ތިލަމާލެ ބްރިޖަށް އަވަލީ ބޮޑުމީހާގެ ކަޅު ހިޔަނި!
ހެޔޮވަރުގެ އަދަދަކުން މަންޒަރު ހުތުރުކޮށް ބޮއްސުން ދުއްވާލާ އެފްކޮންސްގެ ވޯކް ފޯރސްގައި ކަތުުރުފަނި އެޅުވުން
އިންޓަރނެޓަށް ފަރިތަ ކުދިން އިންޑިއާގެ އެފްކޮންސް ކުންފުނީގެ ވަރުގަދަ ކަމާއި އެމީހުން ނިންމާފައިވާ ކާމިޔާބު ބޮޑެތި ޕްރޮޖެކްޓްތައް ދެނެގެން ބަލާށެވެ. އެފްކޮންސްއަކީ އެކުންފުނީގެ ގަދަރަށް އުނިކަން ލިބި، ބައިނަލް އަގްވާމީ މާރކެޓްގައި އެމީހުން ބަދުނާމު ވާން ބޭނުން ވާނެ ބައެއް ނޫނެވެ. އެހެން ނަމަވެސް ތިލަމާލެ ބްރިޖާ ޖެހުމުން އެފްކޮންސްގެ ފައި ހަރުނުވެ ފަރަށް އަރަނީއެވެ. ނަގިލި ކަހާލާ ސޮއްސާލަނީ އެވެ. ވައިރު ކެނޑި ކެރޭނު ބިނދި ބޯވަތަށް އެކޮޅު ކޮޅުން ދާއިރު އެވީޑިއޯތައް އެ ހުރީ މުޅި ދުނިޔެއަށް ހާމަވެފައެވެ. އެއީ ކުުޅުވައިގެން ނަގާފައިވާ ވީޑިއޯ ނަމަ ފިލްމުގެ ބޭނުން އެންމެ ރަނގަޅަށް ހިފަމުން އެދަނީ ޕީޕީއެމުންނެވެ.
ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިވެހިރާއްޖޭގައި އެޅުވި ރަން އަނގޮޓި ކަމަށް ވަންޏާ، ތިލަމާލެ ބްރިޖްވާނީ އިންޑިއާއިން އަޅުވާ އަލިމަހުގެ ރަން ހާރަށެވެ. ހިލޭ އެހީއާއި ދަރަންޏާއި، ކުރެހުމުގައި އިނދެ މަންޒަރު ގެއްލޭ ލޭނުތަކާއި ކޮރަޕްޝަނަކީ އެހެން ވާހަކަ އެކެވެ.
ރަން އަނގޮޓިއާއި އަލިމަސް ހާރުގެ ކަންތައް މިހެން ވާން ޗައިނާއާއި އިދިކޮޅު ޕީޕީއެމުން ބޭނުން ވާނެތޯ އުފެދޭ ސުވާލުގެ ޖަވާބު އުނދަގުލެއް ނޫނެވެ. ބޭނުން ވަނީ މަންޒަރު ހުތުރުކޮށް ބޮއްސުން ލައްވާލާނެ އެފްކޮންސްގެ ދެތިން މީހަކަށް ޔާމީނު ވިދާޅުވާ ފަދަ އެކަށީގެންވާ އަދަދެއް ދީގެން ވޯކް ފޯރސްގައި ކަތުުރުފަނި އެޅުވުމެވެ.
ތިލަމާލެ ބްރިޖަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ދެ ވަނަ ދައުރު މަލަރު ކުރާ އެންމެ ވަރުގަދަ ޕްރޮޖެކްޓެވެ. މުއްދަތަށް ނިމުން ސަރުކާރަށް މުހިންމެވެ. ދެން އޮތް ސުވާލަކީ ސިޔާސީ ގޮތުން ސަރުކާރު ކޮށިއަރުވާ އަތް އަނބުރައިގެން އިންޑިއާއިން ހާސިލު ކުރަން ބޭނުންވާ މަގްސަދެއް އޮތީތޯ އުފެދޭ ސުވާލެވެ. އެފްކޮންސަށް އެކަން އެނގުމާއި ނޭނގުން މާތްރަސްކަލާނގެއާ ވަކީލެވެ.
