ގަތުން ހުއްޓުވަންވީ ޓީމޯ މުދަލެއް ނޫން - މުއިއްޒުގެ ދަތުރުތައް!

ގަތުން ހުއްޓުވަންވީ ޓީމޯ މުދަލެއް ނޫން - މުއިއްޒުގެ ދަތުރުތައް!

އިންޓަރނެޓްގެ އިތުބާރުހުރި ސައިޓްތަކުން އަގު ހެޔޮކޮށް މުދާގަތުމުގެ ދޮރު ބަންދު ކޮށްލުމަކީ މުއިއްޒު ސަރުކާރުގެ އަމާޒެކެވެ. ރާއްޖޭގައި ދައުރުވާ ބޭރު ފައިސާ ބޭރުވުން ހުއްޓުވުމުގެ ނަމުގައި ކުރާން އުޅޭކަމަކީ އާދައިގެ ދެރަވަރު މީހުންގެ ޖީބުތައް ކެނޑުމެވެ. ހުއްޓުވަންވީ ޓީމޯއިން އަގުހެޔޮކޮށް މުދާ ގަތުމެއް ޏޫނެވެ. ހުއްޓުވަންވީ މުއިއްޒުގެ ދަތުރުތަކެވެ.

ބީއެމްއެލްގެ ކާޑެއްެ ބޭނުންކޮށްގެން ކުރާ ބޭރުފައިސާގެ ކޮންމެ މުއާމަލާތަކުން %30 ޗާޖެއް ކުރުމަކީ ދެވޭ އަނިޔާއެކެވެ. ސްކޭމެކެވެ. ރާއްޖޭގެ ބާޒާރުން އިންތިހާ ދަރަޖައިގެ ބޮޑު އަގުގައި ގަންނަން ލިބޭން ހުންނަ އެއްޗެއް އިންޓަރނެޓްގެ އިތުބާރުހުރި ސައިޓްތަކުން އަގު ހެޔޮކޮށް ގަތުމަކީ ދިވެއްސަކު ކޮށްގެން ވާނެކަމެއް ކަމަކަށެއް މުއިއްޒު ނުދެކެއެވެ. 

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓް ވަނީ އިންޓަރނެޓްގެ އިތުބާރުހުރި ސައިޓްތަކުން އަގު ހެޔޮކޮށް މުދާ ގަންނާތީއެއް ނޫނެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓް ވަނީސަރުކާރުން ވިޔަފާރީގެ ސިޔާސަތު ބައްޓަންކޮށް ހިންގާ ގޮތުންނެވެ. ވިޔަފާރިތަކަށް މުދާގަތުމަށް ބޭނުންވާ ޑޮލަރު ބޭންކުތަކުން ހަމަ އަގުގައި ނުވިއްކެނީ އާއްމު ބެންކުތަކުގައި ހުންނަ ޑޮލަރުގެ %90 މަރުކަޒީ ބޭންކަށް ނަގާތީއެވެ. 

މަރުކަޒީ ބެންކްގައި ހުންނަ ޑޮލަރުތައް ތަޅާބުރުވަނީ ރައީސް މުއިއްޒުގެ ސިޔާސީ ބޭނުމަށެވެ. ރައީސް މުއިއްޒު ބޮޑެތި ފައުޖުތައް ގޮވައިގެން ރާއްޖޭން ބޭރަށް ދަތުރުކުރުން އޮތީ ހައްދު ފަހަނައަޅާފައެވެ. ނައިބު ރައީސާއި ވަޒީރުންނާއި އެކިފެންވަރުގެ ސިޔާސީ ވެރިންގެ ބޭރު ދަތުރުތަކަށް ހޭދަކުރާ ޑޮލަރު ވަކީން މަދެއްނޫނެވެ. ދުނިޔޭގެ އެތަންމިތާ ހުންނަ ދިވެހި އެންބަސީތައް ފުރެންދެން މީހުންލައިގެން އެ މީހުންނަށާއި އެ މީހުންގެ އާއިލާތައް ބޭރުގައި ބައިތިއްބައިގެން ހޭނުބަހައްޓާ ސަރުކާރުން ދަނީ ޑޮލަރުން ހަރަދު ކުރަމުންނެވެ. 

ލޯނު ދެއްކުމަށާއި ކާޑާއި ތެލާއި ބޭސްގަތުމަށާއި އާސަންދައާއި ބޭރުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ޑޮލަރުން ހޭދަކުރުން މަޖުބޫރުވާއިރު ސިޔަސީ ބޭނުމުގައި ސަރުކާރުން ޑޮލަރުތައް ތަޅާއަޅަމުން ހުއްޓުވާ ބަންދުކުރަނީ އާދައިގެ މީހާ ޒަރޫރީ ބޭނުމަށް އަގުހެޔޮކޮށް ތަކެތި ގަންނަން އޮންނަ ދޮރެވެ. 

މަނީ ލޯޏްދަރުންނާއި ޑްރަގް ޑީލަރުންނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ހަށިވިއްކާމީހުން ކެނޑިނޭޅި ކޮންމެ ދުވަހަކު ބޭރުކުރާހާ ޑޮލަރު ބޭރުކުރުން ހުއްޓުވޭނެ ގޮތެއް މުއިއްޒަކަށް ނުވިސްނެއެވެ.