ޕީޕީއެމް-ޕީއެންސީ އިން ޕީޕީއެމް-ޕީއެންސީ ވަކިވުން

ޕީޕީއެމް - ޕީއެންސީއަކީ ރައީސް ޔާމީނަށްވީ ވެރިކަން ލިބެންދެން

ޕީޕީއެމް-ޕީއެންސީ އިން ޕީޕީއެމް-ޕީއެންސީ ވަކިވުން

"ޕީޕީއެމް އަކީ ވެސް ރައީސް ޔާމީން. ޕީއެންސީ އަކީވެސް ރައީސް ޔާމީން. ދެން ކިހިނެއްތޯ މައްސަލަ ޖެހޭނީ." މިއްޔަކީ މަށަކު ބުނިވާހަކައެއް ނޫނެވެ. އެވާހަކައެއް އެހެން ބުނީ ރައީސް މުއިއްޒުގެ އިސް މުޝީރު އަދުރޭއެވެ. ދިވެހިންގެ ރާއްޖެ ހޯދަން އަދުރޭމެން ނިކުތީ ރައީސް ޔާމީނާއެކުގައެވެ. ރައީސް ޔާމީނުގެ ފަރާތުންނެވެ. ރައީސް ޔާމީނަށްޓަކައެވެ. ރައްޔިތުން އެދިގެން، ރައްޔިތުންގެ ފުށުން، ރައްޔިތުންނަށްޓަކައެއް ނޫނެވެ.

"ރައީސް ޔާމީން ޖަލުގައި އޮންނަ ވަނިކޮށް އެއްވެސް ބޭފުޅަކު އަރާމުގައި ނިދަން ނުތިއްބަވާށޭ." ކިޔައިގެން ކަރުން ނާރުނަގާ ވާހަކަ ދެއްކީވެސް އަދުރޭ ނޫންހެއްޔެވެ. ނިމި ދިޔަ ރިޔާސީ އިންތިހާބަކީ ޤައުމު ސަލާމަތް ކުރަން ލިބޭނެ އެންމެ ފަހު ފުރުޞަތުކަމަށް ވެގެން ހިފި ނުހުރެވިގެން އުޅުނީ އަދުރޭމެންނެވެ. ގައުމަކީ ރައީސް ޔާމީނުކަމަށް ހަދައިގެން ގައުމު މިނިވަން ނުވެގެން އުޅުނީ ވެސް އަދުރޭ މެންނެވެ. 

ވެރިކަން ބަދަލުކުރަން ވޯޓުދިން މީހުން ވޯޓުދިނީ ރައީސް ޔާމީނު މިނިވަން ކުރުމަށެވެ. ދިން ވޯޓުން ވެރިކަން ބަދަލު ވެއްޖެއެވެ. ބާރުތައް އަދުރޭމެންގެ އަންބޮނޑިއަށް ކަހާލެވިއްޖެއެވެ. އެކަމަކު ރައީސް ޔާމީނު މިނިވަނެއް ނުކުރެވުނެވެ. މިހާތަނަށްވެސް ރައީސް ޔާމީނުގެ އަދަބަށް ލިބިފައިވަނީ ރައީސް ސޯލިހު ދިން ލުޔެކެވެ.

ޕީޕީއެމް - ޕީއެންސީ ރައީސް ޔާމީނަށްވީ އަދުރޭމެނަށް ވެރިކަން ލިބެންދެނެވެ. ޕީޕީއެމް - ޕީއެންސީ އަކީ މިއަދަކު ރައީސް ޔާމީނަކަށް ނުވިއެވެ. ވެރިކަން ލިބުމުން ދުވަހަކު ލޯނުދެކޭ ހިހޫތަނުން ކައިގެން އުޅޭ ބަޔަކު ޕީޕީއެމް- ޕީއެންސީ ހިސޯރުކޮށް ސަރުކާރުގައި ދަނޑިމަތި އަނބުރަން ފަށަތްޕެވެ. ޕީޕީއެމް- ޕީއެންސީ އަށްޓަކާ ޖާނާމާލުން ގުރުބާންވި ގިނަ މީހުން ތިބީ މަގުމަތީގައެވެ. 

