ސަރުކާރުގެ ރަބަރު ތައްގަޑެއް ވެސް ނޫނެވެ. ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތައް ހުރީ ބަޔަކަށް ތަބާވާ އަޅުންތަކެއް ގޮތުގައި ކަމަށް މުއިއްޒު ސިފަކުރަނީ މުއިއްޒުގެ އަޅު ބަޔަކަށް މަޖިލިސްގެ މެންބަރުން ނުވެގެންނެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ރޯދަމަހު ބާއްވަން މުއިއްޒު ހަންކެނޑެނީ ކޮން މޮޅެއް ހޯދަން ހެއްޔެވެ. މަޖިލީހުގެ އިންތިހާބަކާ މުއިއްޒަކާ ކޮންބެހޭ ކަމެއް ހެއްޔެވެ. ކޮންމެ ތާރީހެއްގައި އިންތިހާބު ބޭއްވިޔަސް އިންތިހާބު ބާއްވާ ތާރީހަކީ މުއިއްޒު ކަނޑައަޅަން ޖެހޭ އެއްޗެއް ނޫނެވެ. އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅާނީ އިލެކްޝަންސް ކަމިޝަނުންނެވެ. އިލެކްޝަންސް ކަމިޝަނަކީ ސަރުކާރުގެ އޮފީހެއް ނޫނެވެ. ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައި އޮންނަ ތަނެއް ނޫނެވެ. އިލެކްޝަންސް ކަމިޝަނަކީ ގާނޫނު އަސާސީން އުފައްދާފައި އޮންނަ މިނިވަން ތަނެކެވެ. އެތަން ޖަވާބު ދާރީ ކުރުވަން އޮންނަ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ.

އިލެކްޝަނުން ކުރާކަންތަކަށް ގޮތް ފާޑުކިޔާ އެތަން ހަމަ މަގުން ކައްސާލަންޏާ ހަމައަކަށް އަޅުވާނީވެސް މަޖިލީހުންނެވެ. އިލެކްޝަނުން ކުރާ ކަމަކާ މުއިއްޒަކާ ކީކީހެއްޔެވެ. މުއިއްޒު އެ އުޅޭ ފާޑުން އިލެކްޝަންސް ކަމިޝަނަކީ ވެސް މުއިއްޒޭ ހީވެއެވެ. އިންތިހާބު ބާއްވާނެ ދުވަސް ކަނޑައަޅާ ހިސާބަށް ރައީސް ކަމުގައި ހުންނަ މީހާ ދިޔައިމާ ކަންކަމަށް މުއިއްޒުގެ ނުފޫޒު ފޯރުވުން އޮތްވަރު ކިތަންމެ ރަނގަޅަށް ސާބިތުވެއެވެ. 

އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅުން ފަދަ ކަންކަމަށް އެހާވަރަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާއިރު ޝަރީއަތްތަކަށް އަތްނުބަނާ މުއިއްޒެއް ނުހުންނާނެއެވެ. ގާނޫނު އަސާސީގެ ދަށުން ވެރިކަން ހޯދާ އެ ގާނޫނު އަސާސީގެ ދަށުން ބާރުތައް ހޯދައިގެން ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މުއިއްޒު ދިމާކޮށްފައި ހުރީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ތަންފީޒު ކުރަނީއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީ ތިބޭ މީހުންނަށް ވަޒީރުކަން ދީގެން ދައުލަތުގެ މާލިއްޔާއިން އެ މީހުނަށް ހަރަދުކޮށް އެ މީހުން ލައްވާ ދައުލަތުގެ މާލިއްޔާއިން ހަރަދުތައް ކުރުވާ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ދައުލަތަށް ދެނީއެވެ. ގައިރު ގާނޫނީ ބަންޑާރަ ނައިބަކު ލައްވާ އިސްތިއުނާފް ކުރެވެން ނެތް މައްސަލައެއް ދުނިޔޭގެ ގާނޫނުތަކާ ހިލާފަށް އިސްތިއުނާފް ކުރުމުގެ ނަމުގައި ގޮތް ނޭނގޭ ބަޔަކަށް ދައުލަތުން މިލިޔަނުން ހަރަދު ކުރުވަނީއެވެ. ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ބަޔަކާ ކޮށްފައިވާ އެގްރިމަންޓް ތަކެއް ހުއްޓާ ޝަރުއީ ހުކުމެއްނެތި ގޯތިތަކާ ފްލެޓްތައް ނިގުޅައި ގަންނަނީއެވެ. މަޖިލީހުގެ ރުހުން ނުހޯދާ ބަޖެޓްގެ ބޭރުން މާލިއްޔަތު ގާނޫނާ ހިލާފަށް ދައުލަތް ޒިންމާވާ ގޮތަށް ފަޅުތަކާއި ބިންތަކާ ގޮތް ނޭނގޭ ފަރާތްތަކަށް ދެނީއެވެ. 

