ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދެވޭކަށް ނެތް: ރައީސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނަން ބޯކޮށް ލާރި އެބައޮތް!!
ރައްޔިތުންނަށް ކަންކަން ކޮށްނުދިނުމަށް ދަރަނިވެރި ކަމުގެ ބަހާނާ މުއިއްޒު ދައްކަން ފަށައިފިއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަވާލުކުރީ ދަރަނިވެރިކޮށްލާފައި އޮތް އިގްތިސާދެއް ކަމަށް ބުނެ މި ސަރުކާރަށް ވާރުތަވީ އިގްތިސާދު ގެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށް ރައްޔިތުން ގާތުގައި މުއިއްޒު ބުނަން ފަށައިފިއެވެ.
ކޮވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓި އެއްވެސް އާމްދަނީއެއް ނުލިބި ރައްޔިތުން ބަޑަށް ނުޖައްސާ ދައުލަތް މިހާ ހިސާބަށް ވާރުތަކޮށް ދިނީތީ ޝުކުރުވެރި ވުމުގެ ބަދަލުގައި އުފައްދަން މުއިއްޒަށް އެނގެނީ ނަފްރަތެވެ. ދަތި އުދަގޫ ހާލުގައި ވެސް ކުކުރާނުލާ ރައްޔިތުންގެ ޑިމާންޑްތައް ފުރިހަމަކޮށް ދެއްވުމުގައި މަތިވެރި ގުރުބަނީއެއް ވެވަޑައިގެން ރައީސް ސޯލިހާމެދު ނަފްރަތު އުފައްދައިގެން ރައްޔިތުން އެދޭކަންކަން ނުކޮށް ދައުލަތް ލޫޓުވާލަން މުއިއްޒު މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެތެވެ.
މާކަންވާ މީހަކަށް ހެދިގެން ދޮގު ވައުދުތައް ވެގެން ދައުލަތް ހިންގުމާ ހަވާލުވެދޭށޭ މުއިއްޒު ގާތުގައި މީހަކު ނުބުނެއެވެ. ދަރަނިވެރި ދައުލަތެއް ނަގާ ކޮނޑަށް ލައިގެން ހުރެ އިސްކަމޭ ތަރުތީބޭ ވައުދޭ ދަރަންޏޭ ނުކިޔާށެވެ. ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭށެވެ. ވެރިކަން ހޯދީ މަވަރެއް ނެތްކަމަށް ދެއްކިގެންނެވެ.
ކޮންމެ މަހަކު ސިޔާސީ މީހުންގެ މުސާރައަށް ބިލިޔަނުން ހަރަދު ކުރަން މުއިއްޒު ސަރުކާރުގައި ފައިސާ ހުރެއެވެ. ރިޔާސީ ގަނޑުވަރު އާބަތުރަ ފިލުވަން މިލިޔަނުން ހަރަދުކުރަން ސަރުކާރުގާ ފައިސާ ހުރެއެވެ. ހުވާކުރަން 22 މިލިޔަން ހަރަދުކުރުމަށް އޯކޭވީއެވެ. 22 ވުޒާރާއާއި އެތައް އައު ކުންފުންޏާއި އިދާރާތައް އުފައްދައިގެން ހަރަދު ކުރާނެ ފައިސާ މުއިއްޒު ސަރުކާރުގައި އެބަ އޮތެވެ. ބޮދުގެރި ބޭރަށް ހިންގާހެން މުއިއްޒާއި ސެންބެ ރާއްޖޭން ބޭރަށް ދަތުރު ކުރާނެ ފައިސާ ފުނިޖަހާފައި އެބަހުއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނަން ބޯކޮށް ލާރި އެބައޮތެވެ. ފުށިދިއްގަރުފަޅު ހިއްކާނެ ގޮތް މުއިއްޒަށް އެބައޮތެވެ. ޓްރިލިއަން ޑޮލަރު ހަރަދުކޮށްގެން ރަސްޓަނަލް އަޅާނެ ގޮތްވެސް މުއިއްޒަށް އެބައޮތެވެ. ލަންކާއަށް އެއަރ އެންބިއުލާންސް ދަތުރު ކުރާނެ ފައިސާ އެބަހުއްޓެވެ. ޑުބާއީއާއި ބެންކޮކުން އާސަންދަ ދޭނެ ފައިސާ އެބަހުއްޓެވެ. އިންޑިއާ ސިފައިންނާ ވާދަކޮށްލެވޭ ވަރަށް ވައިގެ އުޅަނދު ދުއްވޭވަރުގެ އަސްކަރީ ގާބިލުކަން އުފެއްދޭނެ ފައިސާ އެބަހުއްޓެވެ.
މުއިއްޒަށް ނެތީ ރަށްރަށުގައި ފަށާފައިހުރި އަސާސީ ހިދުމަތްތައް ނިންމާނެ ފައިސާއެވެ. ރަށްރަށުގައި ވަޒީފާ އަދާކުރާ އާއްމު ރައްޔިތުންނަށް ދޭކުޑަ މުސާރަކޮޅު ދޭނެ ފައިސާއެވެ.
އަޖައިބެއް ނުވާނެހެއްޔެވެ. ނިމިދިޔަ ފަސް އަހަރުތެރޭގައި ކަރަންޓް ކެނޑިގެންނާއި ބޭނުންވާ ވަރަށް ކަރަންޓް ނުލިބިގެން ރައްޔިތުން ރަށްރަށުގައި އުޅޭ އަޑެއް ނީވެއެވެ. އައްޑޫއާއި ނައިފަރު ފަދަ އެއްވެސް ތާކުން ފެނުގެ ހިދުމަތް ކެނޑިގެން އުޅޭ އަޑެއް ނީވެއެވެ. މިވެރިކަމަށް އައިފަހުން އެ ހުރިހާ އަޑެއް އެބަ އިވެއެވެ. މިސް މެނޭޖުގެ ވާހަކަ ދައްކަން މުއިއްޒު ލަދުގެން ބަލާށެވެ.
އަތްގުޅި ނުކާވަރު ވައުދުވަމުން ދަރަންޏޭ އާމްދަނީއޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން ނުހިނގާށެވެ. ކަންކަން ނުކުރުމުގެ ބަހަނާއަކަށް ކުރީ ސަރުކާރޭ ކިޔަކަސް އެވާހަކައެއް މިހާރަކު ނުހިނގާނެއެވެ. ފޮޓޯ ގަނޑަކާ ހުސް ގޮނޑިއެއް ވިއްކައިގެން ވެރިކަން ހޯދާ ހުސްގޮނޑި ތަކަކާ މުހާތަބުކޮށް ރިޔާސީ ބަޔާން އިއްވުނީމާ ލައްކައެކޭ ހީވަނީތާއެވެ. ތިޔަހެން ހޮޅި ހޮއްލަ ހޮއްލާ ހުއްޓާ ހޮޅިލާ ނަގަމުންދާ ރާޅުގެވަރު އެނގޭނީ ބިންދާލީމައެވެ.