ރޯދައަށް ސަރުކާރުން ތައްޔާރެއް ނުވޭ: ފަޔާ

ބޮޑުގެރި ބޭރަށް ހިންގާހެން ރަށްރަށުން ކަރަންޓް ކެނޑޭތީއެއް ކުރީ ސަރުކާރުގެ ފަސް އަހަރަކު ނޫޅެއެވެ. ފެނަކައާއި ސްޓެލްކޯ ދަރާވިކިގެން ވިޔަސް ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް މެދުކެނޑުނަނުދީ ދެމެހެއްޓިއެވެ. ކޮންމެ ރަށެއްގައިވެސް އެރަށަކަށް ބޭނުންވާ މިންވަރަކަށް މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ދެމުން ގެންދިޔައެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު ކަރަންޓްގެ ހިދުމަތް ނުލިބިގެން ރަށްރަށުގައި މުޒާހަރާކޮށް ހަދާކަށް ނުޖެހެއެވެ. ގެނދަބުޅި އިންޖީނުގެ ތަކުގައި ތަޅުއަޅުޥާ ޒަމާނީ ވަސިލަތާއި އެކު ހިދުމަތުގެ ފެންވަރުމަތިކޮށް ފުޅާކުރިއެވެ. ކުރީ ސަރުކާރުން ރަށްރަށުގެ ކަރަންޓްގެ ހިދުމަތަށް ގެންނަމުންއައި އިންގިލާބީ ހެޔޮ ބަދަލު ފެނި ރ. އުނގޫފާރު ކަހަލަ ރައްރަށުގައި އެ ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ދެމުން އައި ކަރަންޓްގެ ހިދުމަތް ލޮލުން ބޮލުން އެދިގެން ފެނަކައާއި ހަވާލުކުރީ ފެނަކައިން އޭރު އެކަން ކުރެވޭލެއް ރަނގަޅު ކަމުންނެވެ.
ދަރާ ވިކިފައި އޮތްކަމަށް ހަދައިގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަކަށް ކުރީ ސަރުކާރުން ބުރުލެއް ނާރުވައެވެ. ދަރަނި ނެގުމާއި ދަރަނި މެނޭޖުކޮށް ދެއްކުމަކީ ދައުލަތް ހިންގުމާ ހަވާލުވެ ތިބި ބައެއްގެ ޒިންމާއެކެވެ. ރައްޔިތުން ބޭނުންވާނީ ކަނޑައެޅިފައި އޮންނަ ގޮތަކަށް ހިދުމަތެވެ. ދަރަނީގެ ވާހަކައަކީ ހިދުމަތް ނުދިނުމަށް ދައްކާ ބަހަނާއެކެވެ. އެހެން ކަމުން ކުރީ ސަރުކާރުން އިސްކަންދިނީ ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ހިދުމަތް ދިނުމަށެވެ.
ކުރީގެ އިގްތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު ވިދާޅުވީ ތެދެކެވެ. ރަށްރަށުގައި ހުރި ކަރަންޓުގެ މައްސަލަތައް ރޯދަ މަހާ ދިމާކޮށް ހައްލުކުރަން ސަރުކާރަކުން ތައްޔާރު ނުވާ މިއީ ފުރަތަމަ އަހަރެވެ. އެގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރު ކުރީ މި ނާގާބިލު ސަރުކާރަށް އެނގި ތިބެއެވެ.
ކަންކަން ހައްލު ކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވަނީ އިހުލާސްތެރިކަމެއް ނެތިއެވެ. އެނގި ތިބެއެވެ. އެތައް ގޮތަކުން ފޫނުބެއްދޭ ވަރުގެ ގެއްލުން ތަކެއް އައްޑޫގެ ރައްޔިތުންނަށް ލިބެމުންދާއިރު ދުރާލައި ތައްޔާރުވިނަމަ ހައްލެއް ހޯދޭނެއެވެ. ވޭތުވެ ދިޔަ ތަނގާއި ހުރިހާ ސަރުކާރުތަކަކުން ވެސް ރޯދަމަހަށް ހާއްސަ ސަމާލުކަމެއްދީގެން ތައްޔާރީތައްވެއެވެ.
ފައްޔާޒު ވިދާޅުވާހެން ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާވިސްނުންތަކަށް ޖާގަދީ ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރަން ޖެހެއެވެ. އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހެއެވެ. ކަރަންޓްގެ ކަންކަން މެނޭޖްކުރުމުގެ އާ ގޮތްތައް ބޭނުން ކޮށް އެ މަގަށް ކަންކަން ފަހި ކުރަންޖެހެއެވެ. މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހެއެވެ. މިހެން ފައްޔާޒު ވިދާޅުވީތީ ޖަދަލުކޮށް ރައްޔިތަކަށް ކަންކަން ނުކޮށްދީ ކުރީސަރުކަރޭ ކިޔަކިޔާ ތިބޭނިކީ ނޫނެވެ.