ރައްޔިތުންގެ މަޖިލިސްދެކެ ރުޅި އަރައިގަނެގެން މުއިއްޒު މިއުޅެނީ ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް މަޖިލީހާ ހެދި ނުކުރެވިގެންނެވެ. "އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ" ކުރަން ހެޔޮވާވަރު ކަމެއް ނޫންކަން މުއިއްޒަށް އެނގުނީތީ އުފާވެއެވެ. އެފަދަ ބަޔަކު މަޖިލީހަށް އިންތިހާބު ވެއްޖެނަމަ " ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ،" ކަމަށް މުއިއްޒު ބުނީމާ އެކަމާ އެއްބަސް ވެއެވެ. މުއިއްޒު އެބުނާ ވައްތަރުގެ އަޅުންތަކެއް މަޖިލީހަށް ވައްދަން އުޅެނީ މުއިއްޒެވެ. ހަމަ ހިލާ އެކަން އެހެން ވިޔަ ދީގެން ނުވާނެއެވެ. 

މުއިއްޒު ބޭނުންހާ ގޮތަކަށް މަޖިލިސް އަޅުވެތިކޮށްގެން ގެންގުޅެވޭ މަޖިލީހެއް މި ރާއްޖޭގެ ރައްޔިތުން ހޮވައެއް ނުދޭނެއެވެ. ހުސްގޮޑިއެއް ދައްކައިގެން ފޮޓޯއެއްގެ ނިވަލުގައި ދޮގު ވިއްކައިގެން ވެރިކަމަށް އާދެވިއްޖެއެވެ. އެކަމަކު މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހެއް ހޮވާދޭކަށް ރައްޔިތުން ތައްޔާރެއް ނޫނެވެ. ގިނަ ބަޔަކަށް ވޯޓުލާން ފުރުސަތު ބަންދުކޮށްގެން ރޯއްދަ ވީއްލާ ގަޑީގައި ވޯޓު ފޮށިތައް ހިލާލަން މުއިއްޒަކަށް ރައްޔިތުން ޗާންސެއް ނުދޭނެއެވެ.

މަޖިލީހުގެ ކޮންޓްރޯލު ހޯދަން 13 މެންބަރުން ގަނެގެންވެސް މުއިއްޒަށް ހަމަ ނިންޖެއް ނުނިދުނު ނޫން ހެއްޔެވެ. ކޮށިއަރައިގެން ލޮނުމަދުކޭ ގިތެލެއްހެން އެއް ބިތުގައި ޖެހި އަނެއް ބިތުގައި ޖެހެމުން ތިޔަ ދުވަނީ ގައިމު ވަރެއްވެފާ ހުރެގެންތާއެވެ. ދައުލަތް ނޮޅާ ކާލަން ހުރި ދަހިވެތި ކަމެއްގެ ބޮޑުކަމުންކަން ކުޑަ ކުއްޖާއަށް ވެސް އެގޭނެއެވެ.

ރަށްރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކާއިރު ތިމާގެ މަސްއޫލއްޔަތުގެ ދަށުގައި ތިބި ރައްޔިތުންގެ ތެރެއިން ބަޔަކަށް ނިސްބަތްކޮށް ބައެއްގެ އަޅުންތަކެއް ކަމަށް ސިފަކުރާނީ ބަޔަކު އަޅުވެތި ކުރުމުގެ ނުބައި ވިސްނުން ބޮލުތެރޭގައި ހިނގަ ހިނގާ ހުންނާތީއެވެ. ފާޅުކަން ބޮޑުކޮށް މިހާރުވެސް އުޅެނީ އިލެކްޝަނަށް އަތް ބާނައިގެންކަން މުއިއްޒުގެ އަމަލާ ބަހުން ސާބިތުވެއެވެ. ރައްޔިތުންގެ އިންތިހާބު ކޮށްފައި ތިބި ބަޔަކު ގަނޑުކޮށް ގަނެގެން ގެންދަން ކެރޭވަރަށް ލަދު ހަޔާތް އަރުއްވައިގެންފައިވާ ވެރިއަކު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. މޮޔަ ގެރިއެއްހެން ހިނގަމުންދާ މަޖިލީހުގެ ތަޅުމަށް މުއިއްޒު ވަދެގަނެ އެތަން ހިސޯރުކުރާ މަންޒަރު ސިކުނޑީގެ ލޮލަށް އެބަ ފެނެއެވެ. ވެރިކަމަށް ދުވަސް ވީވީހެން މުއިއްޒުގެ ކިބައިން ފާޅުވަމުން ދަނީ ފިރުއައުނީ ސިފަތައް ނޫން ދެވަނަ އެއްޗެއް ނޫނެވެ.