މުއިއްޒު ވާދަކުރަނީ ރައީސް ޔާމީނާ
ޕީޕީއެމްގެ ތާއީދު ހިފެހެއްޓުމަށް ރައީސް ޔާމީނުގެ ނަންފުޅު ދަނީ ބޭނުން ކުރަމުން
ޕީޕީއެމްގެ ރައީސް ޔާމީނުގެ ފޮޓޯ ހިފައިގެން ނިކުމެ މުއިއްޒު ވާދަކުރަމުން އެދަނީ ރައީސް ޔާމީނާއެވެ. ރައީސް ޔާމީނުގެ އަތްޕުޅުން ޕީޕީއެމް ޖަހައިގަންނަން ކުރެވޭ މަސައްކަތަށް ރައީސް ޔާމީނުގެ އެއްބާރު ލެއްވުމެއް ނެތެވެ. ރައީސް ޔާމީނު ވަނީ އެ މަނިކުފާނުގެ ވަފާތެރިންގެ ކިބައިން އިންތިހާބު ބޮއިކޮޓްކުރަން އެދި ވަޑައިގެންފައެވެ. ރައީސް ޔާމީނުގެ އަތްޕުޅުން ޕީޕީއެމް މުއިއްޒު ޖަހައިގަންނަން ފުރުސަތު ނުދޭން ޔާމީނުގެ ވަފާތެރިންގެ ކިބައިން ތަކުރާރުކޮށް ރައީސް ޔާމީނު ވަނީ އެދވަޑައިގެންފައެވެ.
ރައީސް ޔާމީނަށް އޮތް ތާއީދާ ހަމްދަރުދީގެ މަންފާ ހޯދުމަށް މުއިއްޒު ޔާމީނުގެ ނަންފުޅާއި ފޮޓޯފުޅު ބޭނުން ކުރާތީ ބަޔަކަށް މުއިއްޒަކީ ރައީސް ޔާމީނުގެ މީހާ ކަމަށް ހީވެދާނެއެވެ. ހީލަތްތެރި ކަމާއެކު މުއިއްޒު ޖަހައިގެން އުޅޭ ރައީސް ޔާމީނު މިނިވަން ކުރުމުގެ މަޅީގައި ބަޔަކު ޖެހިގެން އެބައުޅޭ ވެސް މެއެވެ.
މުއިއްޒަކީ ފެށުނީއްސުރެ ރައީސް ޔާމީނުގެ ބާރުވެރިކަން ކަނޑުވާލަން ޕީޕީއެމްގެ ތެރޭގައި މަސައްކަތްކުރި މީހާކަން ރައީސް ޔާމީނުގެ ވަފާތެރިންނަށް އޮޅިފައެއް ނެތެވެ. ޕީޕީއެމްގެ ތާއީދު ހިފެހެއްޓުމަށް ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކުރަމުންދާ ދިޔުމުގައި ކަންވާނެ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ރައީސް ޔާމީނުގެ ގޮނޑި ކޮއްކޮއެއް ގޮތުގައި މުއިއްޒު ވުމެވެ. އަނެއް ގޮތަކީ ރައީސް ޔާމީނު ބާކީކޮށް ޕީޕީއެމް މުއިއްޒުގެ މުށުތެރެއަށް ލުމެވެ.
މުއިއްޒުގެ ވާހަކައިން އެގޭ އެއްޗަކީ މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު މިނިވަން ކުރިޔަސް ވެރިކަން ހިންގުމުގައި ރައީސް ޔާމީނަށް އެއްވެސް ބާރެއް ނުދޭނެކަމެވެ. ފުރިހަމަ ފަސްއަހަރު މުއިއްޒުގެ ވެރިކަމެއް އޮންނާނެކަމެވެ. ދައުރު މެދުން އިންތިހާބެއް ނުބޭއްވޭނެ ކަމެވެ. ނައިބު ރައީސް އިސްތިއުފާ ދީ ރައީސް ޔާމީނަށް ނައިބު ރައީސްކަން ނުދޭނެ ކަމެވެ. ރައިސް ޔާމީނަށް ނައިބު ރައީސްކަން ދިނުމަށްފަހު ރައީސް ޔާމީނަށް ވެރިކަން ހޯދާ ދިނުމަށް ރައީސްކަމުން މުއިއްޒު އިސްތިއުފާ ނުދޭނެކަމެވެ.
ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ވެރިކަން ލިބުމަށް ފަހު އެހެން މީހެއްގެ ލެގަސީ ނަގަހައްޓަން އެއްވެސް މީހަކު ނޫޅުމެވެ. ރައީސް ޔާމީނު ވަނީ ރައީސް މައުމޫނު ގެ ލެގަސީ ދުއްވާލާފައެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ތަޖުރިބާއިންވެސް ފެންނަނީ އެތަނެވެ. ލޭގެ ގުޅުމާ ގާތްތިމާގެ ކަމާއި އަހުވަންތަ ކަމުގައިވެސް މި ދެންނެވި ބޭބޭފުޅުންނަކީ އެކެއް އަނެކަކަށް ދުރުވެވެނެތް ބައެކެވެ. އެހެން ނަމަވެސް ވެރިކަމާ އާރާ ބާރާ ޖެހުމުން ކަންވީގޮތް އެހުރީ ދިރިހުރި މިސާލެއްހެން ފެންނާށެވެ. އެހެންކަމުން މުއިއްޒާ ރައީސް ޔާމީނަށް ވާނީ ވަކީން ކޮންގޮތެއް ހެއްޔެވެ.