ފިކުރު ދިރެންޏާ ބާގީއަކަށް ނުވޭ!
އެމްޑީޕީން ނިކުމެ އެމްޑީޕީނޫންގޮތެއް ހޯދަން އުޅުނު މީހުންވީ ފެއިލް
![ފިކުރު ދިރެންޏާ ބާގީއަކަށް ނުވޭ!](https://heerasnews.com/uploads/images/202502/image_750x_67a8655707421.jpg)
އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުކޮށްލުމުގެ ހަކަތަހުރި ހަމައެކަނި ސިޔާސީ ޕާޓީއެވެ. ސަރުކާރުގައި އެމްޑީޕީ އޮތަސް ނެތަސް ވާދަވެރިންގެ ލޯތައް އަބަދުހެން ހުއްޓިފައި އޮންނަނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް ވާގޮތެއް ބެލުމަށްވުރެ ބޮޑު އެހެން ކަމެއް ސިޔާސީ ގޮތުން އޮންނަ ކަމަކަށްވެސް ނުވެއެވެ.
އެމްޑީޕީ ނޫން ބަޔަކު ވެރިކަމުގައި އޮތަސް ސަރުކާރު ހިންގާ މީހުންގެ ބޭނުމަކަށް ވެފައި އޮންނަނީ ސަރުކާރު ހިންގުމަށްވުރެ އެމްޑީޕީގެ ބާރު ކަނޑުވާލުމަށް މަސައްކަތްކުރުމެވެ. މައުމޫނާއި ވަހީދާއި ޔާމީނުވެސް ކުރީ އެކަމެވެ. މުއިއްޒު ސަރުކާރުން ކުރަނީ ވެސް އެ މަސައްކަތެވެ. ކުދި ޕާޓީތައް ހަދައިގެން އެއްބަޔަކު ކުރާ މަސައްކަތަކީ އެމްޑީޕީ އޮފު ކެނޑުވުމެވެ. އަނެއް ބަޔަކު ކުރާކަމަކީ އަސްލު އެމްޑީޕީއަކީ ތިމަންނާމެންނޭ ކިޔައިގެން އެމްޑީޕީ ލޯޔަލިސްޓުންގެ ހިތް އަތުލައިގެން އެމްޑީޕީގެ މަގާމް ހޯދަން މަސައްކަތްކުރުމެވެ. ގިނަ ފަހަރަށް އެކަން ކުރަނީ އެމްޑީޕީގެ ލީޑަރޝިޕުން ފޭލިވާ މީހުންނެވެ.
އެމްޑީޕީގެ ލީޑަރޝިޕް ހޯދުމަށް އެމްޑީޕީގެ ތެރޭގައި ތިބެ މަސައްކަތްކޮށް ކާމިޔާބު ނުވެގެން ނިކުމެ ޕާޓީ ހަދައިގެންވެސް ކުރާކަމަކީ އެމްޑީޕީގެ ތެރެއިން ބަޔަކު ގެންގޮސްގެން އަސްލު އެމްޑީޕީއަކީ ތިމަންނާމެންނޭ ކިޔައިގެން ބައި ބޮޑުކުރެވޭތޯ ބެލުމެވެ. އެކަމަކު އާހިރުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ގެ ލިބަރަލް ޕާޓީއާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރު ހެދި އެމްއާރއެމް އާއި ޑރ. ވަހީދުގެ ގައުމީ އިއްތިހާދާއި ލޭބަރ ޕާޓީއަށްވެސް ޖެހުނީ އެއްހާލެވެ. މެންބަރުން ހަމަވާ ނުވާގައި އޮވެ ސިޔާސީ ގޮތުން ބުރަދަނެއް ނުލިބި އުވިދިޔައީއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ވިންގުން އުފެއްދި ދަ ޑިމޮކްރެޓްސް އަށްވެސް ވަކި އެހެން ގޮތެއް ވާނެހެއްޔެވެ. ހަގީގީ އެމްޑީޕީ ފިކުރަކީ ޑިމޮކްރެޓްސްއިން ކަމަށް އެމީހުން ދައުވާކުރެއެވެ. ޑިމޮކްރެޓްސް ނޫން އެހެން ހުރިހާ ޕާޓީއެއްގައި އުޅޭނީ ޑިމޮކްރަސީ ނުދަންނަ ވަގުން ކަމަށް ޑިމޮކްރެޓްސް އިން ތުހުމަތު ކުރެއެވެ. ކިތަންމެ ބޮޑު މުޑުދާރު ތުހުމަތެއް އެޅިފައި ހުންނަ މީހަކަސް ޑިމޮކްރެޓްސްގައި ހުންނައިރު އެ މީހަކީ ސާފު ބޯކިރު ފޮދެކެވެ. އެއަށްވުރެ ވަކީން ތޯހިރު އެއަށްވުރެ ވަކީން ނަޒާހަތްތެރި އެއަށްވުރެ ވަކީން މައުސޫމް ބަޔަކު ނުތިބެއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރަން އުޅުނު މީހަކަސް ރައީސް ނަޝީދުގެ ލީޑަރޝިޕް ގަބޫލުކޮށްގެން ނަޝީދާއެކު ހުންނަހާ ހިނދަކު އެމީހަކީ ބާގީއަކަށް ނުވެއެވެ. ހާއިނަކަށް ވަގަކަށް ނުވެއެވެ. 2013ގައި އެމްޑީޕީގެ ޓިކެޓްގައި ރައީސްކަމަށް ނަޝީދު ވާދަކުރަން ތައްޔާރު ވަމުން ދިޔައިރު އަބްދުއްލާ ޝާހިދާއި ތަސްމީނާއި އަލީ އާޒިމާއި ނާޝިޒް އާއި ރޮޒޭނާ ފަދަ މީހުން އެމްޑީޕީއާ ގުޅުނުއިރު އެއިން އެކަކީވެސް ބާގީއަކަށް ނުވިއެވެ.
ނަޝީދަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ކާމިޔާބު ކުރަން ޕޯޑިއަމްތަކަށް އަރާ ވާހަކަ ދައްކަން ޝާހިދާއި ރޮޒޭނާ ވަރުގެ ބަޔަކު ނެތެވެ. އެއިން އެކެއްގެ ގައިގާ ބަގާވާތުގެ އަސަރެއް ވެސް ހުރިކަމަކަށް ނުވިއެވެ. ރައީސް ނަޝީދު ޖަލުން ދޫކޮށްލަން ގޮވާލި މުޒާހަރާތަކުގައި މަގުމަތީގައި އުޅެން ރޮޒޭނާމެން ވަރެއް ނެތެވެ. އޭރު އެއީ ވަރުގަދަ ރީދޫ ލަޝްކަރުގެ އިސް ފަހުލަވާނުންނެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރކަމުގައި ހުރިއިރު އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ތަކުރާރުކޮށް ހޮވަންވެސް އަބްދުއްލާ ޝާހިދާއި ރޮޒޭނާއާއި ނާޝިޒު އާއި އަލީ އާޒިމް ވަރެއް ހަމަނެތެވެ. ކެންދޫ ދާއިރާއިން މައުރޫފް ޒާކިރަށް ޕްރައިމަރީން ލިބުނު ޓިކެޓެއް ދަމައިގެންފާ މަޖިލިހަށް ހޮވަން ތަސްމީނަށް އެމްޑީޕީ ޓިކެޓް ދޭން ވެސް ރައީސް ނަޝީދަށް އޭރު ކަމު ދިޔައެވެ. ރައީސް ނަޝީދު ވެރިކަމުން ވައްޓާލާ ވެލި ކާންދޭން ތަސްމީނު އުޅުނު ކަމަކަށް އެ ދުވަހަކު ނުވިއެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމުން ފުލުސް އޮފީހަށް ވަދެ އުފާ ފާޅުކޮށް ބަގަލްގީރުކޮށް ހެދި ބަގާވާތުގެ ލީޑަރުން ކަމަށް ބެލެވޭ މީހުންތެރޭގައި ތަސްމީނު ހިމެނުނު ކަމަކަށް އޭރަކު ނުވިއެވެ.
އެމްޑީޕީގެ މިހާރުގެ ލީޑަޝިޕް ފޭލިކޮށްލާ ބައިބައި ކޮށްލައިގެން އެމްޑީޕީގެ ސަޕޯޓަރުންގެ ހިތްއަތުލައިގެން 2028 ހޯދުމުގެ ބޭނުމުގައި ރައީސް ސޯލިހާއި ފައްޔާޒު އިސްމާއީލާއި އަބްދުއްލާ ޝާހިދަށް ސިޔާސީ ހަމަލާތައް ކެނޑިނޭޅި ދިނަސް އެމްޑީޕީ ރޫޅައެއް ނުލެވޭނެއެވެ. އެކިއެކި އެޖެންޑާ ހިފައިގެން އެމްޑީޕީ ހިސޯރު ކުރަން މަސައްކަތްކުރި ކޮންމެ ބަޔަކުވަނީ ސިޔާސީ ގޮތުން އެނބުރި ނާދެވޭ ވަރަށް ފޭލިވެފައެވެ. ފިކުރެއްގެ ދިރުމަށްވެސް ވާނީ ހަމަ އެވަރެވެ.