ގިނަ ރައްޔިތުން ބޭނުންވި ރާކަނި މަސް ދަނީ ފިހެވެމުން.
ހުވަޔަށް 72 ގަޑިއިރު ވީއިރު އަސްލިއްޔަތު ތިލަވާން ފަށައިފި
ޢާންމުކޮށް މުޅި ރާއްޖެ، ޚާއްޞަކޮށް މާލޭ މީހުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން، ކަން ރައީސް މުޢިއްޒު ދެނެވަޑައިގަތީ އިއްޔެއަކު މިއަދަކު ނޫނެވެ.
ލެއްވިހާ ޕާޓީއަކަށް ބަދަލުވަމުން ގޮސް ފެބްރުވަރީ 7 ގައި ރައީސް ވަހީދު އުފެއްދި ބަައިތޯލާ ސަރުކާރުގެ ގެދޮރު މިނިސްޓްރީ އޮތީ ޢަދާލަތަށް ކަން އެނގިވަޑައިގަތުމާއެކު ޢަދާލަތަށް ވަންނަވާ ޝެއިޚް އިމްރާނު އަރިހު އާދޭސް ކުރައްވައިގެން ހައުސިންގ މިނިސްޓަރކަން ރައީސް މުއިއްޒުހޯއްދެވީ ރައްޔިތުން ގެދޮރުވެރި ކުރުވަން ކަމަށް ބުނެވޭކަށް ނެތެވެ. އަދިކިއެއްތަ އެންމެ މުހުތާދު ބޮޑުކަމަކުން ނޫނީ އެންމެ އަވަހަށް ވެރިކަން ނުހޯދޭނެކަން އޭރުވެސް ރައީސް މުޢިއްޒަށް ސާފުވީކަން ޔަގީނެވެ. ރައީސް ވަހީދުގެ 2 އަހަރު ބަޔާ، ރައީސް ޔާމީނުގެ 5 އަހަރު ވެސް ގެދޮރު މިނިސްޓްރީ އަކާ ރައީސް މުޢިއްޒު ފޭވެވަޑައިނުގެން އައްޓަ މަހެއްހެން ތަތްކޮށްލެއްވީ ކަމެއްވީމައެވެ.
އެއް އިރެއްގައިވެސް މާލޭގެ މެޖޯރިޓީ އެމްޑީޕީ ނޫން ބަޔަކަށް ނޯވެއެވެ. އެކަން ނިންމާލި މޮޅުގޮތް އެއޮތީ ފޭސް 2ގައި ފެންނާށެވެ. އެތަން ހިއްކާ އެތަނުގަައި 25 ހާހުގެ ގިނަ މީހުން އެތިބީ ފައިން ލޮނުވެލި ނުހިކެނީސް މާލެ ގެނެސް މާލޭ ރަށްވެހިންނަށް ހަދާ ވަޒަންވެރި ކުރުވާފައެވެ.
ހިޔާ ފްލެޓަށް އެދެން ޖެހުނު ގޮތާއި ލިސްޓް ނެރުނު ގޮތާއި އޭގައި ވާނުވާ ނޭނގުނު ވާހަކަ ދެއްކީ ވެސް ހަމަ އޭ! މިތިބަ ލޮބުވެތި ދިވެހިންނެވެ.
މެޑަމް ލިސްޓެކޭ ކިޔައިގެން މެޑަމް ފާތުން އިސްތަށިފުޅުގައި އެކަނި ބަދުނާމު އެޅުވިއެވެ. އެކަމަކު މިހާރު މީހުން ކިޔާ އުޅޭ ގޮތުން އެފަހަރުވެސް މެޑަމް ސާޖީގެ ލިސްޓެއް ވެސް ޞިއްޙީ ދާއިރާއިން އުފެދުނު ކަމަށް އެބަ ކިޔައެވެ.
ވެރިކަން ބަދަލުވެ އެމްޑީޕީގެ އެތެރޭގެ ކޯޅުން ގަނޑު ހަމަ ފެނިވަޑައިގަތުމާ އެކު އެވަގުތު އުފެދުނު ހުސްޖާގައަށް ރައީސް މުއިއްޒު ޖަމްޕު ޖެއްސެވީ ހުޝިޔާރު ކަމާއެކުއެވެ.
