ގާސިމުގެ މުސީބާތުން ސަރުކާރުތައް މިންޖުކުރަންޖެހޭ!
ބޭނުންވާ ބޮޑުކަމެއް ކޮށްނުދެވޭއިރަށް ވައްޓާލަން ނިކުންނާނެ
![ގާސިމުގެ މުސީބާތުން ސަރުކާރުތައް މިންޖުކުރަންޖެހޭ!](https://heerasnews.com/uploads/images/202502/image_750x_67a5c8a4bcdc8.jpg)
މައުމޫނިޒަމުން އެންމެ ބޮޑު ފައިދާއެއް ނެގި އެކަކީ ކާކުތޯ ބަލައިފިނަމަ ޖަވާބަކަށް އަންނާނީ ގާސިމު ގެނަމެވެ. މައުމޫނުގެ ވެރިކަން ވައްޓާލަން އެންމެ ބޮޑު ހޭދައެއްކޮށް އިދިކޮޅު ހަރަކާތަށް ތެޔޮޖެހީ ކާކުތޯ ބެލިޔަސް ޖަވާބަކީ ގާސިމެވެ.
އިސްލާހީ ހަރަކާތްތައް އިދަ ޖައްސާލުމަށް މައުމޫނާ ބައިވެރިވެެގެން މަނިޓަރީ އޮތޯރިޓީއާއި ފިނޭންސް މިނިސްޓްރީ ކިހިލި ޖަހާލައިގެން ދަނޑިވަޅުބަލާ ދައުލަތް ދަވާލީ ކާކުތޯ ބެލުމުންވެސް ރަމަލަށް އަރާނީ ގާސިމެވެ. ގާނޫނު އަސާސީއަކީ ހަރަދުބޮޑު ރާއްޖެއަށް ނުކަތާވަރުގެ އެއްޗަކަށް ހެދުމުގެ މޭސްތިރިއަކީ ކާކުތޯ ބެލިޔަސް އެމީހަކަށްވަނީ ގާސިމެވެ. މިއުޅެނިއްޔަކީ ސަރުކާރުތައް ބޭނުންކޮށްގެން ދައުލަތުން ގާސިމް ދަވާލި ތަންތަނާއި ފައިސާއާއި ހޯދި މަންފާގެ ވާހަކަ ދައްކާކަށް ނޫނެވެ.
ވަތަން އެދޭ އިއްތިހާދު ހަދައިގެން މަލްޓިޕާޓީ ވެރިކަމެއްގައި ކޯލިޝަން ހަދައިގެން ދައުލަތް ފޮތިކޮށް ކޮށާކާން ދިމާކުރި އިސްމީހަކީ ކާކުތޯ އަހައިފިނަމަ މީހުން ބުނަނީ ގާސިމެވެ. އެމްޑީޕީގެ ފުރަތަމަ ކޯލިޝަން ވެރިކަމުގައި ދައުލަތް ހިތަކަށް ނުލިބުނީމާ 21 ދުވަހުން ކޯލިޝަން ރޫޅާލާ ބަގާވާތްކޮށް ވެރިކަން ވައްޓާލުމުގެ މުގުލުގައި ހުރީވެސް ގާސިމެވެ.
2013ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕްރޮގްރެސިވް ކޯލީޝަނުގެ ތެރެއަށް ވަދެ ހިތުހުރި ގޮތެއް ހަދާނުލެވުނީމާ ހަމަސް ނުވަނީސް ކޯލިޝަނުން ނިކުމެ އަޑިއަޑިން ސަރުކާރުތެރެއިން ފައިދާ ނަގަމުން ޔާމީނުގެ ވެރިކަން ހަރާބުކުރަން ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޔާމީނުގެ ވެރިކަން ވައްޓާލަން އުޅުމުގެ މުގުލަކީވެސް ގާސިމެވެ. އަމިއްލަ މުދާވެރިކަމާއި ބާރު ހޯދުމުގެ ބޭނުމުގައި މުދަލާ ފައިސާ ހޭދަކޮށްގެން ވެރިކަން ވެއްޓުމާ ވެރިކަމަށް މީހުން ގެނައުމުގެ ރެކޯޑް ރާއްޖޭގައި އޮތް މީހަކީ ގާސިމެވެ.