އިންޑިއާ އާއި ޕާކިސްތާނަކީ ކަނި ކެނޑިކެނޑި ތިބި ޒަމާންވީ ހަތުރުންނެވެ. ރާއްޖޭގެ ބިމުގައި އިންޑިއާ އާއި ވިއްދަން ޕާކިސްތާނު މީހުން އަންނާކަށް ނުޖެހެއެވެ. ޕާކިސްތާނުން ކިޔަވައިގެން އައިސް ދީނުގެ ނަމުގައި އިންޑިއާ އާއި ވިއްދާނެ ފަޓާނީ ހަރުވާޅުލީ ދިވެހިން ރާއްޖޭގައި މަދެއް ނޫނެވެ.
ގިނަ އަދަދެއްގެ ބިދޭސީން މާލޭގައި ދިރިއުޅޭ ތަނެއްގައި ރޯވީ ފާއިތުވި ނޮވެމްބަރ 9 މެންދަމުގެ ވަގުތުގަައި އެ މީހުން ނިދަން ތިއްބައެވެ. މާލޭގައި ގަނޑުކޮށް ނިދާ ބިދޭސީން އެންމެ ގިނައިން ނިސްބަތް ވަނީ ބަނގްލަދޭޝް އަށެވެ. ނަމަވެސް އެރޭ އަލިފާން ރޯވި އެ ތަނުގައި ދިރިއުޅޭ އެެންމެންނަކީ އިންޑިއާ މީހުންނެވެ. މަރުވި 10 މީހުން ކުރެ 8 މީހުންނަކީ ވެސް އިންޑިއާ މީހުންނެވެ. އަނެއް ދެ މީހުންނަކީ އެ ތަނަށް އައިސް ގޮސް އުޅޭ ބަންލާދޭޝް މީހުންނެވެ. ޔާމީން ބޭނުންވާ މިންވަރަށް އިންޑިއާ އައުޓް ނުވިޔަސް އަނދައިގެން އެ އިމާރާތުން އައުޓް ކުރަން ޖެހުނީ މުޅީންހެން އިންޑިއާ މީހުންގެ ހަށިތަކެވެ. ޕާކިސްތާނުން ކިޔެވި ދިވެހިންނާއި ޕީޕީއެމް އަކީ އިންޑިއާ އައުޓް ތަންޑިޔަލުގެ ދެކޮޅުގައި ކޮނޑު އަޅައިގެން ތިބި އެއް ބައެކެވެ.
ދެންމެ މި ބުނި ނޮވެމްބަރު މަހުގެ އަލިފާނުގެ ހާދިސާއަކީ އެކީ އެއް ފަހަރާ އެންމެ ގިނަ ބަޔަކު އަނދައިގެން ރާއްޖޭގައި މަރުވި އަލިފާނުގެ ހާދިސާއެވެ. މަރުވި މީހުންގެ ރައްޓެހިންނާއި ގާތް މީހުން އަލިފާން ރޯވި އެ ސަރަހައްދާއި، ގަލޮޅު ސަހަރާގައި ހުންނަ ކަށްކޮށާރު ބޭރުގައި މަގުތައް މަތީ ހިތާ ފިތް ފައި ދަށުލައިގެން ހިތާމަކޮށް ރޮއެ ހޭރުނެވެ.
އެ ހާދިސާގައި ދިވެއްސަކަށް ކަމެއް ނުވީތީ ޝުކުރު ހުއްޓެވެ. ހަމަ އެ ގޮތަށް ދިވެއްސަކަށް ކަމެއް ނުވާތީ ކަމެއް ވީހެން ވެސް ދިވެހިންނަށް ހީނުވާ ކަހަލަ ގޮތަކަށް ގޮސް މިހާރު އެ ކަމަކީ ނުވާ ކަމެކޭ ދާދި އެއް ފަދައެވެ. މީހުން ނިދާފައި ތިއްބާ ކުއްލި އަކަށް ހުޅުރޯވެ އިމާރާތް އެކީ އަނދާ ހުލިވި ސަބަބު އަދި މުޅިއަކުން ސާފެކޭ ބުނާ ހިތެއް ނެތެވެ.
