ބަންޑާރަ ބޮޑު ނައިބުން ހެދި ގޯހުގައި މަތިއެޅުން!
ގަބޫލު ނުކުރިޔަސް ޗާގޯސްގެ ސިޔާދަތީ ބާރު މިހާރު އޮތީ މޮރިޝަސްއަށް
އެއްވެސް އިރެއްގައި ގާނޫނީ ފަންނުގައި ދިޔާނާއާއި އާޒިމާއާއި މުނައްވަރަކީ އެއްވެސް ކަމެއްގައި އެއް ނަޒަރިއްޔާއަކުން ވާހަކަ ދައްކަވާ އުޅުއްވި ބޭފުޅުންނެއް ނޫނެވެ. ސިޔާސީ ހިޔާލު ތަފާތުވުމާހުރެ ކޮންމެ ކަމެއް ސިޔާސީ ކުރައްވައިގެން ސިޔާސީ ނަޒަރުން ތަފާތު މަފްހޫމެއްގައި ނޫނީ މި ބޭބޭފުޅުން ވާހަކަ ދައްކަވާފައި ވާތީ ނުފެނެއެވެ. އާދޭހެވެ. އަނގައެއް އޮތީމާ ވާހަކަ ދެއްކި ދާނެއެވެ. މުޅި ވާހަކައިގެ ރާގު ބަދަލުކޮށްގެން ވެސް ދިޔާނާ ސައީދުމެން ތިޔަ ދައްކަވަނީ ކޮން ވާހަކައެއް ކަން ގިނަ މީހުނަށް އެބަ އެނގެއެވެ.
މި ބޭބޭފުޅުން ޗާގޮސް މައްސަލައިގާ އެއްގަލަށް އަރުއްވައިގެން އެކައްޗެއް މިކިޔުއްވަނީ ކޮންމެހެން ގައުމީ މަސްލަހަތަށް އިސްކަން ދީގެނެއް ނޫނެވެ. ޗާގޯސް މައްސަލައަކީ ސިޔާސީ ކަމަކަށް ނުހައްދަވާކަށްވެސް ނޫނެވެ. ރައީސް ކަމަށް ކުރިމަތި ލައްވަނެ ކަން އިއުލާނު ކުރައްވައިގެން ހުންނަވާ އިދިކޮޅު ސިޔަސީ ވާދަވެރިން އެއްކުރައްވައިގެން ކުރެވޭ ކަމެއް ސިޔާސީ ނުވަންޏާ ސިޔަސީ ވާނެ ކަމެއް ނުއޮންނާނެއެވެ. އެ އުޅުއްވަނިކީ ސަރަހައްދީ އިމުގެ މައްސަލައަކަށް ވެގެން ގައުމީ މަސްލަހަތު އިސްކޮށް ގެނެއްވެސް ނޫނެވެ. އަބަދުވެސް ސިޔާސީ ގޮތުން ގަދަބަސް ވިދަޅުވާ ދެކަނބަލުން ކަމުގައިވާ ދިޔާނާއާއި އާޒިމާއާއި ޑރ. މުނައްވަރު ސިޔާސީ ކަމެއް ނޫނޭ ވިދާޅުވެ ސިޔާސީ ގޮތުން ޕްރެޝަރ އުފައްދާ މަގުސަދު ސާފެވެ. އާއްމުންނަށް އޮޅުވާލަވަނި ކީއްވެގެން ކަން އެންމެނަށް ވެސް އެނގެއެވެ.
ވިސްނާލުން ރަނގަޅެވެ. ޗާގޯސް މައްސަލައިގައި ޑރ. މުނައްވަރާއި އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އެއް ވިސްނުމެއްގައި އެއްގަލަކަށް އަރުއްވައިގެން އެކަޗެއް ވިދާޅުވަނީ ރައްޔިތުންނާއި ގައުމަށް ހެވެއް އެދިވަޑައިގެނެއް ނޫނެވެ. ތިން ބޭފުޅުން އެކައްޗެއް ވިދާޅުވެ ދިފާއު ކުރައްވަން ޖެހޭ ވަރަށް ބޮޑު އަމިއްލަފުޅު އެއް މަސްލަހަތެއް ތިން ބޭފުޅުންނަށްމެ އެބައޮތެވެ. ރާއްޖޭގެ ބަންޑާރަ ނައިބު ކަމުގައި ތިއްބަވައިގެން އިމުގެ މައްސަލައިގައި ހައްދަވާފައި ހުރި ގޯސްތަކާއި ވެވަޑައިގެންފައިވާ އިހުމާލުތައް ދިފާއު ކުރެއްވުމެވެ.
