ވޯލްޑް ބޭންކުންވެސް ޖަހަނީ ރާއްޖެ ބަނގުރޫޓްވުމުގެ ރަނގަބީލު!

މުއިއްޒުދުވެލީގައި ގައުމު ބަނގުރޫޓްވާން ދޫކޮށްގެން ތިބެވޭކަށް ނެތް

ވޯލްޑް ބޭންކުންވެސް ޖަހަނީ ރާއްޖެ ބަނގުރޫޓްވުމުގެ ރަނގަބީލު!

އާޖެންޓީނާ ބަނގުރޫޓް ވުމުގެކުރިން އެގައުމު ބަނގުރޫޓް ވުމުގެ ރަނގަބީލު ވޯލްޑް ބޭންކުން ކުރިޔާލާ ޖެހިއެވެ. ކަންކަން ހައްދުންނެއްޓިފައި އޮތުމުން ވޯލްޑް ބޭންކްގެ އިންޒާރަކަށް އާޖެންޓީނާއިން މާބޮޑުސަމާލުކަމެއް ނުދެއެވެ. އާހިރުގައި 26 ޑިސެމްބަރު 2001 ގައި އާޖެންޓީނާގެ ބޭރުގެ ދަރަނީގެ ޖުމްލަ 93 ބިލިއަން އެމެރިކާ ޑޮލަރު ޑިފޯލްޓްވެ އެގައުމު ބަނގުރޫޓްވީއެވެ. އާޖެންޓީނާ ބަނގުރޫޓްވީއިރު އޮތް ބޭރުގެ ދަރަނީގެ %51 އެގައުމަށް އަދާކުރެވުނީ ވޯލްޑް ބެންކުގެ އެހީތެރިކަމާއެކު 3 އަހަރު ދުވަހުންނެވެ.   

އާޖެންޓީނާ ބަނގުރޫޓް ވުމުގެކުރިން އެ ގައުމާއި ބެހޭގޮތުން ވޯލްޑް ބޭންކުން ނެރުނު ޒާތުގެ ރިޕޯޓެއް ރާއްޖެއާ ބެހޭގޮތުންވެސް ވޯލްޑް ބޭންކުން އެއޮތީ ނެރެފިއެވެ. މުއިއްޒު ސަރުކާރުން އެކަމަށް މާބޮޑު އިސްކަމެއް ދެތަނެއް ނުފެނެއެވެ. ވޯލްޑް ބޭންކުން ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށްބަލާ ކަންތައް ތަކެއް ވަނީ ފާހަގަ ކޮށްފައެވެ. އެކަންކަން ހަމަ މަގަށް ނޭޅުވެއްޖެނަމަ ރާއްޖެއެއް ކަމަކު ބަނގުރޫޓްވުމަކީ ވަރަށް ގާތްކަމެކެވެ. 

ވޯލްޑް ބޭންކުން ރާއްޖޭގެ ހާލަތާގުޅޭގޮތުން ފާހަގަ ކުރާކަންތައް ތަކަކީ: 