އެމްޑީޕީއާއި އެކު ކޯލީޝަން ހަދައިގެން އެމްޑީޕީއަށް ވެރިކަން ލިބުމުން ރައީސް ސޯލިހުގެ ކެބިނެޓަށް އަމިއްލަ އަނބިމީހާ ލައިގެން ކޯލިޝަން ޕާޓްނަރ ހެދިގެން އެމްޑީޕީއަށްވުރެ ސަރުކާރަށް ގަދަކޮށްގެން ނެގުނުހާ ފައިދާއެއް ނެގީ ގާސިމެވެ. ދަތުރުފަތުރާއި ޓޫރިޒަމާއި އަމިއްލަ މަސްލަހަތު އޮތް ހުރިހާ ވުޒާރާއެއް އޮތީ ގާސިމުގެ އުނގުގައެވެ. ބަދަލު ދިނުމާ ވެންޓިލޭޓަރ މައްސަލައާއި ޑޮމައިން ވިއްކުމާއި ކޮވިޑް ފެސިލިޓީ ތަކުގެ ފަސާދަ ފަދަ އެތައް ކަމެއްގެ ބަދުނާމް އެމްޑީޕީ ސަރުކާރަށް ލިބުނީ ގާސިމްގެ ފުށުންނެވެ.
ކޮންމެ ވެރިކަމެއް އަންނަ އިރަށް ވެރިކަމަކާ ގުޅިގަނެގެން ފަޅުތަކާއި ބިންތަކާއި ބަދަލުތަކާއި ލުއިތަކާ ހޯދައެވެ. ކޮންމެވެރިކަމެއްގެ ކުރީކޮަޅު ވެރިކަމުގެ ތެރެއަށް ވަދެގަނެގެންނާއި ފަނޑިޔާރުންނާއި ނުފޫޒުގަދަ މީހުނަށް ރިޝްވަތު ދީގެން މުދަލާއި ފައިސާ ހޯދުމަށް ގާސިމު ހުންނަނީ އަތް އަނބުރާލާފައެވެ.
މުއިއްޒަށް ވެރިކަން ލިބުމުން މުއިއްޒު ވަރެއް ގާސިމަކަށް ނެތެވެ. މުއިއްޒު ސަރުކާރުގެ ހޮޅީކޮޅު ގާސިމުގެ އުނގާ އޮތީ ގުޅިފައެވެ. މުއިއްޒު ބުނާހާ އެއްޗަކާ ކުރާހާކަމެއް މިހާރު ގާސިމަށް ވަރަށް ކަމުދާނެއެވެ. ގާސިމު މިހާރު ވަށިވަށީން ދޭނީ ތިމާ ބައިވެރިވެގެން ތިމާގެ މަންފާއަށް ދައުލަތުން ގޯސްތައް ހައްދުވައިގެން ފައިދާނެގި ސަރުކާރުތަކަށާއި ވެރިންނަށެވެ. މައުމޫނާއި ނަޝީދާއި ވަހީދާއި ޔާމީނާއި ސޯލިހަށް އެއްވެސް ރަނގަޅުކަމެއް ކުރެވިފައި އޮތްކަމަކަށް މާމިގިލީ ބުރުމާ އިބްރާހީމްގެ ގާސިމަކަށް ނުވާނެއެވެ.
ސަރުކާރުގެ ތެރެއިން ބޭނުން ވާހާކަމެއް ކޮށްލާ ނިމެންދެން މުއިއްޒު ވަރެއް ގާސިމަކަށް މިހާރަކު ނުއޮންނާނެއެވެ. ގާސިމަށް ބޭނުންވާ ބޮޑުކަމެއް ކޮށްނުދެވޭ އިރަށް މުއިއްޒާ ދެކޮޅަށް ކުރެވުނުހާ ކަމެއްކޮށްގެން ދޭންޖެހޭ ބަޔަކަށް ދޭންޖެހޭ އެއްޗެއް ދީގެން މުއިއްޒުގެ ވެރިކަން ކޮޅުމަގަށް އަރުވާލާނެއެވެ.
ހަމަތެދެކެވެ. ކިތަންމެ ވަރަކަށް ވެރިކަން ބަދަލުކުރިޔަސް ރާއްޖެ ހަމަ މަގަށް އެޅޭނީ ގާސިމުގެ މުސީބަތުން ސަރުކާރުތައް މިންޖުވާ ދުވަހަކުންނެވެ. އަތްއަތަށް އެނބުރޭ ބުރުމާ ފާލުއަޅުވައިގެން ނޫނީ ހަމަޖެހުމެއްނެތެވެ.