އިބޫ ސަރުކާރު އައީ ޔާމީނު ސަރުކާރުގެ ދަރަނި އަދާކުރަން!
ސަރުކާރުން ކުރަން އޮތްކަމަކީ ޔާމީނު ސަރުކާރުގެ ދަރަނި އަދާކުރުމުގާ ތިބެ ދައުރު ނިންމުމެއްނޫން
ޕީޕީއެމް- ޕީއެންސީގެ މެންބަރުންނާއި ރައީސް ނަޝީދުމެން ދަރަނީގެ ވާހަކަ ދައްކަން މަޖިލީހުގައި އަނގަ ހުޅުވަން ލަދު ނުގަންނަކަމެވެ. އެމްއެމްޕީއާރުސީން އެކަނި ވެސް ދައުލަތުގެ ހަޒާނާގައި ހުންނަން ޖެހޭ 65.01 މިލިޔަން ޑޮލަރު ދިރުވާލައިގެން ހުރެ ވެރިކަން ހޯދަން އުޅެން ޔާމީނު ހަޔާތް ނުގަންނަކަމެވެ. މި ދައްކަނީ ހަމައެކަނި އެންމެ އޮފީހަކުން ދިރުވާލައިގެން ހުރި 1.2 ބިލިޔަން ދިވެހި ރުފިޔާގެ ވާހަކައެވެ. އެއީ އަދި ލިޔެ ކިޔުމުން އޮޑިޓަށް ފެންނަން އޮތްވަރެވެ. ހަވާސާއިން ބޭރުން ކަޅާކޮށްލާފައި އޮންނާނީ ކިހާވަރެއްކަން ހިތައް އަރުވާލަން ވެސް ދައްޗެވެ.
ބޮޑު ހިޔާނާތް ޔާމީނުގެ މައްޗަށް ސާބިތުކޮށް ނުދެވޭ ކަމަށް އަނގަފުރާފައި ބުނާ މީހުން ބުނެ އުޅެއެވެ. ކަމެއް ސާބިތުވުމާ ނުވުމަކީ އެ ކަމެއް ނުހިނގުމެއް ނޫންކަން އެހެން ބުނާ މީހުންނަކަށް ނޭނގެއެވެ. ޔަގީނުން ވެސް އެނގޭކަމަކީ 65.01 މިލިޔަން ޑޮލަރުގެ ހިޔަނާތް ހިންގީ ޔާމީނު ސަރުކާރުން ކަމެވެ. ނުދެނެ ހުރީމޭ ބުނެ ކަމުން ރެކެވޭނީ އެ ކަމެއް އެ ސަރުކާރުގައި ނުހިނގާ ނަމަތާއެވެ.
ޔާމީނު ދައުލަތުގެ މިލްކިއްޔާތުގައި އޮބި އަޅައި ނެތް ދިޔައަށް ދަންދެން ފެލާލިއެވެ. ހާލެއްގައި ޖެހިގެން ވެސް ފަހުން އަންނަ ބަޔަކު ކުއްޔަށްދީ ވިއްކާލަން ފަޅެއް ގިރިއެއް ފިނޮޅެއް ހާ ހިސާބު ވެސް ނުބާއްވައެވެ. ގައުމުގެ މުޅި މުސްތަގުބަލު ފެލާލައިގެން ފައިސާ އެއްކޮށް ކައި ހުސްކުރިއެވެ. އޭރު ރާއްޖޭގައި ކުރިއްޔާ ކުރިކަމެއް ކުރީ ބޮޑެތި ބިޔަ ލޯނުތައް ނަގައިގެނެވެ. ޔާމީނުގެ ވެރިކަމުގައި ގައުމު އެހާ ބޮޑު ދެރުމަކުން ދަރުވަލީ ދުނިޔޭގެ އިގްތިސާދުގައި ލޮޅުމެއްނެތް ފާގަތި ދުވަސް ވަރެއްގައެވެ. ރާއްޖޭގެ އިގްތިސާދު ނުލަހިކު ދުޅަހެޔޮކޮށް އޮއްވައެވެ.
ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމަށް ފަޅުތަކާ ފަރުތަކާ ގިރިތައް ވިއްކިޔަސް ސަނީސައިޑްގެ ނަމުގައި 250 މިލިޔަން ޑޮލަރު ބޮންޑްގެ ގޮތުގައި ނަގާފައި އޮތެވެ. 250 މިލިޔަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑްގެ ދަރަނި ވެސް ވާރުތަވީ މި ސަރުކާރަށެވެ. ދައްކަން ޖެހުނީ މި ސަރުކާރަށެވެ. ދެއްކީ މި ސަރުކާރުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އެޅީ 140 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ ދަރަންޏަކީ ވެސް ދަރަނި އަދާ ކުރުމަށް އެންމެ ލޯލާރިއެއް ވެސް ޔާމީނު ސަރުކާރުން ދެއްކި ދަރަންޏެއް ނޫނެވެ. އެ ދަރަނި އަދާ ކުރަމުން އެ ދަނީ މި ސަރުކާރުންނެވެ.
ހިޔާ ފުލެޓު ވެސް ހަމަ އެހެންނެވެ. ހިޔާފްލެޓްގެ ލޯނާއި އިންޓަރެސްޓް ދައްކަން މިހާތަނަށް މި ސަރުކާރުން 2.9 ބިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ. އިންޓަރެސްޓާއި އެކު 7.58 ބިލިއަން ރުފިޔާ ދައްކަން އަދިވެސް އެބައޮތެވެ.
އެމްއެމްޕީއާރުސީ ކާލާ، ބިލިޔަނުން ލޯނުނަގާ، އެތަން މިލިޔަނުގެ ބޮންޑް ދަރަނީގެ ގޮތުގައި އޮތީ އެކަންޏެއް ނޫނެވެ. ރައްޖޭގެ މަސްވެރިންނަށް ދަރާފައި އޮތް 35.9 މިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރަށް ޔާމީނު ވާރުތަ ކޮށްދީފައި އޮތެވެ. މި ސަރުކާރުން ވަނީ މަސްވެރިންނަށް އޮތް އެ ދަރަނި ވެސް ހަލާސްކޮށް ނިންމާފައެވެ.
ހަމަ ތެދެކެވެ. މި ސަރުކާރުން ލޯނު ނަގާ ވާހަކަ ދައްކާ ބަޔަކު ދައްކަނީ ގޮތެއް ފޮތެއް ނެތީމައެވެ. ވާނުވާ އެނގިތިބެ ފިތުނަ އުފައްދާށެވެ. އެނގޭ ހެއްޔެވެ. ޔާމީނު ގައުމު ދަވާލާ ދަރަނިވެރި ކުރުވާފަ އޮތްވަރުން ދަރަނި އަދާ ކުރަން ދަރަނި ނަގަން އޮތީ ޖައްސާފައެވެ. ރަންކޮޅާއެވެ. މި ސަރުކާރު އައީ ޔާމީނުގެ ދަރަނިތައް އަދާކޮށްދޭކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ވަޒީފާ ދީގެން ވިޔަސް ގިނަ ބަޔަކަށް އާމްދަނީ އިތުރު ވާނެހާ ގޮތްގޮތް ހޯދަ ދޭށެވެ. ރައްޔިތުންނަށް ފާގަތިކަން ހޯދަދޭށެވެ. ކުރީ ސަރުކާރުގެ ދަރަނިތައް އަދާ ކޮށްލަ ކޮށްލާ ތިބެ ދައުރު ނިންމަލާކަށް ނޫނެވެ.