  •  އިގްތިސޯދު ކުރިއެރުން: 2024 ގެ ކުރީކޮޅު ފަތުރުވެރިކަން ކުރިއަރާ އިގްތިސާދަށް ކުރިއެރުން ލިބުނު ނަމަވެސް ތަކެތީގެ އަގު މައްޗަށް ދިއުމާއި ފަތުރުވެރިން ރިސޯޓްތަކަށް ކުރާ ހޭދަ ކުޑަވުމުން ލިބެންޖެހޭ ނަފާ ނުލިބުން.
  • ފިސްކަލް ޑެފިސިޓް އާއި ދަރަނި: 2024 ގެ ކުރީކޮޅު ޕްރޮޖެކްޓްތައް ހުއްޓާލުމުން ސަރުކާރުގެ ފިސްކަލް ޑެފިސިޓް ކުޑަވިނަމަވެސް ސަރުކާރުގެ ފަރާތުން ކޮންޓްރެކްޓަރުންނަށާއި މަސްވެރިކަމާއި ސިއްހީ ދާއިރާއަށް ދޭން ހުރި ފައިސާ ނުދެވި އެތެރޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާކަން.
  • ބޭރުގެ ދަރަންޏާއި ފައިނޭންސިންގ: 2024 ގައި ބޭރުގެ ދަރަނީގެ ހިދުމަތުގެ އަގު ވަރަށް ބޮޑަށް އިތުރުވެ، ސަރުކާރަށް ބޭރުން ފައިސާ ހޯދުމުގެ ފުރުސަތުތައް ހަނިވެ ދަރަނި އަދާކުރުމުގައި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާންޖެހުމާއި ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވާތީ ފައިސާ ހޯދުމަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވުން.
  • ބޭރު ފައިސާގެ ރިޒަރވް: ގައުމުގެ ބޭރު ފައިސާގެ ރިޒަރވް ވަރަށް ބޮޑަށް ދަށްވެ އެންމެ މަހެއްގެ އިމްޕޯޓަށް ފުދޭ މިންވަރަށް ފައިސާގެ ދަތިކަން އިތުރުވެފައިވުން
  • ދިރިއުޅުމުގެ ފެންވަރު: ތެލާއި، ކަރަންޓާއި، ކާބޯތަކެތީގެ ސަބްސިޑީ ކަނޑާލުށް ރޭވިފައިވާތީ، އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ދަށްވުމުގެ ބިރު އެބައޮތުމާއި ފަގީރުކަން އިތުރުވުން.
  • ބޭރުގެ ފިއްތުންތައް އިތުރުވުން: ވިޔަފާރީގެ ޑެފިސިޓް ބޮޑުވެ، މަސް އެކްސްޕޯޓްކުރުން ދަށްވެފައިވާތީ ކަރަންޓް އެކައުންޓް ޑެފިސިޓްގައި ހުރުން. ފަތުރުވެރިކަމުން ކޮންމެވެސް ވަރަކަށް ލުޔެއް ލިބުނު ނަމަވެސް މުޢަމަލާތުތަކާ ގުޅިގެން ދައްކަންޖެހޭ " ބޭރުގެ ބެލެންސް" ނާޒުކު ހާލަތެއްގައި އޮތުން. 
  • އިސްލާހުތަކުގެ މުހިންމުކަން: ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ހޯދުމަށް ބޮޑެތި ފިސްކަލް އިސްލާހުތަކެއް ގެންނަން ޖެހޭ. އެގޮތުން ސިއްހީ އިންޝުއަރެންސް ނިޒާމު ހަރުދަނާ ކުރުމާއި، ސަރުކާރުގެ ކުންފުނިތަކަށް އިސްލާހީ ބަދަލުތަކެއް ގެނައުމާއި، ސަރުކާރުގެ ހޭދަތައް ކުޑަކުރުން.
  • ޓްރާންސްޕޭރަންސީގެ މައްސަލަ: މާލީ ހިސާބުތައް ހާމަކުރުމުގެ މުހިންމު ކަން ފާހަގަކޮށް ސަރުކާރުން މާލީ ތަފާސްހިސާބުތައް ޝާއިއުކުރުން ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނައުން. 
  • ބޭންކިންގގެ ހާލަތު: ބޭންކިންގ ދާއިރާއިން ސަރުކާރަށާއި ސަރުކާރުގެ ކުންފުނިތަކަށް ދޫކޮށްފައިވާ ދަރަނި އިތުރުވެފައިވާތީ، އިތުރު ރިސްކުތަކެއް މާލީ ނިޒާމަށް ކުރިމަތިވެފައިވޭ.
  • ފިސްކަލް ހަރުދަނާކުރުމުގެ މުހިންމުކަން: އިގްތިސާދީ ހަމަޖެހުން އަލުން ހޯދުމަށްޓަކައި ފިސްކަލް ޕޮލިސީ ހަރުދަނާކުރުން ވަރަށް މުހިންމު ކަމާއިސަރުކާރުގެ އިންވެސްޓްމަންޓްތައް ރަނގަޅަށް ބެލެހެއްޓުމާއި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ އިސްލާހުތަކެއް ނުގެނެވިއްޖެނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނީގެ ހިދުމަތުގެ އަގު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ލަފާކުރުން.

ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ވޯލްޑް ބޭންކުން ދީފައިވާ އިރުޝާދުތަކާއި ކަންބޮޑުވުންތަކަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖެ ބަނގުރޫޓް ވުމުގެ ފުރުސަތު ބޮޑެވެ. އެއްވެސް ގައުމެއް ބަނގުރޫޓް ވަނިއްޔެކޭ ވޯލްޑް ބޭންކުން ސާފުބަހުން ނުބުނާނެއެވެ. ރާއްޖޭގެ ހާލަތު ވޯލްޑް ބޭންކުން ސިފަކޮށްފައިވަނީ އާޖެންޓީނާ ބޭންކުރަޕްޓް ވުމުގެ ކުރިން ދިން އިންޒާރުގެ ރިޕޯޓާއި ދާދިއެއް ގޮތަށެވެ. އެހެނަސް އާޖެންޓީނާއަށް ވީގޮތެއް ރާއްޖެއަށް ނުވާނެކަމަށް ބަލައިގެން މުއިއްޒު ދުވެލީގައި އުނބަށް ޖަހަމުން ގައުމު ބަނގުރޫޓް ވާން ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ.