ސޯދުބޭގެ އަގުވަޒަންކުރަން ކުރިކަމަކީ ދަރިފުޅު ކަޑާލުން

ސޯދުބޭގެ އަގުވަޒަންކުރަން ކުރިކަމަކީ ދަރިފުޅު ކަޑާލުން

ދިވެހިބަހާ އަދަބަށް ހިދުމަތްކުރެއް ވުމުގައި ދެވަނައެއްނެތް އުސްތާޒު އަބްދުއްލާ ސޯދިގު (ސޯދުބެ)އަކީ މުޅިގައުމުގެ އިހުތިރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. ގައުމީ އެތައް އެވޯޑަކާއި ޝަރަފެއް ލިބިވަޑައިގެން ބޭފުޅެކެވެ. ސޯދުބެއަކީ ތައާރަފެއް ބޭނުންވާ ވަރަށްވުރެ އެންމެންނާވެސް ގާތް އެކުވެރި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. 

އުމުރުފުޅުން 92 އަހަރު ވީއިރު މުޅި އުމުރު ހޭދަކުރެއްވީ ގައުމީ ހީދުމަތުގައި ބަހާ އަދަބަށް ހިދުމަތް ކުރެއްވުމުގައެވެ. މިހާރު މިދެކޭ ބަހަވީ އިލްމުގެ އެއްވެސް ރޮނގެއް ސޯދުބޭގެ ހިދުމަތުން ހުސްވެގެން ނުވެއެވެ. ސޯދުބޭގެ ދިގު ހަޔާތްޕުޅުގެ ބޮޑުބައިގައި ގައުމީ ހިދުމަތުގައި އުޅުއްވުމަށްފަހު މިއަދު އެ އޮންނެވީ ގައުމުގެ ލޯތްބާ އަޅާލުން ބޭނުންވެ ވަޑައިގަންނަވާ ހާލުކޮޅުގައެވެ. ގައުމަކަށް މީހަކު ހިދުމަތެއް ކޮށްދީގެން ގައުމުން އެކަން އެންމެ ބޮޑަށް ވަޒަންކޮށް އެހީތެރިކަން ބޭނުންވެ ވަޑައިގަންނަވާނީ ގައިބާރުދެރަވެ ލޯބޯ ކޮށިވެ އަމިއްލަ ހާލަށް ނޫޅެވޭ ވަރަށް އުމުރުން ދުވަސްވުމުންނެވެ. 

ދުނިޔޭގައި ހުންނަވަނިކޮށް ލޯތްބާއި އަޅާލުމާ ކަމޭހިތުމަކީ ޖަލްސާއެއް ބާއްވާކުރާ ތައުރީފަކުން ކިޔާލާ ލަވައަކުން ދައްކާ މޮޅުވާހަކައަކުން އެކަނި ލިބޭނެއެއްޗެއް ނޫނެވެ. އުމުރުން ދުވަސްވެ ލޯބޯ ކޮށިވެފައިވާ ސްޓޭޓްސްމަނަކަށް އެހާލަތުގައި އެންމެ ބޮޑަށް ބޭނުންވާނީ ރަނގަޅު ކާނާއާއި ބޭސްފަރުވާއާއި ރައްކާތެރިވެއްޓަކާއި ކަމޭހިތުމާއި އަޅާލުމާއި އޯގާތެރި ފިރުމުމެވެ.

 ފޮޓޯ: ނޢވ ގެ ޝަރަފު ސޯދުބެއަށް އެރުވި ޖަލްސާއިން

ސޯދުބޭގެ ނަމުގައި ކިތަންމެ ބޮޑެތި އިހުތިފާލް ފާހަގަކޮށް ބޮޑެތި ހަރަދުތައް ކުރިނަމަވެސް އެކަމުން ސޯދުބޭގެ ގައިބާރުދޫވެފައިވާ ހަށިކޮޅަށް ލުޔެއް އަރާމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ސޯދުބޭގެ ގައިބާރު ދޫވެފައިވާ ހަށިކޮޅަށް ލިބިވަޑައި ގަންނަވާ ލުޔެއް އަރާމެއް ލިބިވަޑައިގަތުމުގައި ދަރިކަލުން ރައުފަތު ސޯދިގުއަށް ދިވެހިބަހުގެ ވުޒާރާގެ ކޮންސަލްޓް ކަމުން ލިބިވަޑައިގަންނަވާ މުސާރަފުޅު ވަރަށް ބޮޑު ރޯލެއް ކުޅޭނެ ކަމަށް ގަބޫލުކުރެވެއެވެ. 

ދިވެހިބަހުގެ އެކަޑަމީން ރާއްޖޭގެ މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކުރީ ސޯދުބެއަށެވެ. ސޯދުބެ ދިވެހިޅެންވެރިކަމާ އަދަބިއްޔާތަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރަށް ޅެންވެރިންގެ ދުވަސް ފާގަކުރުމަށް ދިވެހި ބަހުގެ މިނިސްޓްރީގައި ވެސް ދުވަހާގުޅޭ ހަރަކާތްތަކެއް ހިންގިއެވެ. 

ޅެންވެރިންގެ ދުވަހު ގައުމިއްޔަތު މިނިސްޓްރީގައި ގައުމިއްޔަތު މިނިސްޓަރ އިސްވެ ހުންނަވާ ހިންގެވި ހަރަކާތެއްގައި މިނިސްޓަރ ބޭނުން ކުރެއްވި އެއްވެސް ޅެންބައިތަކީ ސޯދުބޭގެ ޅެންބައިތަކަށް ނުވުމަކީ މިނިސްޓަރު އަރިހުގައި މަސައްކަތް ކުރައްވަމުން ދިޔަ ސޯދުބޭގެ ދަރިފުޅަށް ވަރަށް އަސަރު ކުރިކަމަކަށްވިއެވެ. ސޯދުބެއަށް ހާއްސަކޮށްގެން ފާހަގަކުރާ ރަސްމިއްޔާތެއްގައި ގައުމިއްޔަތު މިނިސްޓަރ އަމަލުކުރެއްވި ގޮތުގެކަން ބޮޑުވުން ފާޅުކުރުން ވެގެން ދިޔައީ ޖެހިގެން އައިދުވަހު ސޯދުބޭގެ ދަރިފުޅު ދިވެހިބަހުގެ މިނިސްޓްރީގެ ވަޒީފާއިން ވަކިކުރުމަށެވެ. މުއިއްޒުގެ ގައުމިއްޔަތު ވަޒީރު ސޯދުބޭގެ އަގުވަޒަންކުރީ ސޯދުބޭގެ ދަރިފުޅަށް އޮތް ވަޒީފާއިން ވަކިކުރުމުންނެވެ.