މާލޭމަގުތައް އިތުރަށް މުއިއްޒުވާކަށް ބޭނުމެއްނުވޭ!
އަދިކިރިޔާ އުޅެނީ ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ފައިސާ ހޯދަން
އާނއެކެވެ. ރަގަޅު ފެންވަރަށް މަގުތައް ހެދުމުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނެއެވެ. ރައީސް މުއިއްޒު ނުބުންޏަސް އެކަން އެންމެނަށްވެސް އެނގެއެވެ. މަގުތައް ހަދާ ވާހަކަ މުއިއްޒު ނުދައްކާށެވެ. މާލޭގެ ހުރިހާމަގެއް އިތުރަށް މުއިއްޒު ވާކަށް މާލޭ މީހުން ބޭނުމެއް ނުވެއެވެ.
މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީކުރުމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް މަޖިލިހަށް މެންބަރުން ހޮވުމަށްކުރި ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު އިއުލާނުކުރިއެވެ. މަޝްރޫއު ކުރިއަށް ގެންދާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކަމަށްވެސް މުއިއްޒު އޭރުބުންޏެވެ. މަގުތައް ހެދުމާ ގުޅޭގޮތުން އަދިކިރިޔާ ސަރުކާރުން ކުރިހާވެސް ކަމަކީ މަގުތައް ހެދުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ފައިސާ ހޯދަން ޗައިނާ އެއިޑާއެކު ލެޓާސް އޮފް އެކްސްޗޭންޖްގައި ސޮއިކުރުމެވެ. މަގުހެދުމުގެ ކަންކަން އޮތް ހިސާބެއް އަންދަޒާވެސް ކޮށްނުލެވެއެވެ.
މާލޭގެ މަގުތައް ހެދުމަށް 100 އެތައް މިލިއަން ޑޮލަރު ހޭދަކުރަންޖެހޭ ބޮޑު މަޝްރޫއެއް ހިންގަން ޖެހޭނެކަމަށް އިންފްރާންސްޓްރަކްޗަރ މިނިސްޓަރު މުއްތަލިބު އޮތީ ބުނެފައެވެ. މަޖިލީހު އިންތިހާބާ ދިމާކޮށް ސަރުކާރުންވަނީ ވިލިމާލޭގެ މަގުތަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާކަން ދެއްކުމަށް ޑްރާމާއެއް ކުޅެފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 4ގައި ވިލިމާލޭ މަގުތައް ހެދުމަށް ހަދަންޖެހޭ ޑިޒައިނާއި ސާވޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރިއެވެ. އޭގެފަހުން އެކަމުގެ ހިލަންވެސް ނުވެއެވެ.
މާލޭގެ އިތުރުން އެހެން ރަށްރަށުގެ މަގުތައް ތަރައްގީކުރާނެ ވާހަކަ މިއަދުވެސް މުއިއްޒު ބުނެފިއެވެ. މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް މަގުތަކުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު މިއަދު ކުރި އެކްސް ޕޯސްޓްގައި ބުންޏެވެ.
އަންތަރީހެއް ނުވަނެ ހެއްޔެވެ. މާލެ ސިޓީ މޭޔަރުކަމުގައި ހުރެގެން މާލޭ މަޖީދީމަގު މުއިއްޒު ތަރައްގީ ކުރިގޮތް މާލޭގައި އުޅޭބަޔަކަށް ވިއްޔާ ފެންނާނެއެވެ. ހައުސިންގ މިނިސްޓަރުކަމުގައި ހުރެ ހެދި ރަސްފަންނުގެ ހާލަތު އެއޮތީ ފެންނާށެވެ. ސްނާމީ ބިނާ މައިޒާން ފުޑުފުޑުކޮށްލިއެވެ. މާލޭ ހުޅަނގުކޮޅަށް ވާރޭކަންޏެއް ޖަހާލިޔަސް ފެންބޮޑުވާގޮތަށް ބޯތައްޓެއްހެން މާލޭއަށް ހަދާލިގޮތުން މިއަދުވެސް އެސަރަހައްދު މީހުން އެތިބީ ރޯލަރޯލައެވެ.