ވައްކަން ހުއްޓާލާ އިސްރާފު ނައްތާލަންޖެހޭ: ސަން ޝިޔާމް
ކުރަންވީ އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން
ރާއްޖޭގެ ޓެކްސް ރޭޓުތައް ހުރީ އެންމެ ތަރައްގީ ގައުމުތަކާ އެއްހަމައިގައި ކަމަށް ސަން ޝިޔާމް ވިދާޅުވެއްޖެއެވެ. ޓެކްސް ނެގުމުގައި ސިންގަޕޫރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއަށް ރާއްޖެ ދޫނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަން ޝީޔާމް ވިދާޅުވާ ގޮތުން ސަރުކާރުން ޓެކްސް ބޮޑު ކުރި ނަމަވެސް ވައްކަމާއި އިސްރާފު ކުރާނަމަ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ޓެކްސް ނަގަމުން ގޮސް ރާއްޖެ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި މިއަދު ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އޮނަރަބަލް ޝިޔާމް ވިދާޅުވިއެވެ.
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ދެކިވަޑައިގަންނަވާ ގޮތުގައި މިހާރު ވެސް ސަރުކާރުން ދަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގަމުންނެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ގެންދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުންނެވެ. ބޮލަކަށް ޖެހޭ މިންވަރު ބަލާނަމަ ރާއްޖެއަށް ޓެކުހުން ލާރި ވެސް ލިބެއެވެ. ރާއްޖެއަކީ އިރުދެކުނު އޭޝިއާގައި އޮތް އެންމެ މުއްސަނދި އެއް ގައުމުކަމަށް އޭނާ ވިދާޅުވިއެވެ.
"މި ވަގުތު ކުރަންވީ އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން" ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޓެކްސް އިތުރަށް 10 ގުނަ ދެއްކިޔަސް 100 ގުނަ ޖެއްސިޔަސް، 1000 ގުނަ ޖެއްސިޔަސް ކުރާނެ ރާހަތެއް ނޯންނާނެ ކަމަށް ަން ޝީޔާމް ދެކެވަޑައި ގަނެއެވެ.
ޝިޔާމް ވިދާޅުވީ އަވައްޓެރި ސްރީލަންކާ ބަނގުރޫޓުވީ އިސްރާފުތަކުގެ ސަބަބުން ކަމަށެވެ. ލަންކާ ބަނގުރޫޓު ވީއިރު ލަންކާ ސަރުކާރުގެ 1000 ކުންފުނި އޮތް ކަމަށާއި ރާއްޖެ ވެސް މިހާރު ފެންނަނީ އެ މިސްރާބުން އިސްރާފުކުރާތަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުން ގިނަ އަދަދެއްގެ އެސްސޯއީތައް އުފައްދައި ބޭކާރު ހަރަދުކޮށް އިސްރާފު ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާ ދެ ބިލިއަން ޑޮލަރު ކަނޑަށް އަޅައިގެން ކުރާނެ ރާހަތެއް ނޯންނާނެ ކަމަށް އެޑީއޭގެ ރައީސް ވިދާޅުވިއެވެ. އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކުރުން." ސިޔާމް ވިދާޅުވިއެވެ.
ސަރުކާރުން ޖަރީމާ ހިންގާ ކުންފުނިތައް ވަގުތުން ވަގުތަށް ހުއްޓައިގެން ނޫނީ މައްސަލަ ހައްލު ނުވާނެ ކަމަށް ސަން ޝިޔާމް ވިދާޅުވިއެވެ. ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރަން ޖެހޭނެ ކަމަށާއި ވައްކަންކޮށްގެން ނުވާނެ ކަމަށް މަޖިލީހުގައި ޓެކްސް ބިލަށް ބަހުސް ކުރައްވަމުން މަހުޖަނު ޝިޔާމް ވިދާޅުވިއެވެ.