އަގީދާގައިވެސް ވައްޑެއަކީ ނަޝީދުގެ އަޅެއް
ވައްޑެއަކީ އަފްރާޝީމް ހިންގެވި މަގުން ހިނގޭވަރު މީހެއްނޫން
ޑރ. އަފްރާޝީމް ފުރުއްވި ގޮނޑީގައި އިންނަވައިގެން ޑރ. އަފްރާޝީމަށް ހުތުރު އަރުވަން ވައްޑެ ލަދެއް ނުގަނެއެވެ. ޑރ. އަފްރާޝީމްގެ ހަޔާތްޕުޅުގައި އެ މަނިކުފާނަށް އެންމެ ދުއްތުރާ ކުރި މީހަކީ ކެނެރީގޭ ނަޝީދެވެ. ޑރ. އަފްރާޝީމްގެ ސިޔާސީ ހަޔާތުގައި އެ މަނިކުފާނަށް އެންމެ ގޯނާކުރި މީހަކީ ނަޝީދެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ޑރ. އަފްރާޝީމް ހުންނަވާތީ ކެތްނުކުރެވިގެން ޖޭއެސްސީގެ މެންބަރ ކަމުން ޑރ. އަފްރާޝީމް ވަކިކުރުމުގެ ހުރިހާ ކަމެއް ހިންގީ ސީދާ ނަޝީދެވެ. އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރެގެންނެވެ.
ޑރ. އަފްރާޝީމަށް ނިސްބަތްކޮށް ކެނެރީގެ ނަޝީދު ޅެމެއްގެ ސިފައިގައި ދައްކާދޭން އުޅޭ އަގީދާއަކީ ކޮބައިކަން ފައިނު ވައްޑެމެނަށް އޮޅުނަސް ގިނަ ދިވެހިންނަކަށް ނޯޅެއެވެ.
ޑރ. އަފްރާޝީމްގެ އާދޭސްގެ ނަމުގައި ނަޝީދު ކިޔާފައި އޮތް އެއްޗެއް ބައްލަވާލެއްވުމަށް ފަހު ނަޝީދުގެ އަމަލުތައް ހުރިގޮތް ހަނދުމަފުޅަށް ގެންނަވާށެވެ. މީހެއްގައި ހުރި ނޭއްގާނިކަމާއި ނުބައި ވިސްނުން އިހުސާސްކޮށް ލެއްވޭނެއެވެ.
މަޖިލިސް މެންބަރު ކަމުގައި ޑރ.އަފްރާޝީމް ހުންނެވުމުން އެންމެ ބޮޑަށް ހަޖަމު ނުކުރެވުނީވެސް ރައީސް ނަޝީދަށެވެ. ރާއްޖޭގެ މޫނުމަތިން އިސްލާމީ ޝިއާރު ފާޅުވާ ކަންކަން ފުހެލުމަށް ރައީސް ނަޝީދު ހިންގި ޖަރީމާ ހިންގުމަށް އެންމެ އުދަގޫވީ އަފްރާޝީމް މަޖިލީހުގެ މެންބަރަކަށް ހުންނެވުމުންނެވެ.
ރާއްޖޭގެ ރަސްމީ ތައުލީމުގައި އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އިހުތިޔާރީ މާއްދާއަކަށް އިސްލާމް މާއްދާ ހެދީ ނަޝީދުވެރިކަމުގައި ނަޝީދު އިސްވެ ހުރެއެވެ. އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއަކަށް ގާނޫނަކުން ހެދީ ޑރ. އަފްރާޝީމް މަޖިލީހުގައި އިންނަވާ ނަޝީދާ ދެކޮޅަށް ކުރެއްވި މަސައްކަތުންނެވެ.
އިސްލާމީ ތައުލީމުދޭ ކުއްލިއްޔާ ރައީސް ނަޝީދު އުވާލުމުން ގާނޫނަކުން ކުއްލިއްޔާ އަނބުރާ އިޔާދަ ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ޑރ. އަފްރާޝީމްއެވެ. ގާނޫނުލް އުގޫބާތުން ހައްދު ޖެހުން ނައްތާލުމަށް ހުރަސް އެޅުއްވުން ފަދަ އެތައް ކަމަކާ ހުރެ މަޖިލިސް މެންބަރެއްގެ ގޮތުގައި ޑރ. އަފްރާޝީމް އިންނެވުމަކީ ރައީސް ނަޝީދަށް ހަޖަމް ކުރެވުނު ކަމެއް ނޫނެވެ.
ޑރ. އަފްރާޝީމްގެ ދީނީ ވިސްނުންފުޅު ކަމަށް ސިފަވާ ގޮތަށް ރައީސް ނަޝީދު ހަދާ ކުރިން ވައިރަލް ވެފައިވާ ޅެމެއް އަލުން އުނގޫފާރު ދާއިރާގެ ގޮނޑީގައި އިނދެ ފައިނު ވައްޑެއް ޓްވީޓް ކުރިޔަސް ވައްޑެއަކީ ޑރ. އަފްރާޝީމް ހިންގެވި މަގުން ހިނގޭވަރުގެ މީހެއް ނޫނެވެ. ދީނީ ގޮތުންނާއި އަހުލާގީ ގޮތުންނާއި ސިޔާސީ ވިސްނުމުގައި ފައިނު ވަހީދަކީ މިނިވަނެއް ނޫންކަން އެނގެއެވެ. އަގީދާގައި ވެސް ވައްޑެއަކީ ނަޝީދުގެ އަޅެއްކަން މާބޮޑަށްވެސް ސާފުވެއްޖެއެވެ.
އެކަމަކު ބުނަން ހެއްޔެވެ. އަފްރާޝީމް ވިދާޅުވީ މިހެންނެވެ. އަފްރާޝީމް ވިދާޅުވީ ނަޝީދު އެބުނާ ހެނެއް ނޫނެވެ.