ނުތަނަވަސް ވާހަކަތަކަށްވުރެ މައްޗަށް ގުޅުން އުފުލިފައި އޮންނާނެ: ޝާހިދު

އިންޑިއާގެ އެހީތެރިކަން ރާއްޖޭގެ ހުރިހާ ހިސާބަކުން ފެންނަން އެބައޮތް

ނުތަނަވަސް ވާހަކަތަކަށްވުރެ މައްޗަށް ގުޅުން އުފުލިފައި އޮންނާނެ: ޝާހިދު

އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ފެންނަން އެބައޮތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެގޮތުން ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ތަރައްގީގެ ޕްރޮގްރާމްތަކާއި ފެނުގެ ހިދުމަތް ފަދަ މުހިންމު ކަންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތައްޔާރުވެ ވަޑައިގަންނަވަމުން ދާއިރު، ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެރައީސް އަބްދުއްލާ ޝާހިދު މިމޭރުމުން ވާަހަކަފުޅު ދެއްކެވީ އިންޑިއާގެ ވިއޯން ނިއުސްއަށް ދެއްވި ބަސްދީ ގަތުމެއްގައެވެ. 

ދިގު ދެމިގެންދިޔަ ސިޔާސީ ގުޅުންތަކުގައި އިންޑިއާއިން ދީފައިވާ އެއްބާރުލުމުގެ ފުންކަމަށް އަލިއަޅުވާލައްވަމުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެހީތެރިކަން ދިނުމާއި ދިގު މުއްދަތުގެ ތަރައްގީގެ އެހީތެރިކަން ލިބުނީ ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ އެކި ސަރުކާރުތަކަށް އިންޑިއާއިން ދީފައިވާ ގަދަފަދަ އެއްބާރުލުމުގެ ސަބަބުން ކަން ޝާހިދު ފާހަގަކުރެއްވިއެވެ. 

ބޮޑުވަޒީރު މޯދީގެ މިފަހަރުގެ ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައިވާ ގުޅުންތަކުގެ ވަރުގަދަ ކަމާއި ދެމިއޮތްކަން އަލުން އެނގިގެންދާ ކަމަށް އެމްޑީޕީގެ ރައީސް ސިފަކުރައްވިއެވެ. ޝާހިދު ވިދާޅުވީ މޯދީގެ މިފަހަރުގެ ދަތުރުފުޅަކީ ހަމައެކަނި ރަސްމީ ކަންކަމުގެ ރަމްޒަކަށްވުރެ މާ މަތީގެ ކަމެއް ކަމަށެވެ.

"ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ވަރުގަދަ ގުޅުމެއްކަން މި ދަތުރުފުޅުން ސާފުކޮށް ހާމަވެގެންދޭ. ކުދިކުދި ސިޔާސީ ނުތަނަވަސް ވާހަކަތަކަށްވުރެ މައްޗަށް އެ ގުޅުން އަބަދުވެސް އުފުލިފައި އޮންނާނެ،" ކަމަށް ކުރީގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ. އދ ގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވަނީ "އަޅުގަނޑުމެން ކުރީގެ ކެމްޕޭން ތަކުގައި ދެކެވުނު ހިތާމަވެރި ވާހަކަތައް ދޫކޮށްލާފައި، ދެ ފަރާތުންވެސް އިހުތިރާމްކޮށް، ސަރަހައްދީ އެއްބާރުލުން އިތުރުކުރަންޖެހޭ." ކަމަށެވެ.