ރޭ މެންދަމަކީ 16 ޑިސެމްބަރެވެ. އެނދި އިންޑިއާ 8 މީހުންގެ ހަށިގަނޑު އައުޓް ކުރި ފަހުން އަދި މިވީ އެންމެ ފަސް ހަ ހަފްތާ އެއްހާ ދުވަހެވެ. އަނެއްކާ ވެސް މާ ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ. ހަމަ މެންދަމުގެ ދާދި އެއް ވަގުތެއްގައި މީހުން ނިދަން ތިބޭ ގަޑީގައެވެ. ތިލަމާލެ ބްރިޖް އަޅާ އިންޑިއާ ކުންފުނި އެފްކޮންސްގެ މުވައްޒަފުން ނިދަން ތިއްބާ، ގުޅިފަޅުގައި ހުރި ނިދާ ތަނުގައި ކުއްލި އަކަށް ރޯވެއްޖެއެވެ. 500 އާއި ގާތްކުރާ އަދަދަކަށް މީހުން ނިދާފައި ތިއްބާ ފެނުނީ ތަނުގައި ރޯވެފައި ހުއްޓައެވެ.
އަގީދާއާ ގުޅުވާ ކަރުބުރިކޮށް ކަނޑު ފެއްތި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ މަރުގެ ތަހުގީގު ރިޕޯރޓް ނެރުތާ ގިނަ އިރެއް ނުވެއެވެ. އެއީ އިންޑިއާ އިން އަންގައިގެން ނެރުނު ރިޕޯރޓެއް ކަމަށް އިދިކޮޅުން ބުނި ފަހުން ވީލަހެއްވީ އެ ތަނުގައި ނިދާ ބަޔަކު ރަނގަޅަށް ނިދި ގަދަވާން ވީލަހެކެވެ. 70 އަށް ވުރެ ގިނަ މީހުން އެތިބީ ހޮސްޕިޓަލުގައެވެ. ހާލު ބޮޑު ސީރިއަސް މީހުން ތިބީ ކުރީ ހަދީސާގައި މަރުވި މީހުންނާ ގާތްކުރާ އަދަދަކަށެވެ.
ތިމަންމެންގެ ރައްޔިތުންނާ ދެކޮޅަށް ތިޔަ ގައުމުގައި ހަނގުރާމަ އިއުލާންކޮށް ހަމަލާދީ މީހުން މަރަނީއޭ ބުނެ އިންޑިއާއިން ވަރުގަދަ ފިޔަވަޅެއް އަޅަން ބޭނުން ވަނީ ހޮދު އިންޑިއާ އިންތޯ ނުވަތަ އިންޑިއާ އައުޓް އިދިކޮޅު ހަރަކާތުންތޯ ބުނާނެ ވަކި ހުއްޖަތެއް އަދި ނެތެވެ.
ރާއްޖޭގައި ތިބި އިންޑިއާ މީހުން ޓާގެޓް ކުރަނީ އިންޑިއާގައި އުޅޭ ދިވެހިން ޓާގެޓްކޮށް އެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށައެޅުމުގެ ބޭނުމުގައިތޯ ވެސް ސާފެއް ނޫނެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަބަބު ވެސް އަދި ސާފެއް ނޫނެވެ.
އެހެނަސް ސާފުވާ އެއް ކަމެއް އެބަ އޮތެވެ. ހިނގަމުން މި ދަނީ ނުރައްކާތެރިކަން ލާނިހާޔަތުގައިވާ ކަންކަމެވެ. މި ކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު އެތައް ގުނަ އަކުން ފެންނަނީ ދަށް ކޮންނެވެ.
މެންދަމު ރޯވި އަލިފާންގަނޑު އަނދަމުން ދިޔަ އިރު ނިކުތް ބަޔަކު ނުކުމެ މާލޭގެ ފާރުތަކަށް އިންޑިއާ އައުޓް ސްޕްރޭ ކޮށްފިއެވެ. ވީކަންތަކާ ދިން މެސެޖް ވަރަށް ސާފެވެ.