ޗައިނާއާ ވާހަކަ ދައްކަން މުއިއްޒު ސިންގަޕޯރއަށް؟

ބަޖެޓް ސަޕޯޓް ހޯއްދެވުމުގެ ނުރަސްމީ ދަތުރު

ޗައިނާއާ ވާހަކަ ދައްކަން މުއިއްޒު ސިންގަޕޯރއަށް؟

ހުވާ ކުރެއްވުމަށްފަހު މުއިއްޒަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ 5 އަަހަރު ވަންދެން ރައީސް ޞޯލިޙް މެނޭޖް ކުރެއްވި ގޮތަށް ދައުލަތުގެ ޚަރަދުތަކާ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމެވެ.

ނޮވެމްބަރ 17 ގައި ހުވާ ކުރެއްވި ނަމަވެސް ނޮވެމްބަރ މަހުގެ މުސާރަ ހަމަޖެހިފައި އޮންނާނީ ރައީސް ޞޯލިޙްގެ ވެރިކަމުގެ ތެރެއިންނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑރ. މުއިއްޒުގެ ވެރިކަމުގެ ދައުލަތުގެ ޚަރަދު ތަކާއި ފުލް މަހެއްގެ މުސާރަ ހަމަ ޖައްސަން ޖެހޭނީ އަންނަ ޑިސެމްބަރ މަހުން ފެށިގެންނެވެ.

ދިރާސާ ކުރާ ފަރާާތްތަކުން ބުރަވާ ގޮތުގައި ޑރ. މުއިއްޒު ހުވާ ކުރެެއްވުމުގެ ކުރިން ސިންގަޕޯރއަށް މިރޭ ފުރާވަޑައިގަންނަވަނީ ބަޖެޓް  ސަޕޯރޓްގެ ގޮތުގައާއި އަދި އެހެނިހެންކަންކަމަށް ބޭނުންވާ ފައިސާ ޗައިނާ އިން ހޯއްދެވުމުގެ ވާހަކަތައް ޗައިނާގެ މަންދޫބުންނާ އެކު ނުރަސްމީކޮށް ބާއްވަން ކަމަށް ގަބޫލު ކުރެވެއެވެ.

ބަޖެޓް ސަޕޯރޓްގެ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ފައިސާ ދިނުމަކީ ޢާންމުކޮށް ހިނގާ ކަމެއް ނޫނެވެ. އެންމެ ފަސޭހައިން ބަޖެޓް ސަޕޯރޓްގެ ގޮތުގައި މިހާތަނަށް ރާއްޖެއަށް ފައިސާ ދިން ގައުމަކީ އިންޑިއާއެވެ.

މާލީ ގޮތުން އަތްމަތި ދަތި އަލަށް އަންނަ ކޮންމެ ވެރިޔަކަށް އެހީތެރި ވަނީ އިންޑިއާ ބޭނުންވާ ކަންކަމަށް އައު ސަރުކާރުން ވެސް އެއްބަސްނވާނަމަ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ފައިބުޑަށް ނުވެއްޓި ސަރުކާރު މެނޭޖް ކުރާނެ މާލީ އެހީތެރިކަން ރާއްޖެއަށް ދިނުމަށް އެންމެ އަވަސްވާނެ ގައުމަކީ  ޗައިނާއެވެ. ނަމަވެސް މީގެ ކޮންމެ ގައުމަކުން ވެސް އެއްޗެއް ދެންޏާ ދޭނީ ކޮންމެވެސް ގޮތަކުން ރާއްޖެ މަޅިއަކަށް ފެތޭ ގޮތަކަށެވެ. އެއީ ޚާއްޞަކޮށް ކުދިގައުމު ތަކާމެދު ދުނިޔޭގެ އިންސާފު އޮންނަ ގޮތެވެ. މިސާލަކަށް ފަލަސްތީނު އެއޮތީ ފެންނާށެވެ. 

އިގްތިޞޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ރާއްޖެ ހިންދެމި ލެވޭނެ އެންމެ އަވަސް މަގަކީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުން ކަމަށް ވިޔަސް އެއީ އިންޑިއާއިން ރުހޭ ކަމެއް ކަމުގައެއް ނުވެއެވެ.

ދުވާލަކު އެތައް ސަތޭކަ އާގުބޯޓް ފަހަރު އެސަރަހައްދު ހުރަސްކޮށް ދަތުރު ކުރިޔަސް އެކަމުން އިންޑިއާއަށް ނުރައްކަލެއް އޮތް ކަމަކަށް ނުވެއެވެ. ގޯހަކަށް ވަނީ އިހަވަންދިއްޕޮޅުގައި އެބޯޓް ފަހަރަށް ޚިދުމަތް ދީގެން ރާއްޖެއަށް ތަނަވަސް ކަމެއް ލިބި އެހެން ގައުމުތަކަށް ސަލާން ނުޖަހާ އުޅެވޭވަރުގެ ގައުމަކަށް ރާއްޖެވުމެވެ. 

ގަތަރުގެ ކުންފުންޏަކާ އެކު އެމަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ރައީސް ޞޯލިޙްގެ ވެރިކަން ނިމިއްޖެއެވެ. ދެން އޮތީ ޑރ. މުއިއްޒުގެ ވެރިކަމުގައި އެކަން ކުރިއަށްދޭތޯ ބަލަން ތިބުމެވެ.