މާލޭގެ ބިމާ ބޯހިޔާވަހި ކަމަކީ ރައީސްކަން ހޯދޭ ބޮޑު ދޮރާށިކަން ސިޔާސީ ގޮތުން މާތޫނު ފިލިވެގެން މިއުޅޭ އެހެން ބޭފުޅުންނަށް އެނގިވަޑައިގަންނަވާހެން ހިޔެއް ނުވެއެވެ. އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން އެމަގުން ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކުރިއަށް ވަޑައިގެން ޑރ. މުއިއްޒު އެހުންނެވީ ރާއްޖޭގެ ވެރިކަމުގައެވެ.
އެމްޑީޕީގެ ސުޕަރމެޖޯރިޓީ އާއި ގަދަ ވެރިކަމަށް ކުރެވުނު ހަމަ އެއް ކަމެއް ވެސް ނެތެވެ. އެހެރަ ގަދަފަދަ ކަމަށް ބުނާ ރައީސް ޔާމީނަށް ވެސް ވާނުވާ ރޭކާލި ހެންވެސް ހިއެއް ނުވެއެވެ.
ހުވަޔަށް 72 ގަޑިއިރު ވީއިރު އަސްލިއްޔަތު ތިލަވާން ފަށައިފިއެވެ. ކެމްޕޭނުގައި ހެދި ދޮގާ ފެތުރި ފިތުނަ ސާފުވަމުން އެހެރަ ދަނީއެވެ.
މާލޭގެ ގޯއްޗާއި ފްލެޓާ ބެހޭ ގޮތުން ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅު ތަކާއި ސަރުކާރުން ކަންކުރަން އުޅޭ ގޮތާ ދިމާނުވާނެ ކަމުގެ ހެކި ފެންނަން ފަށައިފިއެވެ.
ކުރިއަށް އޮތީ މަޖިލިސް އިންތިޚާބު ކަމަށް ވާތީ ޕީއެންސީއަށް މެޖޯރިޓީ ހޯދަން ދެ ޕާޓީގެ ލޯގޯ އެކުގައި ޖެހިޔަސް ހެޔޮވަރު އަދަދަކަށް މަޖިލީހުން ގޮނޑި ލިބިއްޖެ ނަމަ ޕީޕީއެމްގެ ކުލައާއި ލޯގޯއަށް ވާނީ ހޮވުމަށްފަހު ރައީސް ޔާމީނުގެ ފޮޓޯފުޅަށް ވީގޮތެވެ.
އަންނަ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ ނަމަ ރިޔާސީ އިންތިޚާބުން ދިވެހި ގިނަ ރައްޔިތުން ކާން ބޭނުންވި ރާކަނިމަސް ރަނގަޅަށް ކެވޭނެއެވެ.
މާލޭގެ ގޯއްޗާއި ފްލެޓޭ ކިޔައިގެން ރައީސް މުއިއްޒުގެ ހައިދަރު މިނިސްޓަރ އިއްޔެ ރައްޔިތުންގެ ނޭފަތުގައި އެޖައްސާލީ ފިހެވެމުންދާ މިދެންނެވި ރާކަނި މަހުގެ ކިރިޔާ ވަހެވެ. ހުރިހާ ކަމެއް ގޯސްވެ ދިޔައިމާ ފަހުން ރޮއެ މަހާނަ މައްޗަށް މަޑިއަށް ޖެހުނަކަސް ވާނެކަމެއް ނޯވެއެވެ.
ސުޕަރމެޖޯރިޓީ އޮތް ވަގުތު ބޯހިޔާވަހިކަމާ ބިމުގެ ގާނޫނު ފަސޭހައިން ބަދަލު ނުކުރެވޭ ގޮތަށް މިހާރު އިޞްލާޙު ނުކޮށްފިނަމަ ރައްޔިތުންނަށް ކޮންމެފަދަ ލަގާ އެއްވެސް ދީފާނެއެވެ.
އެހެންނޫނީ ދެން އޮތީ އެހެން ގޮތެކެވެ. ގިނަ ރައްޔިތުން ބޮނޑިބޯން އެދޭ ގަައުމެއްގައި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ރައްޔިތުން އެ ބޮނޑި ބުއިމުގެ ޙައްގާއި މިނިވަންކަން އެ މީހުންނަށް ދީގެން މިހާރު އޮތް މަޖިލިހުން ވެސް އަޅާ ނުލާ ތިބުމެވެ. އޭރުން ރައީސް ޔާމީނަށް ޖަލެވެ. ޕީޕީއެމަށް މަގުމައްޗެވެ. ވެރިކަމާއި މަޖިލިސް ޕީއެންސީ އަށެވެ. އޭރުން ކާން އުޅުނު ރާކަނި މަސް ރަނގަޅަށް ކެވުނީއެވެ.