ނަޝީދު ދިނީ މުއިއްޒު ވައްޓާލާނެ ކަމުގެ މެސެޖް

އެހެން މީހަކު ވެރިކަން ކުރާތަން ދެކެން ނަޝީދަށް ހަޖަމެއް ނުވާނެ

ނަޝީދު ދިނީ މުއިއްޒު ވައްޓާލާނެ ކަމުގެ މެސެޖް

2004ގައި ރާއްޖޭގައި ސިޔާސީ އިސްލާހީ ހަރަކާތް ފާޅުގައި ފެށުނީ ރައީސް މައުމޫނަށް މަޖުބޫރުވެ ވަޑައިގެން ނަމަވެސް އެ ފުރުސަތު ދެއްވީމައެވެ. އީވާން ނަސީމްގެ މަރުގެ ހަދިސާޔަށް ފަހު އެތެރެއާއި ބޭރުން ކުރިމަތިވެ ވަޑައިގެން ފިއްތުންތައް ރައީސް މައުމޫނު ފިނިކޮށްލެއްވީ އިސްލާހީ އެޖެންޑާއެއް އިއުލާނު ކުރައްވައިގެނެވެ. އެ ތާރީހު ތަކަށް ދާކަށް ނެތީމެވެ.

އިސްލާހީ އެޖެންޑާގެ ތެރެއިން ސިޔާސީ ވާހަކަ ފާޅުގައި ދެއްކުމުގެ މިނިވަންކަން ލިބުނެވެ. ހޮޅުއަށިތަކާ ޖަލްސާތަކުގައި ސިޔާސީ ފާޑު ކިޔުމަށް ދޮރު ހުޅުވުނެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ފެށުނެވެ. ސިޔާސީ ޕާޓީ ހެދުމަށް ހުއްދަ ދެވުނެވެ. އަލްފްރެސްކޯ ކޮފީމޭޒުން މިނިވަން ބަހުސްތަކުން "ތިންބާރު ވަކިކުރާ ގައު" ދޮށުން ޖުމްހޫރީ މައިދާނަށް އެއްވެ އޮގަސްޓް 12،13 އާއި ހަމައަށް ބިރު ފަހަނާއަޅާ ގޮސް ބަދަލަށް ގައުމު ފައްކާވިއެވެ. އިސްލާހީ ހަރަކާތުގެ އަމަލީ މައިދާނުގައި އިސްވެ އުޅުނީ ކޮންބައެއްކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އެއިގެ ގިނަ މީހުން އެތިބީ ގަދަވެ ސަލާމަތުން ދުނިޔޭގައެވެ. 

އިސްލާހީ ހަރަކާތުގެ މައިދާން ރަނގަޅަށް ގަރަނބުވެ ފައްކާވުމުން ވައިކުޑައިގާ ފުންމާލި މީހާ ފުންމާލީ ދުވަހަކުވެސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުން ނުވާކަމުގެ ދޮގު ވައުދާއެކުގައެވެ. ވައިކުޑައިގައި މައިދާނަށް ފޭބި އިރު އިސްލާހީ ހަރަކާތަށް ގާނޫނީ ސިފަ އައުމާއި އެމްޑީޕީ ރަސްމީކޮށް އުފަންވުމުގެ ހުރިހާ މަރުހަލާއެއް އޮތީ ނިމި ޕާޓީ ރަޖިސްޓްރީ ކުރުމަށް ފައްކާވެފައެވެ. އެހެން ކަމުން ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ލިބޭނެކަން އޮތީ ކަށަވަރުވެފައެވެ. އެހެން އެކަން އޮތް އިރު އެމްޑީޕީގެ ވެރިކަމެއްގައި ވެސް ވެރިކަން ނުކުރާނެ ކަމުގެ ހަތް ހުވާ މަތި މައްޗަށް އެނާ ކުރިއެވެ. މާލޭ ހުޅަނގު އުތުރު ކަނުގައި ހުރި ވެސްޓް ޕާކްގައި ބޭއްވި އެއްވުމަކުން ފެށިގެން އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި ވެސް ފާޅުކަން ބޮޑުކޮށް ވެރިކަން ނުކުރާނެ ކަމަށް ބުނެ ވައުދުވީ މީހަކީ އޭރުގެ އަންނިއެވެ.