އީއީޒެޑް އިން ފުށުއަރާ ސަރަހައްދެއް ފުށުއަރާ ބަޔަކާއެެކު އެއްބަސްވާ ގޮތަކަށް ބަހައިގެން އިގްތިސާދީ ސަރަހައްދުން ދޫކޮށްލަން ގާނޫނުގައި ލިޔެގެން ތިބި ތިބުމެވެ. އެ ގާނޫނަށް އިސްލާހެއް ނުގެނަސް ތިބި ތިބުމެވެ. ޗަގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިބި ތިބުމެވެ. ކޮންޓިނެންޓަލް ޝެލްފް ބައުންޑަރީގެ މައްސަލައަށް ހައްލެއް ހޯދާ ނުދީ އޮތް އޮތުމެވެ. ޗާގޯހަކީ ދުވަހަކުވެސް މިނިވަން ވެދާނެ ތަނެއްކަމަށް ނުވަތަ އެތާނގެ ސިޔާދަތީ ބާރު ސަރަހައްދީ ގައުމަކަށް ލިބިދާނެ ކަމަށް ގަބޫލުނުކޮށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ޗާގޯސްގެ ވެލިރާޅުފަށް ދަމަލައިގެން ތިބެވިދާނެ ކަމުގެ ކޮށި ވިސްނުމުގައި ކަމެއް ނުކޮށް ތިބި ތިބުމެވެ.
ކިތަންމެ ފުންނާބު އުސްވެގެން ގަބޫލު ނުކުރިޔަސް ޗާގޯސްގެ ސިޔާދަތީ ބާރު މިހާރު އޮތީ މޮރިޝަސް އަށެވެ. އެކަން ބަދަލުކުރަން ލިބުނު ހުރިހާ ފުރުސަތެއް ނަގާލުމުގައި އެންމެ އިސް ދައުރު ކުޅުއްވި ތިން ބޭފުޅުން މި މައްސަލާގައި އެއްގަލަށް ނާރާ ވާކަށް ނެތެވެ. އަދިވެސް ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ނޫނޭ ވިދާޅުވެގެން ކުރެއްވި ކަންކަމުގައި މަތި އަޅުއްވަން މިޑިއާ ސްޓަންޓް ޖެއްސެވިޔަސް އެ ގެއްލުން ފުލެއް ނުބެއްދޭނެއެވެ.
ރާއްޖޭގެ އުތުރުން އިގްތިސާދީ ސަރަހައްދާ ސިޔާސީ ސަރަހައްދުން ބަޔަކާ މަލިކުއާއި ކޮންޓިނެންޓަލް ޝެލްފް ބައެއް ދޫކޮށްލީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫންގެ 7 ވަނަ މާއްދާ ލިޔެ ތަސްދީގުކޮށް ދަމަހައްޓައިގެންނެވެ. އެއިރަކު އެއްޗެއް ގެއްލުނު ކަމަކަށް ނުވެއެވެ. އަޖައިބު ކުރުވަނިވި ކަމަކީ ޗާގޯސްއާއި ޖެހުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫންގެ 7 ވަނަ މާއްދާއާއި އެއްގޮތަށް މި ސަރުކާރުން އަމަލު ކުރުމުން އެބޭފުޅުންނަށް އެކަން ގައިރު ގާނޫނީ ކަމަކަށްވެ ސަރަހައްދުން ބައެއް ދޫކޮށްލި ކަމަށް ވުމެވެ. ހަމަތެދެކެވެ. ތިޔަ އުޅުއްވަނީކީ މިސަރުކާރުން ގޯހެއް ހަދައިގެނެއް ނޫނެވެ. ކުރިން ހެއްދެވުނު ގޯހުގައި މަތި އަޅުއްވާށެވެ.