އީވާގެ ބަނގުރޫޓް ލޯބި
އެންމެ 3 އަހަރުގެ ވެރިކަމަކުން އަންނިއާ އީވާއަށް ވެފައި ތިޔަ ތިބީ މާ ބޮޑުވަރު.
އީވާގެ ޒަވާޖީ ހަޔާތުގެ ލޯބީގެ ވާހަކައެއް ނޫނެވެ. އީވާގެ އެ ނޫން އެހެން ވާހަކަ އަކަށް ވިޔަސް ޒަވާޖީ ލޯތްބަށް ވެފައި އޮންނަ ގޮތަކީ ގާތްގަނޑަކަށް އެންމެން ވެސް ވާގޮތެކެވެ.
މި ދައްކަނީ އީވާމެން ގައުމު ދެކެވާ ބަނގުރޫޓް ލޯބީގެ ވާހަކައެވެ. 2018 ގައި މަގުތައް މަތީ ހޭވުނީ ގައުމު ދެކެ ލޯބިން ކަމަށް ހީކުރީމެވެ. ނޫނެކެވެ. މިހާރު މި އެނގެނީ އެހެން އެއްޗެކެވެ. އެ އުޅުނީ ގައުމު ދެކެ ވީ ލޯތްބަކުން ނޫނެވެ. އަންނިބޭ ޖަލުން ނެރެ، ބަރުލަމާނީ ގެނެސް ބޮޑު ވަޒީރުކަން ހޯދުމުގެ ލޯބީގައެވެ. އެއީ ގަލޮޅާ މާލެ އާއި ރާއްޖޭގެ ރައްޔިތުންނާ ކުޑަ ގުޅުމެއް ވެސް އޮތް ލޯތްބެއް ނޫނެވެ. އެކަން މި އެނގެނީ މިހާރު ތާއެވެ. އެހެރަ އުޅުއްވާ ގޮތަކުންނެވެ.
ވަގެއްޗޯރެއް، ބާގީއެއް ފާސިގެއް މައުމޫނެއް އެ ދުވަހު އީވާމެންނަކަށް ނެތެވެ. ގައުމުގައި އޮތިއްޔާ އޮތް ބަޔަކު އެއްކޮށް ފައްޗަކަށް އަމުނައިގެން ގެނެސް ހާރެއްހެން އިބޫ ކަރުގައި އެ ދުވަހު އެޅުވީ އަންނި އާއި އީވާ އާއި ދެމީހުން ވެގެންނެވެ. އިމްތިޔާޒު ފަހުމީ ހުރީ އެ ކަމަށް ބާރުދީގެން ރެޕް ލަވަ ކިޔާށެވެ. ޝޭހުވައްޑެ ހުރީ އެ ވަރުގެ މޮޅު މާތް ކަމެއް ނެތް ކަމަށް ވައުޒު ބުނާށެވެ. ގިޓާ ހުރީ އެ ފޯރި ގަނޑުގައި ގިޓާ ޖަހާށެވެ. ބޯދިގުމެން ބީޓަށް ބޯހެލުވީއެވެ.
އިބޫ ގާތު ބުނީ މި އެންމެން ގޮވައިގެން ގާނޫނު އަސާސީގައި ބުނާ 5 އަހަރުގެ ދައުރުގައި ވެރިކަން ކުރުމަށެވެ. ހުރިހާ މަގާމަކާ ހުރިހާ މޮޅެއް އޮތީ އެމްޑީޕީ މީހުންނަކަށް ނޫނޭ ބުނެ މިއަދު މި މީހުން ކަރުން ނާރު ނަގާފައި ބުނާ އިރު އެމްޑީޕީ ނޫނަސް ގައުމުގައި ތިބިހާ ބަޔަކު ގެނެސް އިބޫއާ ހަވާލު ކުރީވެސް މިބައި މީހުންނެވެ.
އެމްޑީޕީގެ ނަމުގައި މަގާމް ދޭން ބޭނުންވި މީހުނަށް މަގާމުތައް ހޯދަދީފައި ޕެޕަރ ސްޕްރޭގައި ޖެހުނު އެންމެންނަށް ވަޒީފާ ނުދެވޭނެ ކަމަށް ބުނީ ވެސް އަންނިއެވެ. އެރޭ ވެސް ބަނގުރޫޓް ލޯބި ޓީމް ތިބީ އަތްޖަހާށެވެ. ގެއަށް ވަން ފައިސާ ހަލާލެއް ނޫނޭ ޔާމީން ބުނިރޭ ޕީޕީއެމް މީހުން އަތްޖެހި ގޮތަށެވެ. މިހާާރު އެވަރުގެ ކަމުނުދާ މީހަކު ނެތިގެން އުޅޭ ރޮޒޭނާ ވަރުގެ މީހަކު އެ ދުވަހަކު ނެތެވެ. އެކުގައި ދުފާ ދުންބޮއެ ހީސަމާސާ ކުރިއިރު ހީވެސް ނުވެއެވެ.
ރަށެއްގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތާ ސިއްހަތާއި ތައުލީމާ ބަނދަރާ މަގާ ނަރުދަމާއާ އާރުޓީއެލް ލޯންޗަކީ އީވާގެ އުންމީދަށް ނުވިޔަސް އެއީ ރަށްރަށު މީހުންގެ އުންމީދެވެ. އިބޫ ސާލިހް އެގެންދަވަނީ އެކަން މުޅި ރާއްޖޭގައި ކުރައްވަމުންނެވެ.
މާލޭ މީހުން ބޭނުންވާ ބަނދަރެއް ނެތެވެ. މާލެ އަށް ބޭނުންވަނީ ގޯތިގެދޮރެވެ. ބަނގުރޫޓް ލޯބީގެ އަވާގައި އީވާ ހުންނަވަނިކޮށް ގަލޮޅު އުތުރު މީހުންނަށް ވެސް ގޯއްޗާ ފްލެޓް ދެއްވާނީ ރައީސް އިބޫއެވެ. ތިޔަ ގޮނޑިއެއް ހޫނު ކުރާތާ ފަނަރަ އަހަރު ވަނީއެވެ. އީވާ ކީކީނުން ގޭ ގޯޅި ހުސްކޮށްގެން ދާއިރާ މީހުނަށް ދައްޗެއް ނޫނީ ކުރެވުނު ހެއްޔެވެ.
ޒުވާނުންނޭ ކިޔާ ވާހަކަ ދައްކާ އިރު 15 ހާހަށް ވުރެ ގިނަ ދަރިވަރުން ތިބީ ހިލޭ ޑިގްރީގައެވެ. ޖޫނިއަރ ކޮލެޖާ ހުނަރާ ތަމްރީނުގައި އަވަދި ނެތި އުޅޭ ޒުވާނުންގެ އުންމީދާ އީވާގެ އުންމީދާ ދިމައެއް ނުވާނެއެވެ. އީވާގެ އުންމީދަކީ ވެރިކަން ވައްޓާލުމެވެ. ރާއްޖެ ބަނގުރޫޓްވެ ރައްޔިތުން ބަނޑަށް ޖެހުމެވެ. އެހެން ކިޔައިގެން މީހުން ރުޅިއަރުވާ ފިތުނަ ކުރުމެވެ. އެމްޑީޕީ ފަޅާ ކުދިކޮށް ފުނޑާލުމެވެ.
ވެރިކަމާ ހުރެ މައުމޫނާ ދުންޏާއަށް އެ ވަރުވީ 30 އަހަރު ވެރިކަން ކޮށްގެންނެވެ. އެންމެ 3 އަހަރުގެ ވެރިކަމަކުން އަންނިއާ އީވާއަށް ވެފައި ތިޔަ ތިބީ މާ ބޮޑުވަރެވެ.