އެހެނަސް ހަގީގަތަކީ އެއީ ނޫންކަން ސާފެވެ. ޕްރައިމަރީ ވަގަށް ނަގައިގެން އެމްޑީޕީ ވެރިކަމުގެ ފުރަތަމަ ރައީސް ކަމަށް އިސްވީ ވެރިކަން ނުކުރާނެ ކަމަށް ބުނި ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި)އެވެ. ޑރ. ހަސަން ސައީދު ވެރިކަމަށް ގެންނަން ދައުރުގެ މެދު ތެރޭ އިންތިހާބެއް ބާއްވަދޭން ބުނި މީހާއަށް ޖެހުނީ މުނިމުނިކަވައިގެން އިސްތިއުފާ ދީފާ އިންތިހާބަކާ ނުލާ ޑރ. ވަހީދަށް ވެރިކަން ދޭށެވެ. ވަކި ގޮތަކަށް ވަކިކަމެއް ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ރައީސް ނަޝީދުވަނީ ކޮށްފައެވެ. ކުރާނެކަމަށް ބުނި ގިނަކަންކަން އޮތީ ގަސްދުގައި ނުކޮށެވެ. އެހުރިހާ ވާހަކައެއް ނުދައްކަމާ ބަހީއެވެ.

އެކަމަކު ހަނދާން އައުކޮށްލާށެވެ. ރައްޔިތުން މަޖިލީހުގެ ރައީސްކަން ބޭނުން ނެތޭވެސް ބުންޏެވެ. އެމްޑީޕީގެ ގަދަރުވެރި ދެ މެންބަރުން ލައްވާ ތަޅުވާ ހުތުރު ބަރަހަނާއަކުން ބަރަހާނާ ކުރުވުމަށްފަހު އެދެމީހުންގެ މައްޗަށް ގަދަވެގަނެ މަޖިލިސްގެ ރައީސްކަމަށް އޭނާ ސަވާރުވީއެވެ. އެ ވަގުތު އައި ކަމަށް ބުނި ގޮތް ނޭނގޭ ފޯނު ކޯލަކާ އަޅުވާފައެވެ.  

ރިޔާސީ ނިޒާމުގެ ވެރިކަމަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމަކަށް އޭނާއަކަށް ނުވެއެވެ. ފޫގަޅައިގެން އުޅުނީ ބަރުލަމަނީ ގެންނާށެވެ. ޕާޓީ ޕްރައިމަރީގައި ވާދަކުރީ ބޭނުން ނޫން ރިޔާސީ ނިޒާމްގެ ރިޔާސީ ޓިކެޓަށެވެ. ޕްރައިމަރީގައި ފޭލި ވެއްޖެނަމަ އޮންނާނީ ހިމޭނުން ގޭގައި ކަމަށް ބުންޏެވެ. ބޮޑުތަނުން ޕްރައިމަރީގައި ބަލިވުމުން ނިކުތީ އެމްޑީޕީ ރޫޅާލާ އެމްޑީޕީ ވުޖޫދުން ފުހެލާށެވެ.

ކިޔާފާ ނުކިޔާނެ ވަކިކަމެއް ނެތެވެ. އެންމެ ފަހުން އެބުނީ ޑރ. މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ސިޔާސީ ކަންކަމައިގެން އެހާވަރަށް ނޫޅޭނެ ވާހަކައެވެ. ކަމެއް ނުކުރާނެކަމަށް ނަޝީދު ބުނެފިއްޔާ ކަށީގެ މަދަށް އެކަމެއް ކުރަން އޭނާ އުޅޭނެއެވެ.

ހަމަތެދެކެވެ. ޑރ. މުއިއްޒަށް ވާނީ ހުވާކުރަން ވާލަހެކެވެ. ނަޝީދުގެ ދުއްޕާން ފުލުފުލުގައި ޖެހެން ފަށާނެއެވެ. ވުޖޫދުގައި ނެތްކަންކަން އުފަންކޮށްގެން ވެސް މުއިއްޒުގެ ވެރިކަން ވައްޓާލަން ކުރެވުނުހާ ކަމެއް ކުރާނެއެވެ. ނަޝީދު އެ ދިނީ މުއިއްޒުގެ ވެރިކަމާ ދެކޮޅަށް ނިކުންނާނެ ކަމުގެ މެސެޖެވެ. ނަޝީދު ނޫން މީހަކު ވެރިކަން ކުރާތަން ދެކެން ނަޝީދަށް ހަޖަމެއް ނުވާނެއެވެ.