މުޅި ޕީޕީއެމް - ޕީއެންސީ އޮތީ ރައީސް މުއިއްޒާ އެކީގައި ކަމަށް ދައްކަން އުޅުނަސް ހަގީގަތަކީ އެއީއެއް ނޫނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބު ކުރުމަށްޓަކާ ޕާޓީ ނުރޫޅޭ ކަމަށް ހަދަން އުޅުނަކަސް ވަޒީފާއާއި މަޖިލީހުގެ ގޮނޑީގެ ހުވަފެން ނުދެކޭ ޕީޕީއެމް އެންމެންހެން ތިބީ އެމީހުންގެ ލީޑަރުގެ ފަހަތުގައެވެ. އަނިޔާ ތަހައްމަލު ކުރަމުންދާ ރައީސް ޔާމީނު އެހާލަށް ދޫކުރާކަށް ގިނަ އިހުލާސްތެރިން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. 

ޕީޕީއެމް - ޕީއެންސީ މެންބަރުންގެ ތާއީދު ރައީސް މުއިއްޒު ސަރުކާރަށް ހޯދާ ހިފެހެއްޓުމަށް އަދުރޭމެން މިހާރު ދައްކަން މިފެށީ މާތާހިރު ވާހަކައެކެވެ. ތިމަންމެނެއް ރައީސް ޔާމީނު ދުކޮށެއް ނުލަމެވެ. ރައީސް ޔާމީނު ތިމަންނާމެން ދޫކޮށްލީއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ވެރިކަން ހޯދަން ރައީސް ޔާމީނުގެ ފޮޓޯފުޅުގައި މުއިއްޒުގެ ނަން ޖަހައިގެން މުޅި ރާއްޖޭގައި ދުވީ ރައީސް ޔާމީނެއް ނޫނެވެ. ވެރިކަން ލިބޭ ފުރަތަމަ ދުވަހު ރައީސް ޔާމީނު މިނިވަން ކުރުމުގެ ވައުދުވީ ރައީސް ޔާމީނެއް ނޫނެވެ. ޕީޕީއެމް- ޕީއެންސީ އަކީ ރައީސް ޔާމީނޭ ގޮވަމުން ރައްޔިތުންގެ ތެރޭގައި ބުމަރެއްހެން އެނބުރުނީ ރައީސް ޔާމީނެއް ނޫނެވެ. ވެރިކަން ހޯދަން އުޅުނު އިރު ރައީސް ޔާމީނައިގެން ލޮލުފިޔަ ނުޖެހިގެން އުޅުނުވަރަށް ވެރިކަން ލިބުމުން ރައީސް ޔާމީނަކީ ނެތް މީހަކަށް ހެދީ ރައީސް ޔާމީނެއް ނޫނެވެ. 

މުހިންމީ ޕާޓީ ދޫކޮށްލީ ކާކުތޯ ބެލުމެއް ނޫނެވެ. މުހިންމު ކަމަކީ ވެރިކަމަށް ހަތްދުވަސް ނުވަނީސް ޕީޕީއެމް-ޕީއެންސީ އިން ޕީޕީއެމް-ޕީއެންސީ ވަކިވުމެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖީލީހުގެ އިންތިހާބު ސަރުކާރަށް ގެއްލުމެވެ. މޫނުބަލާފާ ހޭންނޭނގޭހާ ޅަކޮށް ވެރިކަން އޮއްވާ އިދިކޮޅު ހަރަކާތް ކެކިއަރަންފެށުމެވެ. ސަރުކާރު ރަނގަޅަށް ތަރުތީބުކޮށް ކުރިއަށް އެންމެ ބޯޅައެއް ކުޅެނުލެވެނީސް މުޅި ސަރުކާރު ދިފާއަށް ފައިބަން ޖެހުމެވެ.