ނާޒިމް ލައްވާދިނީ މުއިއްޒު ކަމެއް ނުކޮށްދޭނެކަމުގެ އިންޒާރު!
އެއްވެސް ސަރުކާރަކުން ރައްޔިތުން މާޔޫހެއް ނުކުރާނެ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް (ނަމިރާ) އެދެއްކީ ސަމާސާ ވާހަކައެއް ނޫނެވެ. ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެ ދިނީ ނުރައްކާތެރި މެސެޖެކެވެ. ވާދަވެރިން ދައްކާ ކަހަލަ ވާހަކައެއް ވެރިކަން ކުރާޕާޓީގެ އިސް މަގާމެއްގައި ހުރެ ދެއްކުމުގެ ނިޔަތާ މެދު ވިސްނާލަން ޖެހެއެވެ.
ނާޒިމު އެދެއްކީ ހައްގު ވާހަކައެއް ކަމަށް ބަޔަކަށް ވެގެން އުޅެފާނެއެވެ. އެހެނެއް ކަމަކު ނާޒިމުގެ މަގާމާއި ހިމެނޭ ޕާޓީއާއި ރައީސް މުއިއްޒާ އޮތް ލޭގެ ގުޅުމާ ގާތްކަމަށް ބަލާލުމުން ނާޒިމް އެ ދެއްކި ވާހަކައިގެ ނިޔަތް ސާފެވެ. ގައުމުގެ ހަގީގީ މައްސަލައަށް ފޯކަސްކޮށް ދެއްކެވި އިހުލާސްތެރި ވާހަކައެއް ނަމަ އެ ވާހަކަ އެ ދެއްކީ ދައްކަންޖެހޭ މަގާމެއް ގައެއް ނޫނެވެ.
ނާޒިމުގެ ވާހަކައަކީ އިހުލާސްތެރި ވާހަކައެއް ނަމަ އެކަން ރައީސް މުއިއްޒުގެ އަމަލުން ފެންނާނެއެވެ. އެ ވާހަކަ މަޖިލީހުގެ ކޮމެޓީއާއި ހަމައަށް ދާނީ މާފަހުންނެވެ. ވެރިކަމުގައި ތިބެ މަޖިލީހުގެ ބޮޑު ބިޔަ މެޖޯރިޓީ ލިބުނު ދުވަހު ނޫން އަނެއް ދުވަހު ނިކުމެ ގައުމު އިނދަޖެހިއްޖެއޭ ކިޔައިގެން ނާޒިމު ވަރުގެ މީހަކު އެ ފާޑު ވާހަކައެއް ދައްކާނީ ހީލަތްތެރި ވިސްނުމެއްގައެވެ.
އުނދަގޫ ތަކާއެކު ވެސް ކުރީގެ އެއްވެސް ސަރުކާރަކުން ރައްޔިތުން މާޔޫހެއް ނުކުރެއެވެ. އެހީއެއް ނުލިބެއެކޭ ލޯނެއް ނުލިބެއެކޭ ނުކިޔައެވެ. ދަރަނި ދަންމާ ނުލެވިގެން އުޅޭ ކަމަކަށް ނުވެއެވެ. ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓައެއް ނުލައެވެ. މުއައްޒަފުން ވަތްކެއް ނުކުރެއެވެ. އާއްމު ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަވަރުގެ އެއްވެސް ކަމެއް ނުކުރެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ދިން އިފްތިތާހީ ތަގުރީރުގައި ވެސް ދެއްކީ ރައްޔިތުންނަށް ކަންކަން ނުކުރެވޭ ވަރަށް ރާއްޖޭ ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތް ވާހަކައެވެ. ކަންކަން ނުކޮށްދެވޭނެ ވާހަކައެވެ. މުއިއްޒުގެ މުޅި ވިސްނުން ހުރީ އިގްތިސާދީ ދަތިކަން ދައްކައިގެން ރައްޔިތުންނަށް ކަމެއްކޮށް ނުދިނުމެވެ. ރާއްޖޭގެ އެތަން މިތަން ވިއްކައިގެން ޖީބު ފުރާލުމެވެ. މުއިއްޒާއި ސާޖިދާގެ ވަންހަ ދިލަކޮޅަށް އާރާ ބާރާ ފައިސާ ހޯދާދިނުމެވެ. ވެރިކަން ދަމަހައްޓަން އެހީތެރިވާ މީހުނަށް ގޮތް ހޯދާ ދިނުމެވެ. ރައްޔިތުން ބަނޑަށް ޖެއްސުމެވެ.
ދެބެންގެ ދެދަރި ބޭބެ ނަމިރާ ނާޒިމު ލައްވާ މަޖިލީހުގައި އެ ދެއްކުވީ އެ ވާހަކައެވެ. ރައްޔިތުންނަށް ކަމެއް ނުކޮށްދޭނެ ވާހަކައެވެ. ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ނުހިންގާނެ ވާހަކައެވެ. ޓެކްސް ބޮޑުކުރާނެ ވާހަކައެވެ. ސިވިލްސާރވިސްއިން މުއައްޒަފުން ތަކެއް ކަނޑާލާ ކުންފުނި ތަކުން އެތައް ބަޔަކު ކަނޑާ އުކާލާނެ ވާހަކައެވެ. ނާޒިމު ލައްވާ އެބުނުވީ ރައްޔިތުނަށް ހިތިބޭސް ބޯން ދިނުން ނޫން ގޮތެއް ނުހަދާނެ ވާހަކައެވެ.